އަނދިރީގައި ހިންގާ ފޮތްފިހާރައެއް
އަނދިރީގައި ހިންގާ ފޮތްފިހާރައެއް

ތަފާތު ކޮންސެޕްޓްތަކަށް ފިހާރަތައް ޑިޒައިން ކުރުމަކީ ވަރަށް އާންމުކޮށް ކުރާ ކަމެކެވެ. މިކަން ގޮސް ހުއްޓެނީ ވިޔަފާރި ޕްރޮމޯޓްކުރަން ބޭނުންކުރާ އުކުޅުތަކާ އެވެ.

އަނދިރީގައި ހިންގާ ފޮތްފިހާރައެއް
އަނދިރީގައި ހިންގާ ފޮތްފިހާރައެއް

ޓައިވާނުގައި ދާދި ފަހުން ހުޅުވި ފޮތްފިހާރައަކުން ވެސް މިހާރު މި ފެންނަނީ މި މަންޒަރެވެ. މި ތަނުގެ ތަފާތު ކަމަކީ ފިހާރަތެރެ އަނދިރިކޮށް އޮތުމެވެ. ޓައިވާނުގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކައޯސިންގްގެ ޕިއާ-2 އާޓް ސެންޓަރުގައި ހުޅުވާފައިވާ "ވުގުއާން ބުކްސް" އަބަދުވެސް ފެންނާނީ އަނދިރިކޮށެވެ.

އަނދިރީގައި ހިންގާ ފޮތްފިހާރައެއް
އަނދިރީގައި ހިންގާ ފޮތްފިހާރައެއް

އަނދިރިގަނޑެއްގެ ތެރެއިން ގޮސް ވަދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ފޮތްފިހާރަ އަށް ވަނުމުން ވެސް ހަތަރު ފަރާތް އޮންނާނީ އަނދިރިކޮށެވެ. އަލިކަން ދީފައި ހުންނާނީ ފޮތްތައް ޑިސްޕްލޭކޮށްފައި ހުންނަ ތަންތަންކޮޅުގައި ފޮތްތަކާ ދިމާއަށެވެ. ފޮތްފިހާރައަކަށް ވުރެ ބޮޑަށް "ވުގުއާން ބުކްސް" އަށް ވަނުމުން އިހުސާސްކުރެވޭނީ ފޮތްތައް ދައްކައިލާ މައުޒަރަކަށް ވަދެގެން އުޅޭ ކަހަލަ އިހުސާސެކެވެ. މި ތަނުގެ ތެރެއަށް ނަޒަރު ހިންގައިލުމުން ހީވާނީ ފޮތްތަކެއް ވައިގެ ތެރޭގައި ހުރިހެންނެވެ. ޑިސްޕްލޭކޮށްފައި 400 އެއްހާ ފޮތް ހުންނާނެ އެވެ.

ތަން ފަރުމާކޮށްފައި ވަނީ ފޮތެއް ކިޔާލަން ބޭނުން ނަމަ އަނދިރީގައި އިނދެގެން ފޮތް ކިޔާލެވޭ ގޮތަށެވެ. އަލިކަން އިންނާނީ ހަމައެކަނި ފޮތަށެވެ.

"ވުގުއާން ބުކްސް" ފަރުމާކުރީ އެވޯޑް ހޯދާފައިވާ ޓައިވާނުގެ މަޝްހޫރު އާކިޓެކްޓެއް އަދި އިންޓީރިއާ ޑިޒައިނަރު ޗޫ ޗީ-ކަންގެވެ. އޭނާ އަކީ ޗައިނާގައި އެންމެ ރީތި ކަމަށް ބުނާ ބުކްޝޮޕް ކަމަށްވާ ޗެންގްޑޫގެ "ފަންގްސޫ ބުކްސްޓޯ" ގެ ވެސް ޑިޒައިނަރެވެ.

އަނދިރީގައި ހިންގާ ފޮތްފިހާރައާ ބެހޭ ގޮތުން އެތަނުގެ މެނޭޖަރު ސޫ ޔޫ-ޝަން ސީއެންއެން އަށް ބުނީ ބޭނުމަކަށްވީ ކަސްޓަމަރުން ފޮތަށް ދޭ ސަމާލުކަން އެހެން ކަމަކަށް ނުހުއްޓުން ކަމަށެވެ.

"މުޅި ތަން އަލިކޮށް އޮންނަ ކަމަށް ވަންޏާ އެހެން ދިމަދިމާލުގައި ހުންނަ އެއްޗެހި ލޮލުގައި އަޅައިގަނެ، ބަލަން ބޭނުންވާ ފޮތަށް ދެވޭ ސަމާލުކަން ގެއްލޭނެ،" އޭނާ ބުންޏެވެ. "އެހެންވެ އަހަރެމެން ކަސްޓަމަރުންނަށް މި ފަހިކޮށް ދެނީ އެ މީހަކު ގަވާޔާ ފޮތަކަށް މުޅިން ސަމާލުކަން ހޯދޭނެ މާހައުލެއް."

އެހެންވެ "ވުގުއާން ބުކްސް" ގެ ސްލޯގަނަކީ "އެބައުޓް ސޯލް ރީޑިން" އެވެ.

"މިތަނަށް ވަދެލީމަ މިތަނުގެ މާހައުލު އެންމެ ފުރިހަމަށް ތަޖުރިބާކޮށްކެވޭނީ. މިތަން ފަރުމާކޮށްފައި އޮތް ގޮތުން އަސްލު ކަސްޓަމަރުންނަށް އެ މީހުންގެ އަމިއްލަ ނަފުސާ މުއާމަލާތްކުރެވޭ ކަހަލަ އިހުސާސް ކުރެވޭނެ." ޔޫ ބުންޏެވެ. "މި ޒަމާނަކީ ހުރިހާ އެންމެން ވެސް އިންސްޓަގްރާމް ކަހަލަ ސޯޝަލް ޕްލެޓްފޯމްތަކަށް ފޮޓޯ ނަގައި އެކަމަށް މާ ބޮޑަށް ވަގުތު ހުސްކުރާ ޒަމާނެއް. އަހަރެމެންގެ ފޮތްފިހާރަ އަށް ވަނީމަ އެކަހަލަ ހިޔާލުތަކާ ވެސް ދުރުކޮށްދޭނެ."

"ވުގުއާން ބުކްސް" ގެ ހާއްސަ އަނެއް ކަމަކީ އެތަނަކީ 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ފޮތްތައް ވިއްކާ ތަނަކަށްވުމެވެ. އަދި މި ތަނުގެ ތެރޭގައި އެއްގޮތަކަށް ވެސް މޮބައިލް ފޯނު ބޭނުމެއް ނުކުރެވޭނެ އެވެ. ފޯނުގެ ބައްތި ވެސް ނުދިއްލޭނެ އެވެ.

"ފަހަރުގައި މިތަން ވެދާނެ އަނދިރިކަމަށް ބިރުގަންނަ މީހުން ގަޔާނުވާ ކަހަލަ ތަނަކަށް. ބައެއް މީހުން ހީކުރަނީ ވެސް މި ތަނަކީ ރޫހާނީ ބާރުތަކެއް ވެސް ހިނގާ ތަނެއް ކަމަށް،" ޔޫ ބުންޏެވެ. "އެކަމަކު އެއީ ވަހުމްތަކެއް. އަހަރެމެން މިކު ރަނީ ފޮތުގެ ވިޔަފާރިއެއް. ތަފާތަކީ މިތަން އޮންނަ ގޮތް."

"ވުގުއާން ބުކްސް" ގައި ހޭދަކުރާ ވަގުތުތަކުގައި ކޮފީއެއް ބޯލަން ބޭނުން ނަމަ ކޮފީ ވެސް ގަނެލެވޭނެ އެވެ. އެކަމަށް ހާއްސަ ކޯނާއެއް އެތަނުގެ ތެރޭގައި ހުރެ އެވެ.