25 އޮކްޓޯބަރ 2020 - 11:05

ބޭންކް އޮފް މޯލްޑިވްސްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ އެހީގެ ދަށުން، ނ. ހޮޅުދޫގައި މަސް ކަނޑާ ތަނެއް ހަދައިފި އެވެ.
މަހެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ މި ތަނަކީ މަސްކަނޑަން ފަސޭހަވާނެ ގޮތަށް ހަދާފައިވާ ތަނެއް ކަމަށް ބީއެމްއެލުން ބުންޏެވެ. އެ ތަނުގައި އެއްފަހަރާ އަށް މީހުންނަށް މަސް ކަނޑަން ތިބެވޭނެ ކަމަށާއި ދުވާލާއި ރޭގަނޑު ވެސް އެތަން ބޭނުންކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.
މީގެ އިތުރުން ސާފު ފެން ލިބޭނެހެން އިސްކުރު ހަރުކޮށް ތަކެތި ރައްކާކުރުވޭނެ ގުދަނެއް ވެސް ހުންނާނެ އެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މި ޕްރޮޖެކްޓަކީ ކޮމިއުނިޓީ ފަންޑަށް މިހާތަނަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ވަރަށް ތަފާތު ޕްރޮޕޯސަލެއް ކަމަށެވެ. އަދި މި ޕްރޮޕޯސަލަކީ އެ ރަށުގެ ރައްޔިތުންނަށް މަސް ކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ހުށަހެޅި ޕްރޮޕޯސަލެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ކޮމިއުނިޓީ ފަންޑަށް ހުށަހެޅިގެން ދިޔަ ވަރަށް ތަފާތު ހުށަހެޅުމެއް. ހޮޅުދޫގެ މަސްވެރިންނަށާއި ރައްޔިތުންނަށް މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ހުށަހެޅުނު މި ޕްރޮޕޯސަލްގެ ދަށުން ގާއިމްކުރެވުނު މި ތަނުގެ ސަބަބުން މި ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސް ވިއްކުމަށް ފަސޭހަވެގެންދާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން،" ސައީދު ވިދާޅުވި އެވެ.
ކޮމިއުނިޓީ ފަންޑަށް މި ޕްރޮޕޯސަލް ހުށަހެޅީ ހޮޅުދޫގެ ޒުވާނުންގެ ޖަމިއްޔާއެއް ކަމަށްވާ އެމްސީއެފް ޖަމިއްޔާއިންނެވެ. އެ ޖަމިއްޔާގެ މެމްބަރެއް ކަމަށްވާ މޫސާ ޝިމާއު ބުނި ގޮތުގައި މި ތަނަކީ އެ ރަށުގެ މަސްވެރިންނަށާއި ރައްޔިތުންނަށް ވަރަށް މުހިންމު ތަނެކެވެ. އެހެންކަމުން ބީއެމްއެލްގެ އެހީގައި މި ޕްރޮޖެކްޓު ކާމިޔާބުކަމާ އެކު ނިންމާލެވުމަކީ ލިބޭ އުފަލެއް ކަމަށް އޭނާ ބުންޏެވެ.
"ފާއިތުވި އަހަރުތަކުގައި ހޮޅުދޫގެ ރައްޔިތުން މަސްކެނޑުމަށް ބޭނުންކުރަމުން އައީ ބަނދަރު މަތީގައި ހުންނަ ބާ މޭޒެއްގައި. ވަރަށް ގިނަ ދަތިތަކާ ކުރިމަތީވޭ މަސްވެރިންނަށް މިކަމުގެ ސަބަބުން. މިކަމަށް ހައްލެއް ހޯދުމަށް އައި ހިޔާލާއެކު މި ޕްރޮޖެކްޓް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހޮވި މިކަން ހަގީގަތަކަށް ވުމީ މި ރަށަށާއި ޖަމިއްޔާއަށް ލިބުން ކުރިއެރުމެއް،" ޝިމާއު ބުންޏެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށުގައި ހިންގާ ޕްރޮޖެކްޓުތަކަށް އެހީވުމުގެ ގޮތުން ހުޅުވާފައިވާ ފަންޑެކެވެ. މިފަންޑަށް ޕްރޮޕޯސަލް ހުޅުވުމުުގެ ފުރުސަތު މިއަހަރު ބީއެމްއެލުން ހުޅުވާލައިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން ދެ ފިޔަވަހީގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން 10 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ތިންވަނަ ފިޔަވަހީގައި ވެސް 10 ޕްރޮޖެކްޓަކަށް އެހީވާނެ އެވެ.