25 އޮކްޓޯބަރ 2020 - 09:42

މިއުނިކް (އޮކްޓޫބަރު 25) - ޖަރުމަނު ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން 5-0 އިން މޮޅުވި މެޗުގައި ބަޔާންގެ ޒުވާން ފުލްބެކް އަލްފަންސޯ ޑޭވިސް އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
ބަޔާނުން މިދިޔަ އަހަރާއި މި އަހަރު ހޯދި ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާކުރި އުމުރުން 19 އަހަރުގެ ޑޭވިސްގެ ކުޑަހުޅަށް އަނިޔާވުމާ ގުޅިގެން މަދުވެގެން ދެ މަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. މެޗު ފަށައިގެން މާ ގިނަ އިރެއް ނުވެ ޑޭވިސް އަށް އަނިޔާވުމުގެ ސަބަބުން އޭނާ ބަދަލުކުރި އެވެ. ބަޔާންގެ ކޯޗު ހަންސީ ފްލިކް ބުނީ ޑޭވިސް ކުޅޭ މަގާމަށް ބޭނުންކުރެވޭނެ ގިނަ ކުޅުންތެރިންތަކެއް ބަޔާނުގައި އެބަތިބި ކަމަށާއި އެކަމަކު އޭގެ މާނަ އަކީ ޑޭވިސް އަށް އަނިޔާވުމުން ކަންބޮޑުނުވުން ނޫން ކަމަށެވެ.
"ހައެއް ނޫނީ އަށް ވަރަކަށް ހަފްތާ ޑޭވިސް ނުލައި ކުޅެން ޖެހޭނެ ކަމަށް މި ބަލަނީ. އެ ކޮލިޓީގެ ކުޅުންތެރިއަކު ގެއްލުމަކީ ވަރަށް ހިތްދަތި ކަމެއް. އަހަރެމެން އެދެނީ ޑޭވިސް ވަރުގަދަކޮށް އެނބުރި އައުން،" ފްލިކް ބުންޏެވެ.
ކެނަޑާ ގައުމީ ޓީމަށް ވެސް ކުޅޭ ޑޭވިސް އަށް ދެން ކުޅުމަށް އެނބުރި އާދެވޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އަންނަ އަހަރު އެވެ. އެކަމަކު ފްލިކް ބުނީ ޑިސެމްބަރު މަހުގެ ތެރޭގައި އޭނާ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ރޭގެ މެޗުގައި ބަޔާންގެ ރޮބަޓް ލެވަންޑޯސްކީ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަދި މި ލަނޑުތަކާ އެކު ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދާދި ފަހުން ހޯދި ލެވަންޑޯސްކީ ވަނީ ޖަރުމަނު ލީގުގައި އަނެއްކާ ވެސް ލަނޑު ޖެހުމުގެ ރެކޯޑެއް ހަދައިފަ އެވެ. އެ ގޮތުން ލީގުގެ ފުރަތަމަ ފަސް މެޗުގެ ތެރޭގައި 10 ގޯލު ޖެހި ހަމައެކަނި ކުޅުންތެރިއަކީ އޭނާ އެވެ.
ބަޔާންގެ އަނެއް ދެ ގޯލު ޖެހީ ލެރޯއި ސާނޭ އާއި ބަޔާންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ 17 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު ޖަމާލް މުސިއާލާ އެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު އާރްބީ ލިޕްޒިގު ވަނީ 2-1 އިން ހާތާ ބާލިން ބަލިކޮށްފަ އެވެ. އަދި ޑޯޓްމަންޑް ވަނީ 3-0 އިން ޝާލްކާގެ މައްޗަށް ކުރިހޯދައިފަ އެވެ. ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތީ އާރްބީ ލިޕްޒިގު އެވެ. އެ ޓީމު ވަނީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް ބަޔާނާއި ތިން ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ ފަސް މެޗުން 12 ޕޮއިންޓް ލިބިފަ އެވެ.