24 އޮކްޓޯބަރ 2020 - 10:42

ބާމިންހަމް (އޮކްޓޫބަރު 24) - އަމިއްލަ ދަނޑުގައި ރޭ ލީޑްސް ޔުނައިޓެޑް އަތުން 0-3 އިން ބަލިވެ، އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނުގައި އެސްޓަން ވިލާ އިން ހުރިހާ މެޗަކުން މޮޅުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އަތުވެއްޖެ އެވެ.
ޕްރިމިއާ ލީގަށް 16 އަހަރަށް ފަހު ޕްރޮމޯޓްވި ކުރީގެ ގަދަބާރު ލީޑްސް އަށް ރޭ ލިބުނު މޮޅާ އެކު އެ ޓީމު ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ހަ މެޗުން 10 ޕޮއިންޓް ހަމަކޮށްގެންނެވެ. އެކަމަކު މި ހަފްތާގައި ދެން ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ލީޑްސްގެ މަގާމަށް ބަދަލު އަންނާނެ އެވެ. ރޭގެ މެޗުން ބަލިވި ނަމަވެސް ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ހޯދާފައިވާ އެސްޓަން ވިލާ އޮތީ ދެ ވަނައިގަ އެވެ.
ރޭގެ މެޗު ފަށައިގެން ލީޑްސް އިން އެސްޓަން ވިލާ ހާފް ތެރޭގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ލީޑްސްގެ ކުރިއަށް ކުޅޭ ޕެޓްރިކް ބެމްފޯޑް އާއި ރޮޑްރީގޯ މޮރޭނޯ އަށް ފުރަތަމަ ހާފުގައި ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ. ފުރަތަމަ ހާފުގައި އެސްޓަން ވިލާގެ ކެޕްޓަން ޖެކް ގްރީލިޝް ގޯލަށް ޖެހި ބޯޅައެއް ލީޑްސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ލޫކް އޭލިން ވަނީ ގޯލުގެ ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ.
ލީޑްސް މޮޅުކޮށްދިނީ ދެ ވަނަ ހާފްގައި ބެމްފޯޑް ހެދި ހެޓްރިކުންނެވެ. ބެމްފޯޑް ފުރަތަމަ ގޯލު ޖެހި މެޗުގެ 55 ވަނަ މިނިޓްގައި އެސްޓަން ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް އަތުގައި ޖެހިފައި ނުކުތް ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ. ބަމްފޯޑް އޭނާގެ ދެ ވަނަ ގޯލު މެޗުގެ 67 ވަނަ މިނިޓްގައި ޖެހީ އޭރިއާ ރޮނގުކައިރިން ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. އަދި އޭގެ ހަތް މިނިޓް ފަހުން އޭރިއާ ތެރޭގައި ހުރެފައި ގޯލުގެ ދުުރު ކަނަށް ބޯޅަ އަމާޒުކޮށްލައި އޭނާގެ ހެޓްރިކް ފުރިހަމަކުރި އެވެ. އޭނާ އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ހެޓްރިކް ހެދި ލީޑްސްގެ ނުވަ ވަނަ ކުޅުންތެރިޔާ އެވެ.
އެސްޓަން ވިލާ އަށް ލަނޑެއް ޖަހައިދޭން ގްރީލިޝް ޖެހި ބޯޅައެެއް ލީޑްސް ކީޕަރު އިލަން މެލިއޭ ވަނީ މަތަކޮށްފަ އެވެ. އަދި އޮލީ ވަޓްކިންސް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
މި ސީޒަނުގައި ލިވަޕޫލާއި ލެސްޓާ ސިޓީ އަދި ޝެފީލްޑް ޔުނައިޓެޑް ބަލިކުރި އެސްޓަން ވިލާގެ ކޯޗު ޑީން ސްމިތު ބުނީ ރޭގެ މެޗު ގެއްލުނީ ދެ ވަނަ ހާފް ދަށްކޮށް ދިއުމުން ކަމަށާއި ކުރެވޭނެ ޝަކުވާއެއް ނެތް ކަމަށެވެ. ލީޑްސްގެ ކޯޗު މާސެލޯ ބިއެލްސާ ބުނީ ލީޑްސް މޮޅުވާން ކުރި މަސައްކަތް ކާމިޔާބުވުމުގެ އެންމެ ބޮޑު އަސްލަކީ ފުރަތަމަ ގޯލު ޖެހުމުގެ ނަސީބު އެ ޓީމަށް ލިބުން ކަމަށެވެ.