ޔުވެންޓަސް ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
ޔުވެންޓަސް ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

ޓިއުރިން (އޮކްޓޫބަރު 26) – އިޓާލިއަން ލީގުގައި ޗެމްޕިއަން ޔުވެންޓަސް ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ހެލަސް ވެރޯނައާ 1-1 އިން އެއްވަރުވެއްޖެ އެވެ.

އާ ކޯޗު އަންދްރޭ ޕިރްލޯއާ އެކު ކުޅެމުން އަންނަ ޔުވެންޓަސް އަށް ފުރަތަމަ ފަސް މެޗުން މޮޅުވެވުނީ ދެ މެޗުންނެވެ. އަނެއް ތިން މެޗު އެއްވަރުވީ އެވެ. އެ ޓީމު އޮތީ ނުވަ ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ރޭ މޮޅުވި ނަމަ އެއް ވަނައިގައި 12 ޕޮއިންޓާ އެކު އޮތް އޭސީ މިލާނާ ހަމަކުރެވޭނެ އެވެ. އެކަމަކު މިހާރު އޮތްގޮތުން މިރޭ ރޯމާ އަތުން މިލާން ބަލިވިޔަސް މަދުވެގެން އަދި ހަފުތާއަކަށް އެ ޓީމަށް އެއް ވަނައިގައި ދެމި އޮވެވޭނެ އެވެ.

ކޮވިޑުގެ ސަބަބުން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ސަސްޕެންޝަނުގެ ސަބަބުން ފެޑެރިކޯ ޗިއެސާ ނެތި ޔުވެންޓަސް ކުޅުނު މި މެޗުގައި އެ ޓީމު ކޮޅަށް ވެރޯނާ އިން ގޯލް ޖެހީ 60 ވަނަ މިނެޓުގަ އެވެ. ޔުވެންޓަސް ސަލާމަތްކޮށްދިނީ 77 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ޑެޖާން ކުލުސެވްސްކީ އެވެ.

ޕިރްލޯ ބުނީ ފުރަތަމަ ހާފުގައި ޔުވެންޓަސް ފެނުނީ އެހާ ހަރަކާތްތެރިކޮށް ނޫން ކަމަށާއި ދެ ވަނަ ހާފުގައި ވެރޯނާގެ ގޯލަށް ފަހު ރަނގަޅުވި ކަމަށެވެ. އެކަމަކު ޔުވެންޓަސް ހޭލަން ޖެހޭނީ އެފަދަ ގޮތަކުން ނޫން ކަމަށް އޭނާ ބުންޏެވެ.

ރޭ އެ ޓީމަށް ކުރިމަތިވި އަނެއް މައްސަލައަކީ ޑިފެންޑަރު ލެއޮނާޑޫ ބޮނޫޗީ އަށް އަނިޔާވުމެވެ. އޭނާ އަށް ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ނުކުޅެވިދާނެ އެވެ. އެ ޓީމުގެ އަނެއް ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ ވެސް ހުރީ އަނިޔާގަ އެވެ.

ރޭ ލީގުގައި ނަޕޯލީ ވަނީ ބެނެވެންޓޯ އަތުން 2-1 އިން މޮޅުވެފަ އެވެ. އެ ޓީމު އޮތީ 11 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ.