01 ނޮވެމްބަރ 2016 - 06:07

ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރުމާ އަދި އައިޝްވަރިޔާ ރާއީގެ "އޭ ދިލް ހެ މުސްކިލް" ރިލީޒްކުރިތާ މަދު ގަޑިއިރެއްގެ ތެރޭގައި ފޭސްބުކްގައި ލީކުކޮށްލައިފި އެވެ. "ވޮޗް އެވްރި މޫވީޒް" ކިޔާ ފޭސް ބުކް ޕޭޖެއްގައި ފިލްމު ލީކުކޮށްލުމުން އެ ފިލްމު ޑައުންލޯޑްކުރެވެން އަދި އޮންލައިންކޮށް ބެލޭ ގޮތަށް ބައެއް ސައިޓްތަކުން ފެނިފައިވެ އެވެ.
އޮންލައިންކޮށް ޑައުންލޯޑް ކުރެވޭ ކޮޕީގެ ކޮލިޓީ އެވްރެޖްވަރަކަށް ރަނގަޅު ކަމަށް ވާތީ ގޭގައި ތިބެގެން ފިލްމު ބަލާލަން ބޭނުން ގިނަ ބަޔަކު ފިލްމު ޑައުންލޯޑް ކޮށްގެން ބަލާނެކަމަށް ލަފާ ކުރެވެ އެވެ.
ނަމަވެސް ފަހުން ބަޔަކު ޝަކުވާ ކުރުމުން ފޭސްބުކުންނާއި އެހެން ސޯޝަލް މީޑިއާތަކުން ފިލްމު ނުބެލޭ ގޮތަށް ހަދާފައިވެ އެވެ.
އަޖޭ ދޭވްގަންގެ "ޝިވާއޭ"އަށް ވެސް ވަނީ ހަމަ މިގޮތަށް ލަނޑު ލިބިފަ އެވެ. އެ ފިލްމު ވެސް ރިލީޒްކުރިތާ މާ ގިނަ އިރެއް ނުވެ އޮންލައިންކޮށް ޑައުންލޯޑް ކުރެވޭ ގޮތަށާއި ބެލޭގޮތަށް ހުއްޓެވެ. އެކަމަކު މި ލިންކުތައް ވެސް ވަރަށް އަވަހަށް ބްލޮކްކުރި އެވެ.
ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް" އަށް ފެށުނީއްސުރެ ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވަމުން ގޮސްފައި ވެ އެވެ. އަދި ފިލްމު ރިލީޒްކުރެވިދާނެ ކަމާ މެދު ޝައްކު އުފެދުނު ދުވަސްވަރެއް ވެސް ދިޔަ އެވެ. ނަމަވެސް ފިލްމު ވަނީ ކަނޑައެޅިފައިވާ ތާރީޚުގައި އެއްވެސް މައްސަލައެއް ނުޖެހި ރިލީޒްކޮށްފަ އެވެ. އަދި އިންޑިއާ އާއި އެ ގައުމުން ބޭރު ގައުމުތަކުގައި ވެސް ފިލްމު ވަރަށް ރަނގަޅަށް ހިނގަ އެވެ. ހަފުތާ ބަންދާއެކު ތިން ދުވަސް ފާއިތުވެފައިވާއިރު އިންޑިޔާއިން މި ފިލްމަށް 36 ކްރޯޑު (360 މިލިއަން ރުޕީސް) ލިިބިފައިވެ އެވެ.
ޓްރޭޑް އެނަލިސްޓް ތަރަން އާދާޝްގެ ޓުވީޓެއްގައި ބުނެފައި ވަނީ އަޖޭ ދޭވްގަންގެ "ޝިވާއޭ"އަށް ތިން ދުވަސް ތެރޭ 28 ކްރޯޑު (280 މިލިއަން ރުޕީސް) އިންޑިޔާ އިން ލިބުނު ކަމަށެވެ.
އިންޑިއާއަށް ވުރެ "އޭ ދިލް ހެ މުޝްކިލް"ގެ ވިޔަފާރި ބޭރު ގައުމުތަކުގައި މާ ރަނގަޅުކަން ފާހަގަކުރެވެ އެވެ.
ތަރަން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ބޭރު ގައުމުތަކުގައި "އޭ ދިލް ހެ މުޝްކިލް" އަޅުވައިގެން ފާއިތުވީ ތިން ދުވަހުގެ ތެރޭގައި 41.05 ކްރޯޑު (6.15 މިލިއަން ޑޮލަރު) ލިބިފައިވާ ކަމަށެވެ. ނަމަވެސް "ޝިވާއޭ" އަށް ބޭރު ގައުމުތަކުގައި މާ ބޮޑު ތަރުހީބެއް ލިބެމުން ނުދާ ކަމަށް ތަރަން ފާހަގަ ކުރި އެވެ.