24 އޮކްޓޯބަރ 2020 - 19:48

އެމްއެމްޕީއާރުސީގެ ތަހުގީގަށް ރިޔާސީ ކޮމިޝަނަށް ހާޒިރުނުކުރާ ކަމަށް އިދިކޮޅު ކޯލިޝަން ހިންގަވާ ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.
މި ވެރިކަމުގައި އުފެއްދި ރިޔާސީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި އަދުރޭ އާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ހާޒިރުކުރި ކަމަށް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. މި ވާހަކަތައް ރިޔާސީ ކޮމިޝަނުން ދޮގެއް ނުކުރެ އެވެ.
އެކަމަކު އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ އިސް ބޭފުޅުން ހާޒިރުކުރި ކަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމަށެވެ. މިހާތަަނަށް އޭނާ ވެސް އަދި އެ ޕާޓީގެ އިސް އެހެން ބޭފުޅަކު ވެސް ހާޒިރުނުކުރާ ކަމަށް ވިދާޅުވި އެވެ.
"އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުލަތުގެ އެއްވެސް އިދާރާއަކަށް އަޅުގަނޑު އަދި އެއް ފަހަރުވެސް ހާޒިރެއް ނުކުރޭ. އެ މައްސަލައިގައި އަޅުގަނޑާ ދުވަހަކުވެސް އަދި ސުވާލެއް ނުކުރޭ،" އަދުރޭ ވިދާޅުވި އެވެ.
އިތުބާރު ހުރި ފަރާތަކުން "މިހާރު"އަށް ބުނިގޮތުގައި، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ހުންނެވި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ބުރާސްފަތިދުވަހު ހާޒިރުކުރި އެވެ. ވަކީލަކާ އެކު މާދަމާ ހާޒިރުވާން އޭނާ އަށް ވަނީ ފުރުސަތު ދީފަ އެވެ.
ތަހުގީގީ އިދާރާތަކުން ކުރިން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖުމްލަ 267 ފަރާތަކަށް ލިބިފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ. އޭގެ ތެރޭގައި މިހާރުގެ ސަރުކާރުގެ ހަތް ފަރާތަކާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ފަސް މެމްބަރަކާއި ސަލާމަތީ ޚިދުމަތްތަކުގެ 23 ފަރާތެެއް ހިމެނޭ ކަމަށް އޭރު ބުންޏެވެ. އެކަމަކު މިހާރުގެ ސަރުކާރުގެ އަދި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް ފަރާތަކާ ކޮމިޝަނުން އަދި ސުވާލެއް ނުކުރެ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތް ލަސްކަމުން އެކޮމިޝަނަށް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އެކޮމިޝަނަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރައްވައި 2018 ވަނަ އަހަރުގެ ނޮވެމްބަރުމަހު އުފެއްދެވި ކޮމިޝަނެކެވެ. އެކޮމިޝަނަށް ރައީސް ހަވާލުކުރެއްވީ، ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު، 17، 2018 ވަނަ ދުވަހާ [އެމަނިކުފާނު ވެރިކަމުގެ ހުވާކުރެއްވުމާ] ހަމައަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތަކާ ހެދި ރަނގަޅަށް ނުބެލި އޮތުމުން އެފަދަ މައްސަލަތައް ބެލުމެވެ. ތަހުގީގީ ބޮޑެތި ބާރުތަކާއި ދައުވާކުރުމުގެ ބާރު ގާނޫނަކުން އެ ކޮމިޝަނަށް ދިނެވެ.
އެކަމަކު މިހާތަނަށް އެއްވެސް މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރާކަށް ނުފޮނުވަ އެވެ.