25 އޮކްޓޯބަރ 2020 - 18:11

ޖިންސީ އަނިޔާއާ ދެކޮޅަށް ވޮއިސް އޮފް ޗިންޑްރަން އިން މާލޭގައި މިއަދު ހަވީރު ބޭއްވި އެއްވުމުން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މަޖީދީމަގުގައި ބޭއްވި އެއްވުމުން ތިން އަންހެނަކާއި ދެ ފިރިހެނަކު ހައްޔަރުކުރީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ހިލާފަށް ހަރަކާތް ކުރިއަށް ގެންދިއުމުން ކަމަށެވެ.
އެ ގޮތަށް ކަންތައް ނުކުރަން ނަސޭހަތް ދިނުމުން ވެސް އެއްވުން ކުރިއަށް ގެންދިޔައީ ކަމަށާއި އެ ފަސް މީހުން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ މައްސަލައާ ގުޅިގެން ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށް މި އަހަރުގެ ތެރޭގައި ރަޖިސްޓްރީ ކުރި ޖަމިއްޔާއިން ކުރި ޓްވީޓެއްގައި ބުނީ ގަލޮޅު އޭޓީއެމް ކައިރީގައި ސުލްހަވެރިކަމާއެކު މުޒާހަރާކުރަމުން ދިޔަ އެންމެން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، އެއްފަހަރާ ބޭރުގައި އުޅެވޭނީ ފަސް މީހުންނަށެވެ. އޭގެ އިތުރުން ގައިދުރުކަން ބަހައްޓައި މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ.