28 އޮކްޓޯބަރ 2020 - 09:21

ކޮވިޑް-19އާ ހެދި މި އަހަރު ރިލީޒްނުކުރަން ނިންމައި އަންނަ އަހަރަށް ފަސްކޮށްފައިވާ ޖޭމްސް ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ނޯ ޓައިމް ޓު ޑައި" ޑިޖިޓަލް ޕްލެޓްފޯމަކަށް ވިއްކާލަަން އުޅޭ ކަމަށް ބުނާ ވާހަކަ އެމްޖީއެމުން ދޮގުކޮށްފި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފިލްމު ގަންނަން ހުށަހެޅި ކުންފުނިތަކުގެ ތެރޭގައި ނެޓްފްލިކްސް އާއި އެޕަލް ޓީވީ ހިމެނެ އެވެ. ކުރިން މި އަހަރުގެ އެޕްރީލްގައި ގެނެސްދޭން ތާވަލުކޮށްފައި ވަނިކޮށް ކޮވިޑްގެ ބަލިމަޑުކަމާ ހެދި ފަހުން އަންނަ މަހަށް ފަސްކޮށް މިހާރު އަންނަ އަހަރަށް ފިލްމު ފަސްކުރަން ޖެހުމުން "ނޯ ޓައިމް ޓު ޑައި" ގެ ޕްރޮޑިއުސަރުންނަށް ވަނީ ގާތްގަނޑަށް 30-50 މިލިއަން ޑޮލަރުގެ ގެއްލުމެއްވެފަ އެވެ. އެހެންވެ އެ ގެއްލުން ފޫބައްދަން ފިލްމު ވިއްކާލުމުގެ ވިސްނުންތަކެއް ގެންގުޅެމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ.
އެކަމަކު އެކަން ދޮގުކުރަމުން އެމްޖީއެމްގެ ތަރުޖަމާނު ވެރައިޓީ އަށް ބުނީ ހަގީގަތެއް ނެތް ވާހަކަތަކަށް ރައްދު ދިނުން ބޭކާރު ކަމަށެވެ.
"އަހަރެމެން ފިލްމު [އެއްވެސް ސްޓްރީމިން ޕްލެޓްފޯމަކަށް] ވިއްކާލާކަށް ނޫޅެން. ފަހުން ވެސް ނިންމި ގޮތަށް ފިލްމު އަހަރެމެން ގެނެސްދޭނީ ތިއޭޓަރުތަކުގައި އަންނަ އަހަރު،" އޭނާ ބުންޏެވެ.
މިހާރު ތާވަލުކޮށްފައި އޮތް ގޮތުން ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ އެޕްރީލް 2 ގަ އެވެ. ކެރީ ޖޯޖީ ފުކުންގާ ޑައިރެކްޓްކޮށްފައިވާ "ނޯ ޓައިމް ޓު ޑައި" އަކީ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.
މި ފިލްމަކީ ޑެނިއަލް ކްރެއިގް ބޮންޑްގެ ރޯލުން ފެންނާނެ ފަސް ވަނަ އަދި ފަހު ފިލްމެވެ. "ނޯ ޓައިމް ޓު ޑައި" ގެ ކާސްޓުންގެ ތެރޭގައި ރަމީ މާލިކް، ލިއާ، ސެޑޫ، ލަޝާނާ ލީންޗް، ނިއޯމީ ހެރިސް، ޖެފްރީ ރައިޓް، ރާފް ފިއެނެސް އަދި ކްރިސްޓޯފާ ވޯލްޒް ހިމެނެ އެވެ.