ސްޕޭނުގައި ކުއްލި ހާލަތު އިއުލާންކޮށް، ކާފިއު ހިންގައިފި
ސްޕޭނުގައި ކުއްލި ހާލަތު އިއުލާންކޮށް، ކާފިއު ހިންގައިފި

މެޑްރިޑް (އޮކްޓޯބަރު 26) - ސްޕޭނުގައި ކޮރޯނާވައިރަހުގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވާން ފެށުމުން ކުއްލި ހާލަތު އިއުލާންކޮށް، ރޭގަނޑުގެ ވަގުތުތަކުގައި މީހުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފި އެވެ.

ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ ރެއިން ފެށިގެން ކޮންމެ ރެއަކު 11 އިން ފެށިގެން ހެނދުނު 6 އާ ދެމެދު ކާފިއު ހިންގާނެ ކަމަށެވެ. ކާފިއުގެ މުއްދަތު ފުރަތަމަ އިއުލާންކުރީ 15 ދުވަހަށް ނަމަވެސް ބޮޑުވަޒީރު ވިދާޅުވީ އެ މުއްދަތު ހަ މަސް ދުވަހަށް އިތުރުކުރުމަށް ޕާލަމެންޓުގައި އެދޭނެ ކަމަށެވެ.

ސްޕޭނަކީ މި އަހަރުގެ ކުރީކޮޅު ކޮރޯނާވައިރަސް އެންމެ ހަލުވިކަމާ އެކު ފެތުރުނު އެއް ގައުމެވެ. ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސްޕޭނުން ވަނީ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ. ނަމަވެސް ޔޫރަޕުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ސްޕޭނަށް ވެސް މިހާރު ވަނީ ދެވަނަ ރާޅެއް ކުރިމަތިވެފަ އެވެ.

ޕޮޒިޓިވްވާ މީހުން އިތުރާން ފެށުމުން އިޓަލީގައި ވެސް ވަނީ ފިޔަވަޅުތައް އިއްޔެ އިން ފެށިގެން ހަރުކަށިކޮށްފަ އެވެ. ސިނަމާތަކާއި ސްވިމިން ޕޫލްތައް، ތިއޭޓަރުތަކާއި ޖިމްތައް މިއަދުން ފެށިގެން ބަންދުކުރަން ވަނީ ނިންމައިފަ އެވެ. ކެފޭ/ރެސްޓޯރެންޓް އަދި ބާތަކުން އިރުއޮއްސި ހައެއްގެ ފަހުން ޚިދުމަތް ދިނުން ހުއްޓާލާނެ އެވެ. ސަކަންޑަރީ ސްކޫލްތަކަގެ ކިޔެވުން ވެސް ވަނީ އޮންލައިންކޮށް ކިޔައިދިނުމަށް ބަދަލުކޮށްފަ އެވެ.

އިޓަލީގެ ބޮޑުވަޒީރު ޖިއުސެއްޕެ ކޮންޓޭ ވިދާޅުވީ މިދިޔަ މާޗް އަދި އެޕްރީލް މަހު އިޓަލީ ލޮކްޑައުން ކުރި ނަމަވެސް އެފަދަ ފިޔަވަޅެއް މިފަހަރު އަޅުއްވަން ގަސްދު ނުކުރައްވާ ކަމަށެވެ.

އިޓަލީން އިއްޔެ ވަނީ ރެކޯޑް އަދަދެއްކަމަށްވާ 21،200 މީހުން ޕޮޒިޓިވްވެފަ އެވެ.

ފްރާންސް އިން ވަނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ރެކޯޑް އަދަދެއް ކަމަށްވާ 52،010 މީހުން ޕޮޒިޓިވްވެފަ އެވެ.

ސްޕޭނުގެ ބޮޑުވަޒީރު ވިދާޅުވީ އެ ގައުމުގައި އަލަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އެއް ސިޓީން އަނެއް ސިޓީއަށް ދަތުރުކުރުން އުސޫލެއްގެ ގޮތުން މަނާވާނެ ކަމަށެވެ. ނަމަވެސް މަސައްކަތް ކުރުމަށާއި މެޑިކަލް ކަންކަމުގައި ދަތުރުކުރާ މީހުންނަށް ޚާއްސަ ހުއްދަ ދޭނެ ކަމަށް ވިދާޅުވި އެވެ. އެއްވެސް ސަރަހައްދެއްގައި ހަ މީހުންނަށް ވުރެ ގިނަ މީހުން އެއްވެއުޅުން މަނާވާނެ އެވެ.

ސްޕޭނުން މިހާތަނަށް ވަނީ 1,110,372 މީހުން ޕޮޒިޓިވްވެ 34،752 މީހުން މަރުވެފަ އެވެ.