ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ވޯޓު ދެއްވައިފި
ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ވޯޓު ދެއްވައިފި

ފްލޮރިޑާ (އޮކްޓޯބަރު 25) - އެމެރިކާގައި އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން، އާލީ ވޯޓިން ނުވަތަ ކުރިން ވޯޓުލާ މީހުންގެ ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާގައި އިއްޔެ ވޯޓު ދެއްވައިފި އެވެ.

ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ވޯޓު ދެއްވައިފި
ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ވޯޓު ދެއްވައިފި

އިންތިޚާބަށް 10 ދުވަހަށްވެފައިވާ އިރު މިހާތަނަށް ވަނީ 57 މިލިއަން މީހުން ވޯޓުލައިފަ އެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އާލީ ވޯޓިންގެ ގޮތުގައި ވޯޓުލީ މީހުންގެ އަދަދަށް ވުރެ ބުރާސްފަތި ދުވަހާ ހަމައަށް ވޯޓުލީ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އާލީން ވޯޓިންގެ ގޮތުގައި ގިނަ މީހުން ވޯޓުލަމުން ދަނީ ކޮރޯނާވައިރަހުގެ ބިރު އޮތުމުން، ވޯޓު ބޫތުތަކުގެ ކައިރީގައި ގިނަ ބަޔަކު އެއްވެގެން ތިބެން ވޯޓުލާން ބޭނުން ނުވާތީ ކަމަށްވެ އެވެ.

ފްލޮރިޑާ އަށް ރައީސް ޓްރަމްޕް ވޯޓު ދެއްވުމުގެ އެއް ދުވަސްކުރިން އެމެރިކާގައި ވަނީ ރެކޯޑް އަދަދަކަށް މީހުންނަށް ބަލިޖެހިފަ އެވެ.

ވޯޓު ލައްވަން ވަޑައިގެންނެވި އިރު ޓްރަމްޕް ހުންނެވީ މާސްކް އަޅުއްވައިގެންނެވެ. ފަހުން ނޫސްވެރިންނާ ވާހަކަ ދައްކަވަން ވަޑައިގެންނެވި އިރު ވަނީ މާސްކް ނަންގަވައިފަ އެވެ.

"އަޅުގަނޑު ވޯޓުލީ ޓްރަމްޕް ކިޔާ މީހަކަށް،" ކާކަށްތޯ ވޯޓު ލެއްވީ ނޫސްވެރިއަކު ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވި އެވެ.

ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުްނ ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އަށް ވުރެ ފަހަތުގައި ޓްރަމްޕް އުޅުއްވި ނަމަވެސް ފަހަކަށް އައިސް ޓްރަމްޕްގެ ކެމްޕޭން ވަނީ ވަރުގަދަކޮށްފަ އެވެ.

އެމެރިކާގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާ މައްސަލާގައި ޓްރަމްޕް ވިދާޅުވީ ގިނައިން ޓެސްޓްކުރަންޏާ ގިނަ މީހުން ޕޮޒިޓިވްވާނެ ކަމަށެވެ. އަދި ސިޔާސީ ކަންތައްގަނޑެއް ނުވެއްދި ނަމަ އެމެރިކާގައި މިހާރު ކޮރޯނާވައިރަހުގެ ވެކްސިން ބޭނުން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފްލޮރިޑާގައި ވޯޓު ދެއްވުމަށް ފަހު ޓްރަމްޕް އިއްޔެ ވަނީ ތިން ސްޓޭޓެއްގައި ކެމްޕޭން ކުރައްވައިފަ އެވެ.