31 އޮކްޓޯބަރ 2016 - 19:14

ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑްް ހަތެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އެންމެ ގިނައިން ދިމާވަނީ ބަރުދަން އިތުރުވުމާއި ދަތުގެ މައްސަލަތައް ކަމަށް ހެލްތް މިނިސްޓްރީން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ފުރާވަރު އުމުރު ކުދިންގެ ތެރެއިން ގްރޭޑް ހަތެއްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ސިއްހީ ހާލަތު ދެނެގަތުމަށް ހެދި މި ދިރާސާ އިން ދެއްކި ގޮތުގައި، އެ ގްރޭޑުގައި ކިޔަވަމުން އަންނަ 4238 ދަރިވަރުންގެ ތެރެއިން ތިން ބައިކުޅަ އެއްބައި ދަރިވަރުންނަށް އެންމެ ބޮޑަށް ދިމާވަނީ ދަތުގެ މައްސަލަތަކެވެ.

ހުންނަން ޖެހޭ މިންވަރަށް ވުރެ ބަރުދަން އިތުރު ވެފައިވާ ކަމަށް މި ދިރާސާ އިން ދައްކަނީ ބައިވެރިވި 2114 ފިރިހެން ދަރިވަރުންގެ ތެރެއިން 16.04 ޕަސެންޓް ދަރިވަރުންނެވެ. އަންހެން ދަރިވަރުންގެ ނިސްބަތް އުޅެނީ 12.24 ޕަސެންޓުގަ އެވެ. އަދި ހުންނަންޖެހޭ މިންވަރަށް ވުރެ ބަރުދަން ލުއިކޮށް އުޅެނީ ދިރާސާގައި ބައިވެރިވި 2124 އަންހެން ދަރިވަރުންގެ ތެރެއިން 17.42 ޕަސެންޓެވެ. ފިރިހެން ދަރިވަރުންގެ ނިސްބަތް އުޅެނީ 9.79 ގަ އެވެ.
އެ ދިރާސާ އިން އެނގުނު ގޮތުގައި ގްރޭޑް ހަތެއްގައި ކިޔަވަމުން އަންނަ ގިނަ ދަރިވަރުންގެ ސިއްހަތު ރަނގަޅެވެ. ފިރިހެން ދަރިވަރުންގެ ތެރެއިން 98.55 ޕަސެންޓުގެ ދަރިވަރުންނަށް ސިއްހީ ގޮތުން މައްސަލަތަކާ ދިމާނުވާ ކަމަށް ބުނާ އިރު އަންހެން ދަރިވަރުންގެ ނިސްބަތަކީ 98.71 ޕަސެންޓެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކު ކުރި މި ދިރާސާ އިން އެނގުނު ގޮތުގައި ގްރޭޑް ހަތެއްގެ ފިރިހެން ދަރިވަރުންގެ 4.2 ޕަސެންޓަށް އަދި އަންހެން ދަރިވަރުންގެ 4.49 ޕަސެންޓް ދަރިވަރުންނަށް ލޮލުގެ މައްސަލަތައް ދިމާވެ އެވެ. ކަރުން މަތީގެ މައްސަލަތައް ދިމާވަނީ ގްރޭޑް ހަތެއްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން ތިން ޕަސެންޓު ދަރިވަރުންނަށްކަން އެ ދިރާސާ އިން އެނގުނެވެ.
ހެލްތް މިނިސްޓްރީން މިދިޔަ އަހަރު ވަނީ ގްރޭޑް އެކެއްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ސިއްހަތު ދެނެގަތުމަށް ދިރާސާއެއް ހަދައިފަ އެވެ.
މި ސާވޭގައި ގްރޭޑު ހަތެއްގައި ކިޔަވަމުން އަންނަ ހުރިހާ ދަރިވަރުން ބައިވެރި ކުރި އެވެ. ރަށްރަށުގައި މި ސާވޭ ކުރި އަށް ގެންދިޔައީ ހެލްތް ވޯކަރުންނާއި އެ ރަށެއްގެ ސްކޫލް ގުޅިގެންނެވެ.