27 އޮކްޓޯބަރ 2020 - 08:15

ބަތަލާ ކަންގަނާ ރަނާވަތަކީ އެކީގައި މަސައްކަތްކުރަން ވަރަށް އުނދަގޫ ބަތަލާއެއް ކަމަށާއި ފިލްމު "ސިމްރަން" ގެ މަސައްކަތްކުރި ދުވަސްވަރު އެއީ ބޮލުގެ ރިހުމެއް ކަމަށް ޑައިރެކްޓަރު ހެންސަލް މެހެތާ ބުނެފި އެވެ.

މީގެ ތިން އަހަރު ކުރިން ރިލީޒްކުރި "ސިމްރަން" އަކީ ކަންގަނާ ކުޅުނު ފިލްމުތަކުގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުނުދިޔަ ފިލްމެވެ. އެ ފިލްމު ރިލީޒްކުރި ދުވަސްވަރު އެންމެ ބޮޑަށް މީޑިއާތަކުގައި ދެކެވުނު ވާހަކަ އަކީ އެ ފިލްމުގެ ސްކްރީންޕްލޭގެ ތެރެއަށް ކަންގަނާ އަތްބޭނުމުން ސްކްރީން ރައިޓަރު އަޕޫރްވާ މެހެތާ އެކަމާ ހިތްހަމަނުޖެހިގެން ކަންގަނާ އަށް ބަހުގެ ހަމަލާތައް ފޮނުވަން ފެށުމެވެ. އަދި މި ހާޖާނުގަނޑުގެ ތެރޭގައި ކަންގަނާ ވެސް ވަނީ އަޕޫރްވާ އަށް އެތައް އެއްޗެއް ގޮވައި، ފިލްމުގެ މައި ޕްލޮޓަކީ އޭނާގެ އެއްޗެއް ކަމަށް ދައުވާކޮށްފަ އެވެ.
"ސިމްރަން" ގައި ކަންގަނާއާ އެކު ކުރަން ޖެހުނު ތަޖުރިބާއާ ބެހޭ ގޮތުން ހަފިންޓަން ޕޯސްޓަށް ދިން އިންޓަވިއުއެއްގައި ހެންސަލް ބުނީ އެއީ ރިހުން ބޮޑު މަސައްކަތެއް ކަމަށެވެ. އޭނާ ބުނީ އެ ފިލްމުގެ ތެރޭގައި އުފުލަން ޖެހުނު ބުރައާ އެކު، އެއީ ހަދަން ނޫޅެވުނު ފިލްމެއް ނަމައޭ ހިތަށް އަރާ ކަމަށެވެ.
"ޝާހިދު" އާއި "އޮމެތުރާ" އާއި "އަލީގަޅް" ފަދަ ފިލްމުތައް ގެނެސްދިން ހެންސަލް ތުހުމަތުކުރި ގޮތުގައި "ސިމްރަން" އެހާ ފީކަޅާ ފިލްމަކަށްވީ އޭގެ ތެރެއަށް ބޭނުމެއް ނެތް ގޮތުގައި ކަންގަނާ އަތްބާނައި ސްކްރީންޕްލޭއާ ކުޅެން ހަދައިގެންނެވެ.
"އަސްލު މިއީ އެހާ ދައްކާ ހިތްވާ ވާހަކައެއް ވެސް ނޫން. ސިމްރަމްގެ ތަޖުރިބާގެ ތެރެއަށް އަލުން ނުދާން އަހަރެން ބޭނުން ވަނީ. އެ ފިލްމުގެ ތެރޭގައި ދިމާވި ކަންކަމާ ހެދި އަހަރެން ދުވަސްތަކެއް ވަންދެން ނަފުސާނީ އުނދަގޫތަކެއްގެ ތެރޭގައި ވެސް އުޅެން ޖެހުނު." ހެންސަލް ބުންޏެވެ.
އޭނާ ބުނީ ކަންގަނާ އަކީ ބަތަލާއެއްގެ ގޮތުގައި ވަރަށް ހުނަރުވެރި، މޮޅު ފަންނާނެއް ކަމަށެވެ. އެކަމަކު ނުބެހޭ ކަންކަމާ ބެހި، އެކަންކަމުގެ ތެރެއަށް ކަންގަނާ ވަނުމަކީ "ސިމްރަން" ގެ މަސައްކަތްތަކަށް ދިމާވި ވަރަށް ދަތި އުނދަގޫ ގޮތެއް ކަމަށް ބުންނެވެ.
"ސެޓުން ބޭރުގައި ކަންގަނާއާ އެކީ ވަގުތު ހޭދަކުރުމަކީ އަހަރެން ގަޔާވާކަމެއް. އެކަމަކު ސެޓްގައި އޭނަގެ ފަރާތުން ފެންނަން ނުޖެހޭ އެތައް ކަމެއް ފެނި، އެކަމުގެ އުނދަގޫ އަހަރެން އުފުލަން ޖެހުނު،" ހެންސަލް ބުންޏެވެ. "ސިމްރަން އަކީ ކަންގަނާ މުޅި ކޮންޓްރޯލް އަތުލަން މަސައްކަތްކުރި ފިލްމެއް. މީގެ ސަބަބުން އޭގައި މަސައްކަތްކުރި އެތައް ބަޔަކަށް ތަކުލީފުތަކެއް އުފުލަން ޖެހުނު އިރު، ބޭކާރު އެތައް ހަރަދުތަކެއް ވެސް އަހަރެންގެ އަތުން ދިޔަ."
އޭނާ ބުނި ގޮތުގައި އަބަދުވެސް ކަންގަނާ އަކީ މޮޅު ބަތަލާއެއްގެ ގޮތުގައި ގަބޫލުކުރާނެ އެވެ. އެހެންވެ ކުރިން މައްސަލަތަކެއް ދިމާވެފައި ހުއްޓަސް ދެން އެކީގައި މަސައްކަތް ނުކުރާނެ ކަމަށް ބުނުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.
"މާދަމާ ވާނެ ގޮތެއް ކާކަށް އެނގެނީ؟ ފަހަރުގައި އަނެއްކާ ވެސް ހަމަ އަހަރެމެން ދެ މީހުންނަށް އެކީގައި މަސައްކަތް ކުރަން ޖެހިދާނެ،" ހެންސަލް ބުންޏެވެ.
އޭނާ ބުނީ ކަންގަނާއާ ދިމާވެ ވާހަކަ ނުދައްކާތާ ގިނަ ދުވަސްތަކެއްވެއްޖެ ކަމަށެވެ. އެކަމަކު ދެ މީހުންގެ މެދުގައި ޓްވިޓާ އިން މުއާމަލާތްކުރެވޭ ކަމަށާއި ވަރަށް ފަހުން ވެސް ސަޔަކަށް ކަންގަނާގެ ފަރާތުން ދައުވަތު ލިބުނު ކަމަށެވެ.
"އަހަރެންގެ ނެތް އެއްވެސް މީހަކާ ދޭތެރޭ އެއްވެސް ހިތްބަރުކަމެއް. މަސައްކަތުގެ ތެރޭގައި ދިމާވެފައި ހުރި ކަމެއްވިއްޔާ ހުރީ. އެހެންވީމާ އެއީ އަބަދު ކޮނޑަށް ލައިގެން އުޅެންޖެހޭ ކަމެއް ވެސް ނޫން،" ހެންސަލް ބުންޏެވެ.
ކަންގަނާއާ މި ފަހުން އެންމެ ބޮޑަށް މައްސަލަ ޖެހުނު ޑައިރެކްޓަރަކީ މިދިޔަ އަހަރު ރިލީޒްކުރި "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ ޑައިރެކްޓަރު ކްރިޝް އެވެ. އެ ފިލްމުގެ ޑައިރެކްޝަނުގެ ތެރެއަށް ކަންގަނާ އަތްބޭނުމާއި ފިލްމުގެ އެޑިޓިން ފަދަ މުހިއްމު މަސައްކަތުގެ ތެރެއަށް ކަންގަނާ ނުފޫޒު ފޯރުވަން ފެށުމުން ކްރިޝް ވަނީ ފިލްމު ވަކި ހިސާބަކުން ދޫކޮށްލައިފަ އެވެ. އަދި އެ ފިލްމު ސިނަމާތަކަށް ގެނައީ ކަންގަނާގެ ޑައިރެކްޝަނުގެ ދަށުންނެވެ. މިއާ އެކު "މަނިކަރްނިކާ" ވެގެން ދިޔައީ ރަސްމީކޮށް ކަންގަނާ އަށް ޑައިރެކްޓަރެއްގެ ކްރެޑިޓް ލިބުނު ފުރަތަމަ ފިލްމަށެވެ.
ހެންސަލްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 13 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ ސޯޝަލް ކޮމެޑީ "ޝަލާންގް" އެވެ. އެ ފިލްމުގެ ތަރިންނަކީ ރާޖްކުމާރު ރާއޯ އާއި ނުޝްރަތު ބަރޫޗާ އެވެ.