24 އޮކްޓޯބަރ 2020 - 13:23

ރާއްޖެއިން ބޭރުގައި ހަނގުރާމަ ކުރުމަށް ފަހު އެނބުރި އަންނަ މީހުން ބަންދުކުރަން ކ. ހިންމަފުށީގައި މަރުކަޒެއް ހަދައިފި އެތަނުގައި ފުރަތަމަ ފަހަރަށް މީހަކު ބަންދުކޮށްފި އެވެ.
ޓެރަރިޒަމްގެ ގާނޫނު ބުނާ ގޮތުން، ހަނގުރާމަކުރުމަށް ފަހު ނުވަތަ ހަނގުރާމަ ހިނގާ ސަރަހައްދަކަށް ދިއުމަށް ފަހު އެނބުރި އަންނަ މީހުންނަކީ ޓެރަރިޒަމްގެ އަމަލެއްގައި ބަައިވެރިވި ބައެއްތޯ ނުވަތަ އެފަދަ ތަމްރީނެއް ލިބިފައިވާ ބައެއްތޯ ބެލުމަށް ވަގުތީ މަރުކަޒެއްގައި އެ މީހުން ބަންދު ކުރަން ޖެހޭނެ އެވެ.
ހޯމް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނީ ގާނޫނުގެ ދަށުން އުފައްދަންޖެހޭ ވަގުތީ މަރުކަޒުގެ ގޮތުގައި "ނޭޝަނަލް ރީ އިންޓަގްރޭޝަން ސެންޓަރު" ހިންމަފުށީގައި ގާއިމުކޮށްފައިވާ ކަމަށެވެ. އެ މަރުކަޒު ހިނގަމުންދާނީ އެ މިނިސްޓްރީގެ ދަށުން ކަމަށް އެ އިއުލާނުގައިވެ އެވެ.
އެތަނުގައި ފުރަތަމަ ފަހަރަށް ބަންދުކުރީ މި މަހުގެ 15 ވަނަ ދުވަހު ރާއްޖެ އައުމުން ހައްޔަރުކުރި މީހެކެވެ. ސީރިއާގެ ދާހިލީ ހަނގުރާމާގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ 34 އަހަރުގެ އެ މީހާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަހު ރީ އިންޓަގްރޭޝަން ސެންޓަރުގައި ބަންދުކުރަން އަމުރުކުރީ ގާނޫނުގައި ބުނާ އެސެސްމަންޓް ހެދުމަށް 30 ދުވަހުގެ މުއްދަތަށެވެ.
ހޯމް މިނިސްޓްރީން ބުނީ ރީ އިންޓަގްރޭޝަން ސެންޓަރު ހަދައި އެތަނަށް މީހުން ގެންދަން ފެށުމަކީ ޓެރަރިޒަމްގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ފަހު ރާއްޖެ އަންނަ މީހުންގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމާ އެކު ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމުގެ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.
ޜާއްޖެ އަކީ އާބާދީގެ ނިސްބަތުން ބަލާއިރު، ބޭރުގެ ހަނގުރާމަތަކުގައި ގިނަ އަދަދަކަށް މީހުން ބައިވެރިވާ ގައުމެއް ކަމަށް އޮންނަނީ ބެލެވިފަ އެވެ.