ނިކިލް ހަދާނީ "ނާގިން" ގެ ޓްރިލޮޖީއެއް
ނިކިލް ހަދާނީ "ނާގިން" ގެ ޓްރިލޮޖީއެއް

ހަރުފަ އަށް ބަދަލުވާ އިންސާނުންގެ ވާހަކައެއް ކިޔައިދޭ ފިލްމެއް އެކްޓަރު/ޕްރޮޑިއުސަރު ނިކިލް ދިވެދީ، ހަދަން އުޅޭ ކަމަށް ބުނާ ވާހަކަ ދެކެވޭތާ މިހާރު ދެ އަހަރެއްހާ ދުވަސްވެއްޖެ އެވެ. މިކަމާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން "ތަމަންޗޭ" އާއި "ހޭޓް ސްޓޯރީ" އަދި "މައި ނޭމް އިޒް އެންތަނީ ގޮންޒާވެލްސް" ފަދަ ފިލްމުތައް ކުޅުނު އެކްޓަރު ޕްރޮޑިއުސްކުރާނީ "ނާގިން" ގެ ޓްރިލޮޖީއެކެވެ.

މި ވާހަކަ މަޝްހޫރު ފިލްމު ކްރިޓިކް ކޯމަން ނަހަޓާ ޓްވިޓާގައި ހިއްސާކުރަމުން ބުނީ އެ ޓްރިލޮޖީގެ ފިލްމުތައް ޑައިރެކްޓްކުރާނީ ވިޝާލް ފޫރިއާ ކަމަށެވެ. އޭނާ އަކީ 2017 ގައި ރިލީޒްކުރި މަރާޓީ ބިރުވެރި ފިލްމު "ލަޕައްޗައްޕީ" ގެނެސްދިން ޑައިރެކްޓަރެވެ.

ނަމަވެސް ނިކިލް ގެނެސްދޭން އުޅޭ "ނާގިން" ޓްރިލޮޖީއާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. އޭނާ އެންމެ ފަހުން ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި ފިލްމުތަކަކީ މިދިޔަ އަހަރު ރިލީޒްކުރި ސަލްމާން ޚާންގެ "ދަބަންގް 3" އާއި 2018 ގައި އެކްތާ ކަޕޫރް ގެނެސްދިން "ވީރޭ ދީ ވެޑިން" އެވެ.

ހިންދީ ސިނަމާ އަށް ކުރިން ވެސް ހަރުފައިންގެ ވާހަކަ ކިޔައިދިން ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ބަތަލާ ސްރީދޭވީ 1986 ގައި ކުޅުނު "ނަގީނާ" އާއި އޭގެ ސީކްއެލް 1989 ގެ "ނިގާހޭ" ގެ އިތުރުން ޖީތެންދުރާ އާއި ރީނާ ރޯއި 1976 ގައި ކުޅުނު "ނާގިން" ފާހަގަކޮށްލެވެ އެވެ.

އެކްތާ އަކީ މިހާރު ވެސް ކަލާޒް ޗެނެލުން ހަރުފައިންގެ ވާހަކަ ކިޔައިދޭ ސިލްސިލާއެއް ގެނެސްދޭ ޕްރޮޑިއުސަރެކެވެ. އޭނާ ގެނެސްދޭ "ނާގިން" ސިލްސިލާގެ ފަސް ވަނަ ސީޒަން މިހާރު ދައްކަމުން އަންނަ އިރު، އެއީ 2015 ގައި ގެނެސްދޭން ފެށި ސިލްސިލާއެކެވެ.