ފިޒިކަލް އެޑިއުކޭޝަނަށް ބަދަލެއް ބޭނުން
ފިޒިކަލް އެޑިއުކޭޝަނަށް ބަދަލެއް ބޭނުން

ފިޒިކަލް އެޑިއުކޭޝަން ނުވަތަ ހަށިގަނޑުގެ ތަރުބިއްޔަތު، މާއްދާއެއްގެ ގޮތުގައި ރާއްޖޭގެ ތައުލީމްގެ ތެރޭގައި، މާ ކުރިންސުރެ ވެސް ހިމެނެ އެވެ. އެކަމަކު އެ ދާއިރާގައި މާ ބޮޑު ޕްލޭނެއް ނެތެވެ. "ޕީއީ"ގެ ނަމުން މަޝްހޫރު ވަގުތުކޮޅު ކޮންމެވެސް ކުޅިވަރެއް ކުޅެލީމާ އެ ނިމުނީ އެވެ.

ފިޒިކަލް އެޑިއުކޭޝަނަށް ބަދަލެއް ބޭނުން
ފިޒިކަލް އެޑިއުކޭޝަނަށް ބަދަލެއް ބޭނުން

އެކަމަކު ތަޖުރިބާކާރުން ދެކޭ ގޮތުގައި އެހެން މާއްދާތަކާ އެއްވަރަށް ޕީއީ އަށް ވެސް ސަމާލުކަން ދޭން ޖެހެ އެވެ. މައްސަލަ އަކީ އެގޮތަށް ކަންކަން ރޭވިފައި ނެތުމެވެ. އެއީ، ކުޅިވަރާއި ފިޒިކަލް އެޑިޔުކޭޝަންގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ކުރީގެ ދުވުންތެރިޔާ ޑރ. ހުސެއިން ހަލީމް (ކުޑަ ހުސެން) ގެ ކަންބޮޑުވުމެކެވެ.

ފިޒިކަލް އެޑިއުކޭޝަނަށް ބަދަލެއް ބޭނުން
ފިޒިކަލް އެޑިއުކޭޝަނަށް ބަދަލެއް ބޭނުން

ރާއްޖޭގެ ގިނަ ސެކަންޑްރީ ސްކޫލްތަކުގައި ފިޒިކަލް އެޑިއުކޭޝަން މާއްދާ ކުރިއަކަށް ނުގެންދެ އެވެ. ޕްރައިމަރީ ގްރޭޑްތަކުގައި ބާއްވަނީ ހަފުތާއަކު އެންމެ ދެ ސެޝަނެވެ. އެކަމަކު އެ ސެޝަންތައް ކުރިއަށް ގެންދާނެ ރަނގަޅު މާހައުލެއް ނެތުމާއި ޕީއީގައި ހަރަކާތްތެރިވާ ގިނަ މީހުންގެ އެ ފެންވަރުގެ ތައުލީމާއި ތަޖުރބާ ނެތުމުގެ އުނިކަން ވަރަސް ބޮޑެވެ.

ފިޒިކަލް އެޑިއުކޭޝަނަށް ބަދަލެއް ބޭނުން
ފިޒިކަލް އެޑިއުކޭޝަނަށް ބަދަލެއް ބޭނުން

ހުސެންގެ ނަޒަރުގައި ފިޒިކަލް އެޑިޔުކޭޝަންގައި ރަނގަޅު ޕްރޮގްރާމްތަކެއް ނުހިންގެނީ، މައިގަނޑު ގޮތެއްގައި، އެ ދެ ސަބަބާ ހެދި އެވެ.

ފިޒިކަލް އެޑިއުކޭޝަނަށް ބަދަލެއް ބޭނުން
ފިޒިކަލް އެޑިއުކޭޝަނަށް ބަދަލެއް ބޭނުން

ތޫނުފިލިކަމާ އެއްވަރަށް އިންސާނާގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ތަރައްގީ ވެސް ބޭނުންވާ ކަމަށް ހުސެން ވިދާޅުވި އެވެ. އޭގެ މާނަ އަކީ ހިސާބާއި އިނގިރޭސި ފަދަ މާއްދާތަކަށް ކުއްޖާގެ ތޫނުފިލިކަން ބޮޑުވާ ގޮތަށް ފިޒިކަލް ނުވަތަ ސްޕޯޓްސް އެޑިއުކޭޝަނުގެ ތެރެއިން ކުއްޖާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ވެސް މަތިވާން ޖެހުމެވެ.

"އެކަންކަން ދިރާސާތަކުން ކަށަވަރުވޭ. ނަމަވެސް ރާއްޖޭގައި ފެންނަ މަންޒަރަކީ ކިޔެވުމަށް އިސްކަންދޭލެއް ގިނަކަމުން ޕޭރެންޓުން ވެސް ކުދިން ކުޅިވަރަށް، ކަސްރަތަށް ނުނެރޭތަން. ސްކޫލުގައި ވެސް އެ ޕީރިއަޑަކީ ޓިއުޝަން ނޫނީ އެކްސްޓްރާ ކްލާހެއްގެ ގޮތުގައި ބަލައިގެން، ފިޒިކަލް އެޑިއުކޭޝަންގެ ބައި ކުރިއަށް ނުގެންދޭ،" ހުސެން ވިދާޅުވި އެވެ.

ކުދިންގެ އުމުރުގެ ބޮޑު ބައެއް ސްކޫލްގައި ހޭދަކުރާ އިރު ހަށިގަނޑުގެ ތަރުބިއްޔަތާއި ކުޅިވަރުުގެ މުހިންމުކަން ވިސްނައިދޭން ޖެހެނީ، މިހާރުގެ ދިރާސާތަކުން އެނގޭ ގޮތުގައި، ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވާތީ އެވެ. ދުނިޔޭގެ ތަރަައްގީވެފައިވާ ގައުމުތަކުގައި ފިޒިކަލް އެޑިޔުކޭޝަނާއި ކުޅިވަރުގެ ހަރަކާތްތައް ސްކޫލް ތެރޭގައި ގިނަކުރުމުގެ ބޭނުމަކީ، ޒުވާނުންނަށް ހަރަކާތްތެރި ދިރިއުޅުމެއް ވެސް ދަސްކޮށްދިނުމުގެ މަގުސަދުގަ އެވެ.

ފިޒިކަލް އެޑިޔުކޭޝަނާއި ކުޅިވަރުގެ ތެރެއިން ދަރިވަރުންނަށް ދަސްވާ ކަންކަމުގެ ފައިދާ މުޅި އުމުރަށް ދެމިގެން ހިނގައިދާނެ އެވެ. ހަރަކާތްތެރި ދިރިއުޅުމަކަށް ކުއްޖާ ވައްދައިދެ އެވެ. ސިކުނޑިއަށް ތާޒާކަން ގެނެސްދެ އެވެ. އެހެންކަމުން ސްކޫލްގައި ހަމައެކަނި ކިޔެވުމުގެ ބަދަލުގައި، ފިޒިކަލް އެޑިޔުކޭޝަނާއި ކުޅިވަރުގެ ބައި ރާއްޖޭގައި މިހާރަށް ވުރެ ބޮޑަށް ތަރައްގީކުރަން ޖެހެ އެވެ.

"ބޮޑީގެ ބައްޓަން، ނަފްސާނީ ގޮތުން އެކަމެއް ކުރުމުގެ ރޫހު، މިކަންކަން ޑިވެލޮޕްވާން ބޮޑަށް ފަސޭހަވާނީ ފިޒިކަލް އެޑިއުކޭޝަން ނުވަތަ ސްޕޯޓްސްގެ ތެރެއިން. ސްޕޯޓްސްގެ ތެރެއިން ދަސްވާ ކަންކަމުގެ ތެރޭގައި ޓީމް ގުޅުން، މޮޅުވުމާއި ދެރަވުން ހިމެނޭ،" ހުސެން ވިދާޅުވި އެވެ.

ކުޅިވަރުން ދިރިއުޅުމަށް ރަނގަޅު މަގެއް ކޮށައިދޭކަން ހުސެންގެ ހަޔާތުން ފެންނަން އެބަ އޮތެވެ. އޮސްޓްރޭލިޔާގެ ޔުނިވަސިޓީއަކުން އޭނާ ގަބޫލުކުރީ، ދެ އޮލިމްޕްކްސްގައި ވާދަކުރުމުގެ ޝަރަފު އޮތުމާއި ދިގު ދުވުންތަކުގައި އެ ޔުނިވަސިޓީ އަށް އޭނާ ބޭނުންކުރެވިދާނެތީ އެވެ. އޭރު ހުސެން އަށް ހަޔާތުގައި ވަރަށް ގިނަ ކަންކަން ހުރީ ދަސްވެފަ އެވެ. ގޭގައި ތިބެ ހަމައެކަނި ކިޔެވި ކުދިންނަށް ވުރެ ހުސެންގެ ތަޖުރިބާ، ހުރިހާ ކަމެއްގައި ހެން ބޮޑެވެ.

"އަޅުގަނޑާ އެކު ކިޔަވަން ދިޔަ ބައެއް ކުދިން ހަތް އޭ ނުވަތަ 12 އޭ ހޯދާފައި ތިބި. އެ ކުދިން އޮސްޓްރޭލިޔާ އަށް ގޮސް އެކަނި މަގު ހުރަސްކުރަން ވެސް ޖެހިލުންވޭ. އެކަނި ގޭގައި ނިދަން ވެސް ޖެހިލުންވޭ،" ހުސެން، އޭނާގެ މަތީ ތައުލީމީ ހަޔާތުގެ ވާހަކަ އިން މިސާލު ދެއްކެވި އެވެ.

"އޭގެ ތެރެއިން ގިނަ ކުދިންނަކީ ބުކްވޯމްސް ނުވަތަ ފޮތަށް ހުސްވެފައި ތިބޭ ކުދިން. އޭގެ ސަބަބުން އެހެން އެއްވެސް ކަމަކަށް ނަޒަރެއް ނެތް. ބޭރަށް ގޮސް އެ މާހައުލުގައި އުޅޭކަށް ނޭނގޭ."

ފިޒިކަލް އެޑިޔުކޭޝަނާއި ކުޅިވަރުގެ ބައި ސްކޫލްތަކުގައި ރަނގަޅަށް ކުރިއަށް ނުގެންދެވެނީ ދަތިތަކެއް ހުރެގެންނެވެ. އޭގެ ތެރޭގައި އެކަށީގެންވާ ތަމްރީން ލިބިފައި ތިބި މީހުން ނުލިބުން ހިމެނެ އެވެ. އެކަމަކު އެ މައްސަލަ އަށް ހައްލެއް ގެނެވޭނެ ގޮތަށް ސިޔާސަތު ބަދަލުކުރެވެން އެބަ އޮތެވެ. މިސާލަކަށް ކްލަބްތަކާއި އެކަޑަމީތަކުގެ ދައުރު، ކުދިންގެ ފިޒިކަލް އެޑިޔުކޭޝަނާއި ކުޅިވަރުގައި ހިމެނިދާނެ އެވެ.

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް ވެސް ގަވާއިދުން ޕްރޮގްރާމް ހިންގަން ދަތިވެ އެވެ. އެހެންކަމުން މިސާލަކަށް ފުޓްބޯޅަ ނަގާ ނަމަ، އެފްއޭއެމުން ކުޑަކުދިންގެ ބައި ދޫކޮށްފައި ވަނީ އެކި ކްލަބްތަކަށެވެ. މިހާރު ކުރިއަށް ގެންދާ ކްލަބްތަކުގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ގައި ވަކި ފީއެއް ދީގެން ބެލެނިވެރިން އެ މީހުންގެ ކުދިން ބައިވެރިކުރެ އެވެ.

ހުސެން އަކީ އަމިއްލަ އެކަޑަމީއެއް ހައްދަވައިގެން ފިޒިކަލް އެޑިޔުކޭޝަނާއި ދުވުމުގެ ތަމްރީންތައް ކުރިއަށް ގެންދަވާ ތަޖުރިބާކާރެކެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ސްކޫލްތަކުގައި ގަވާއިދުން އަދި އެކަށީގެންވާ ފެންވަރަށް އެ ދެ ބައި ކުރިއަށް ނުގެންދެވޭ ނަމަ އަމިއްލަ ފަރާތްތަކާ ހަވާލުކުރެވިދާނެ އެވެ.

"އެކަޑަމީސްތައް މަސައްކަތްކުރަނީ ފީއެއް ނަގައިގެން. ޓިއުޝަނަށް ހިސާބަށް ނޫނީ އިނގިރޭސި މާއްދާއަށް ގެންދާހެން ލާރި ދީގެން ކުޅިވަރު ކުޅެން ގެންދަނީ. އޭގެ ސަބަބުން ޕޭރެންޓުން ވެސް އެބަ ޒިންމާދާރުކަން ބޮޑުވޭ ލާރި ދޭތީ ގަވާއިދުން ގެންދަން،" ހުސެން ވިދާޅުވި އެވެ.

"ބައެއް އެސޯސިއޭޝަންތަކުން ހިލޭ ސާބަހަށް ގެންދާއިރު ރަނގަޅު ކޯޗަކު ނުހުރޭ. ގަޑިއަކަށް ކޯޗުން ގިނަ ފަހަރު ނާދެވޭ. ކުދިންނަށް، ޕޭރެންޓުން ބޭނުންވާ ޕްރޮޑަކްޓެއް ނުދެވޭ."

އެ ސަބަބުތަކާ ހެދި އެންމެ ރަނގަޅު ގޮތަކީ ވަކި ކްލަބެއް، ޖަމިއްޔާއެއް ނުވަތަ އެކަޑަމީއަކާ ސްކޫލުން ގުޅިގެން ނުވަތަ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކުދިން ކަސްރަތަށް ނުވަތަ ކުޅިވަރަށް ދިއުމުގެ އެއް މަގުސަދަކީ ރަށްޓެހިންނާ އެކު މަޖާކޮށްލައި، ހިތްއުފާކޮށްލުމެވެ. އެހެންކަމުން ކުދިން ތަމްރީން ކުރަން ޖެހޭނީ ކުޅިވަރުން އެ ލިބޭ ހިތްހަމަޖެހުން ނުގެއްލޭ ގޮތަށެވެ. ވާދަވެރި ކުޅިވަރާއި ސްޕޯޓްސް ފޯ އޯލް ތަފާތުކުރަން ޖެހެނީ އެހެންވެ އެވެ. އެކަން ހުސެން ވެސް ގަބޫލުކުރައްވަ އެވެ.

ސްޕޯޓްސް ފޯ އޯލްގައި ފަސް އަހަރުން ފެށިގެން ފަނަރަ ވަރަކަށް އަހަރު ވަންދެން މައިގަނޑު ގޮތެއްގައި އޮންނާނީ އެ ކުޅިވަރެއްގައި ބައިވެރިވެގެން އުފާވެރިކަން ހޯދުމެވެ. ކުޅިވަރުގައި ކުދިން ބައިވެރިކުރާ ޅަ އުމުރުތަކުގައި ހަމައެކަނި ވާދަވެރި ކަމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަކީ ގޯހެކެވެ. އެހެންކަމުން ކުޅިވަރުގައި ބައިވެރިވެ، އެހެން ކުދިންނާ އެކުވެގެން އުފާ ހޯދުމުގެ ބައި ގެއްލުނަދީގެން ނުވާނެ އެވެ. ތަމްރީންތައް ބައްޓަން ކުރަން ޖެހޭނީ އެކަމަށް ސަމާލުކަން ދީގެންނެވެ.

"އެހެން ނޫނީ ފަސް އަހަރު، ހަ އަހަރު، ހަތް އަހަރު ކުއްޖެއް ވަރަށް ގަވާއިދުން ގެނެސް ދުއްވާ ނުވަތަ ފަތާ ނުވަތަ ބޯޅަ ކުޅުވާ ކަމަށް ވަންޏާ ކުޅޭ ހިތްކެނޑޭ،" ހުސެން ވިދާޅުވި އެވެ.

"ދިރާސާ އިން ދައްކާ ގޮތުގައި ސްކޫލް ދައުރު ނިމެންދެން 80 ޕަސެންޓް ކުދިން ކުޅިވަރަށް އަހަމިއްޔަތުކަން ދޭ. [އެކަމަކު] ސްކޫލް ދައުރު ނިންމާފައި 90 ޕަސެންޓް ކުދިން ކުޅިވަރަށް އަހަމިއްޔަތުކަމެއް ނުދޭ. މައިގަނޑު ކަމަކީ ފަން އެންޑް އެންޖޯއީމަންޓް ގެއްލެނީ. ކޯޗުން މާ ބުރަކުރަނީ. ޕޭރެންޓުން މާ ޕްރެޝަރުކުރަނީ."

ކިޔެވުމާ އެކު ކުދިންގެ ހަށިގަނޑުގެ ތަރުބިއްޔަތާއި ކުޅިވަރުގެ ތަމްރީންތައް މިހާރަށް ވުރެ ރަނގަޅަށް ހޯދޭނެ ގޮތްތަކެއް އެޑިޔުކޭޝަން މިނިސްޓްރީ އާއި ސްކޫލްތަކުން ކަނޑައަޅަން ޖެހެ އެވެ. ޕީއީ އެއީ ހަމައެކަނި ހަފުތާއަކު ދެ ގަޑި ފުރާލުން ކަމަށް ނުހަދާ އެއަށް ވުރެ ބޮޑު ތަރައްގީއެއް ދަރިވަރުންނަށް ލިބޭނެ މަގު ފަހިކޮށްދޭން ޖެހެ އެވެ. ކުޅިވަރުގެ ހުނަރު ތަރައްގީކުރުމަކީ ތައުލީމާ ދުރު ކަމެއް ކަމަށް ނުދެކި، އެއީ ގައުމަށާއި ކުދިންގެ ހެދިބޮޑުވުމަށް ވެސް އޮތް އެޑްވާންޓޭޖެއް ކަމަށް، ބެލެނިވެރިންނާއި ތައުލީމީ ދާއިރާ އިން ވެސް ގަބޫލުކުރަން ޖެހެ އެވެ.