25 އޮކްޓޯބަރ 2020 - 16:35

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން ރޭ ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ މިއަދު މައާފަށް އެދިވަޑައިގެންފި އެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްްރާމްގައި ވާހަކަ ދައްކަވަމުން އިމްރާން ރޭ ވިދާޅުވެފައި ވަނީ ސަފާރީގައި ހިނގީ "އާންމުންގެ ތެރޭގައި ހުރެ ވެސް މީހަކު ކޮށްފާނެ ކަހަލަ ކަމެއް" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ޖޫން މަހުގެ ފަހުކޮޅު ހިނގި އެ ހާދިސާ މާ ބޮޑު ކަމަކަށް ވީ އެކަން ރިޕޯޓްކުރި ގޮތުންނެވެ. އެހާ ބޮޑުކޮށްލައިގެން ދެއްކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
އިމްރާންގެ އެ ވާހަކަތައް މީޑީއާތަކުގައި ރިޕޯޓުކުރުމާ ގުޅިގެން އޭނާއަށް ދަނީ ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވަމުންނެވެ. އެގޮތުން ޖިންސީ ގޯނާއާ ގުޅޭ މައްސަލަތަކަކީ ކުށެއް ނޫން ކަމަށް ދައްކުވައިދޭން މިނިސްޓަރު މަސައްކަތްކުރައްވާފައިވާ ކަމަށް ވެސް އެއް ބަޔަކު ތުހުމަތުކުރެ އެވެ.
އެ ވާހަކަތަކާ ގުޅިގެން އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަންހެނަކަށް ޖިންސީ އަނިޔާއެއް ނުވަތަ ފުރައްސާރައެއް ކުރުމަކީ ކުޑަކަމެއް ނޫން ކަމަށެވެ. އެއީ ބޮޑު ކަމެއް ކަމަށާއި އެފަދަ މައްސަލަތަކަކީ ކުޑަކަމެއް ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީޑިއާގައި ފަތުރާފައިވާ ބައެއް ވާހަކަތަކުން "ބުނި އެއްޗެއްގެ ހަގީގަތް އޮޅޭ" ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ ހުރިހާ ދިވެހި ނޫސްވެރިން ވެސް މަސައްކަތުގެ ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުން. އަޅުގަނޑު ބުނި އެއްޗަކުން ގޯސް މާނައެއް އެއްވެސް ފަރާތަކަށް ދޭހަވިނަމަ އެއީ އަޅުގަނޑުގެ މަގުސަދު ނޫންކަން ސާފުކޮށް ދަންނަވަން. އަދި އޮޅުން އަރާފަދަ ބަހެއް ބުނެވިފައި އޮތް ނަމަ މައާފަށް އެދެން،" އިމްރާންގެ ޓްވީޓުގައި ވެ އެވެ.
އެކަމާ ގުޅިގެން ކެންޔާ އަންހެން މީހާގެ ވަކީލުން މިއަދު ނެރުނު ބަޔާނުގައި ބުނީ ވިކްޓިމް މަރާލާނެ ކަަމަށް ބިރުދައްކައި ސަފާރީގައި ހުރި ކޮޓަރިއަކަށް ގަދަކަމުން ގެންދަން މަސައްކަތްކުރި ކަމަށެވެ.
މިނިސްޓަރުގެ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށާއި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންގޮސްދެއްވަން އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި، ވަކީލުން ވިދާޅުވެފައިވާ ގޮތުގައި، 27 އަހަރުގެ އަންހެން މީހާއަށް ސަފާރީގައި ކުރިމަތިވީ ކުޑަ ކަމެއްގެ ގޮތުގައި ވާހަކަ ދައްކާ ވަރަށް ވުރެން މާ ސީރިއަސް މައްސަލައެކެވެ.
"މި ހާދިސާއަކީ އާއްމު ޕަބްލިކް ތަނެއްގައި ހުރެފައި ވެސް ބައެއްގެ ތެރޭގައި ހުރެފައި ވެސް މީހަކު ކޮށްލެވިދާނެ ވަރުގެ ކަމެއް ކަމަށާއި އަދި ކުރީމަ ކަމެއް ކުރިކަން ވެސް ނޭނގޭވަރުގެ ކަމެއް ހިނގާފައި އޮތީ ކަމަށް މި މައްސަލަ ތަހުގީގުކުރާ އިދާރާއާ ހަވާލުވެ ހުންނެވި ވަޒީރު ވިދާޅުވުމުން ހަމަ ގައިމު ވެސް މިނިސްޓަ އޮފް ހޯމް އެފެއާޒް ޝެއިހް އިމްރާން އަބްދުﷲ މިހެން ވިދާޅުވެފައި އެ ވަނީ، މި މައްސަލައިގެ ތަހުގީގަށް ޖިންސީ އަނިޔާ ލިބުނު ފަރާތުން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނޫން ކަން ފާހަގަކުރަމެވެ،" ވަކީލުންގެ ސިޓީގައި ވެ އެވެ.