ނޮވެމްބަރު ނިމޭއިރު 18 އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރާނެ:  ޑރ. މައުސޫމް
ނޮވެމްބަރު ނިމޭއިރު 18 އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރާނެ: ޑރ. މައުސޫމް

އަންނަ މަހުގެ ނިޔަލަށް މަދުވެގެން 18 އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ. މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ވެސް ރާއްޖެއަށް 12 އެއާލައިނަކުން ދަތުރު ކުރަމުން އަންނަ ކަމަށެވެ. އަދި އަންނަ މަސް ނިމޭއިރު އޭގެ ތެރެއަށް މަދުވެގެން ހަ އެއާލައިން އިތުރުވެ، ޖުމްލަ 18 އަށް އެރުން އޭނާ ސިފަކުރެއްވީ "ރާއްޖެ އާއި ދުނިޔޭގެ އެކި މަންޒިލްތަކާ ގުޅާލަދޭނެ" ކަމެއްގެ ގޮތުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ކޮވިޑް-19ގެ ރާއްޖޭގެ އެންމެ ފަހުގެ ހާލަތު ރިޕޯޓް ދައްކާ ގޮތުގައި މިހާތަނަށް އިތުރު ނުވަ އެއާލައިނަކުން ވަނީ ރާއްޖެއަށް ދަތުރު ފަށަން ތާވަލުކޮށްފަ އެވެ. އެ ހުރިހާ އެއާލައިނެއްގެ ދަތުރު ފަށައިފި ނަމަ، ޖުމްލަ އަދަދު 21 އަށް އަރާނެ އެވެ.

- އެމިރޭޓްސް

- އިއްތިހާދު އެއާވޭސް

- އިންޑިގޯ

- އެއިރޯފްލޮޓް

- އެއާ އިންޑިއާ

- ބްރިޓިޝް އެއާވޭސް

- އެޑެލްވެއިސް

- ގަތަރު އެއާވޭސް

- ސްޕައިސް ޖެޓް

- ސްރީލަންކަން އެއާލައިންސް

- ޓާކިޝް އެއަލައިންސް

- މޯލްޑިވިއަން

- ޗައިނާ ސަދާން އެއާލައިންސް

- އަޒުރް އެއާ ރަޝިއާ

- ނޯޑްވިންޑް

- އޮސްޓްރިއަން އެއާލައިންސް

- ލުފްތަންސާ

- ގަލްފް އެއާ

- ގޯ އެއާ

- ފްލައި ދުބާއީ

- ނިއޯސް އެސްޕީއޭ

ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުކުރުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ހުރިހާ ޓޫރިސްޓް ފެސިލިޓީއަކަށް ވެސް ސްޕްލިޓް ސްޓޭޓްގެ ހުއްދަ ދީފަ އެވެ. މިއާ އެކު ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންނަށް ގެސްޓު ހައުސްތަކާއި ލިވަބޯޑުތަކުގައި ވެސް ޗުއްޓީ ހޭދަކުރެވޭނެ އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވި މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 40،000 އަށް އަރައިފަ އެވެ.