25 އޮކްޓޯބަރ 2020 - 15:25

މިދިޔަ ހަފުތާގެ ތެރޭގައި ގިނަ އަދަދެއްގެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ، 16 މީހަކު މިދިޔަ ހަފްތާގައި ހައްޔަރުކޮށްފި އެވެ. އެއީ މުޅިން ވެސް ދިވެހިންނެވެ.
މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގި ތަފާތު އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 27 އަހަރުގެ އަންހެނަކު ވެސް ހިމެނެ އެވެ. މި މައްސަލަތަކުގައި ދެން ހައްޔަރުކޮށްފައި ވަނީ 18 އަހަރާއި 44 އަހަރާއި ދެމެދުގެ ފިރިހެނުންނެވެ. މިއީ ވޭތުވެދިޔަ ހަފްތާގައި ހިންގި އަށް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވާ މީހުންނެވެ.
މީގެ ތެރެއިން ގިނަ އޮޕަރޭޝަންތައް ހިންގާފައި ވަނީ ހުޅުމާލޭގަ އެވެ. ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާ އެކު 30 އަހަރުގެ ދެ ފިރިހެނަކު ހުޅުމާލޭގެ ފްލެޓަކުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ އިރު، ހުޅުމާލޭގެ ދެ ފްލެޓަކާއި ގެއެއް ބަލާ ފަސްކުރުމަށް ފަހު ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް، ވިޔަފާރިކުރާ ކަމަށް އެ ތިން މީހުންނަށް ތުހުމަތު ކުރެ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ފުލުހުން ވަނީ މިދިޔަ އަންގާރަ ދުވަހު ފާސްކޮށް، 27 އަހަރުގެ އަންހެނަކާއި 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ހަތަރު ޖޫސްޕެޓީ ޕެކެޓާއި 841 ގުޅަ ޕާޓީ ޑްރަގާއި 75 ރަބަރު ޕެކެޓް އެ ގެއިން ފެނިފައި ވެ އެވެ.
ރަށްރަށުގައި ހިންގި އޮޕަރޭޝަންތަކުގެ ތެރޭގައި އއ. ރަސްދޫގައި ހިންގި އޮޕަރޭޝަނަކާއި ރ. ދުވާފަރުގައި ހިންގި ދެ އޮޕަރޭޝަނަކާއި ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނެއް ވެސް ހިމެނެ އެވެ.
މީގެ އިތުރުން މި މަހު ކުރީކޮޅު އދ. ފެންފުށިން ހޯދި ބައި ކިލޯ ކްރިސްޓަލް މެތު އާ ގުޅޭ އިތުރު އެއް ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ މިއަދު ހޯދައިފަ އެވެ. އެ ރަށުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ރައްކާ ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުމުން މާމިގިލި ޕޮލިސް ސްޓޭޝަނާއި ފެންފުށި ޕޮލިސް ސްޓޭޝަނާއި މަހިބަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި، 1 ކިލޯ މަސްތުވާތަކެތި ހޯދާފައި ވެ އެވެ. މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް ފުލުހުންނެއް ނުބުނެ އެވެ.