ނަސްރު 60 މެރެތަން ހަމަކޮށްފި
ނަސްރު 60 މެރެތަން ހަމަކޮށްފި

އެންމެ ގިނަ މެރެތަން ދުވި ދިވެހި ދުވުންތެރިޔާގެ ރެކޯޑް އޮތް ސިފައިންގޭގެ ނަސްރުﷲ އަހުމަދު (ނަސްރު) އޭނާގެ 60 ވަނަ މެރެތަން ރޭ ފުރިހަމަކޮށްފި އެވެ.

މޮސްކޯ ރަނިން މެރެތަންގައި ނަސްރު ވާޗުއަލްކޮށް ބައިވެރިވެ ރޭސް ނިންމީ 3 ގަޑިއިރު 40 މިނެޓު 15 ސިކުންތުންނެވެ.

ހުޅުމާލޭގައި ދުވިއިރު ރޫޓް މެނޭޖްކޮށް އެޕްރޫވްކޮށް އަދި ޓައިމިން ބަލައިދިނީ އެތުލެޓިކްސް އެސޯސިއޭޝަނުންނެވެ. ކޮކާކޯލާ އިން ސްޕޮންސާކޮށްފައިވާ ނަސްރުގެ މި ދުވުމުން ސްޕޮންސާކުރީ ފިޒިއޯ ކްލިނިކުންނެވެ.

މި އަހަރުގެ ހަތަރު ވަނަ މެރެތަނަށް ފަހު ނަސްރު ބުނީ ބޮޑު އަނިޔާއެއް ނެތި މި ހިސާބަށް އާދެވުނީތީ އުފާވާ ކަމަށެވެ. ނަސްރު އަންނަ އާދީއްތަ ދުވަހު ވެސް އިތުރު މެރެތަނެއް ދުވާނެ އެވެ.

"ރާއްޖޭގައި މިހާ ކައިރިކައިރީގައި މި ޓައިމް އަށް ދުވެވޭތީ ވަރަށް އުފާވޭ. ރާއްޖޭގެ މި މޫސުމުގައި މި ޓައިމް އަށް ދުވެވޭތީ ވެސް އުފާކުރަން،" ނަސްރު ބުންޏެވެ.

މިއީ މި އަހަރުގެ ފެބްރުއަރީ މަހު ނިއު ދިއްލީ މެރެތަންގައި ދުވި ފަހުން ނަސްރު ޖެހި ތިން މެރެތަނެވެ. އޭރު ނަސްރުގެ ޓާގެޓަކީ މި އަހަރު އިތުރު 18 މެރެތަން ޖެހުމެވެ. އެކަމަކު މި ހާލަތުގެ ގޮތުން އެކަން ދެން ކާމިޔާބެއް ނުވާނެ އެވެ. އެހެންވިޔަސް އޭނާ އަންނަނީ ވާޗުއަލްކޮށް ވީހާ ވެސް ގިނަ ދުވުންތަކެއް ފުރިހަމަކުރެވޭތޯ މަސައްކަތްކުރަމުންނެވެ.

އޭޝިއާގައި އެންމެ ގިނަ މެރެތަން ޖެހުމުގެ ރެކޯޑް އޮތް ދުވުންތެރިޔާ ދުވެފައިވަނީ 100-150 އާ ދޭތެރޭގެ އަދަދަކަށެވެ. އެ އަދަދު ކަށަވަރުކުރުމަށް ފަހު އެ ރެކޯޑް މުގުރާލަން އޭނާ ބޭނުންވެ އެވެ. އަދި އެއަށް ފަހު ދުނިޔޭގެ ރެކޯޑަކާ ދިމާލަށް ދިއުމަށް ވެސް އޭނާ ހުރީ ނިންމައިގެންނެވެ.

ސިފައިންގެ ސްޓާފް ސާޖަންޓް، ނަސްރު ދުވުމުގެ ތެރެއަށް ވަނީ 2000 ގެ ކުރީކޮޅު އެވެ. ސިފައިންގެ ޔުނިޓްތަކުގެ މެދުގައި އޮތް އެތުލެޓިކްސް މުބާރާތެއްގެ 5000 މީޓަރު ދުވުމުގައި، ފަސް ވަނާގައި އޮވެ އެންމެ ފަހު 400 މީޓަރުގައި ހިފި ގޮތަށް ގޮސް ތިން ވަނަ ލިބުނު ހިސާބުން އޭނާގެ ސަމާލުކަން ދިގު ދުވުންތަކަށް ހުއްޓުނީ އެވެ. އަދި 2008 ގައި އޮތް އެމްޓީސީސީ މެރަތަން ރޭސް ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމުމައި ދިގު ރާސްތާ ދުވުންތަކުގެ ތެރެއަށް ރަސްމީކޮށް ވަނެވެ. އޭނާ ބުނި ގޮތުގައި މެރެތަން ދުވުމަކީ ރެކޯޑަކަށް ވިސްނައިގެން ފެށި ކަމެއް ނޫނެވެ. އެކަމަކު ވަކި ހިސާބަކުން އެކަމަށް އަމާޒު ހިފީ އެވެ.