25 އޮކްޓޯބަރ 2020 - 12:19

މާލޭގެ ގެއެއްގެ ބެލްކަންޏެއްގައި ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ޖެންޑާ މިނިސްޓްރީން ތަހުގީގުކުރަން ފަށައިފި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ރެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް އަދި ނުދެ އެވެ.
ވީޑިއޯއިން ފެންނަނީ ބެލްކަނީގެ ތެރެއަށް ފިރިހެން ކުއްޖާ ވައްޓާލުމަށްފަހު އެ ކުއްޖާ ގަދަކަމުން ގޭތެރެއަށް ވައްދާ ތަނެވެ. އޭރު އަނިޔާކުރި ފިރިހެން މީހާގެ އަތުގައި ހެދުން އަޅުވާ ކޮނޑެއް އޮތެވެ.
އެ ވީޑިއޯއާ ގުޅޭގޮތުން ޓްވީޓުކުރި ބައެއް މީހުން ވަނީ އަނިޔާކުރި ފިރިހެން މީހާ ހައްޔަރުކުރަން ގޮވާލައިފަ އެވެ. އަދި އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ދެއްކޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް، އެކަކު ކުރި ޓްވީޓުގައި ބުންޏެވެ.
"އަނިޔާވެރިކަން އިސްނުކޮށް ކުދިން ޑިސިޕްލިން ކުރެވޭނެ އިތުރު ގޮތްތައް ވެސް ހުންނާނެ،" ޝައު އަހުމަދުގެ ނަމުގައި ކުރި ޓްވީޓުކުރި މީހަކު ބުންޏެވެ.