ހަދަމުންދާ ރިސޯޓަކުން ކޮވިޑުގެ 52 ކޭސް، މާލެ ސަރަހައްދުން 30
ހަދަމުންދާ ރިސޯޓަކުން ކޮވިޑުގެ 52 ކޭސް، މާލެ ސަރަހައްދުން 30

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 84 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވިއަސް އޭގެ ތެރެއިން 52 މީހުންނަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރ. ކުޑަކުރަތުން ބަލި ޖެހުނު މީހުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.

އެ ސެންޓަރުން ބުނީ ކުޑަކުރަތުން މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު 89 ސާމްޕަލް ނެގި ކަމަށެވެ. އެންމެ ފުރަތަމަ ޓެސްޓުކޮށްފައިވަނީ ބަލީގެ އަލާމާތްތައް ހުރި މީހުން ފެނިގެންނެވެ. އޭގެ ފަހުން މިދިޔަ ހުކުރު ދުވަހު ހަތަރު މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެ އަދި އިއްޔެ އިތުރު ހަތް މީހަކަށް ބަލި ޖެހިފައިވާކަން އެނގިފައިވާ ކަމަށް އެޗްއީއޯސީން ބުންޏެވެ.

މިއަދު ފެނުނު އާ ކޭސްތަކާއެކު ކުޑަކުރަތުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 63 އަށް އަރައިފަ އެވެ. އެތަނުން އެކަކަށް ބ. އޭދަފުށީ ކޮވިޑް ފެސިލިޓީގައި އަންނަނީ ފަރުވާ ދެމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 2،231 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 30 މީހަކު އަދި ރަށްރަށާއި ރިސޯޓުތަކުން ދެ މީހަކު ޕޮޒިޓިވްވެފައި ވެ އެވެ. އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 11،505 އަށް އެރީ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 52 މީހަކު ބަލިން ރަނގަޅުވެފައި ވެ އެވެ. އެހެންވެ މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 937 މީހުންނެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 37 މީހަކަށް ފަރުވާ ދެ އެވެ.

މާލޭގެ އިތުރުން މީހުން ދިރިއުޅޭ 22 ރަށަކާއި 24 ރިސޯޓެއްގައި ކޮވިޑްގެ ބަލި މީހުން އެބަތިއްބެވެ. އެއީ 82 ސްޓާފުންނާއި 26 ޓޫރިސްޓުންނެވެ.