އެމެރިކާގެ އެންމެންނަށް ހިލޭ ވެކްސިން ލިބޭނެ ގޮތް ހަދާނަން: ބައިޑަން
އެމެރިކާގެ އެންމެންނަށް ހިލޭ ވެކްސިން ލިބޭނެ ގޮތް ހަދާނަން: ބައިޑަން

ވޮޝިންޓަން (އޮކްޓޯބަރު 24) - އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ކޮރޯނާވައިރަހުގެ ވެކްސިން ހިލޭ ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

"ފުޅާ ދާއިރާއެއްގައި ވެކްސިން ހޯދުމަށް އަދިވެސް މަސްތަކެއް ނަގާނެ. އެކަމަކު ރައްކާތެރި ވެކްސިނެއް ލިބޭ އިރަށް، ޑިމޮކްރެޓިކް ކެންޑިޑޭޓުގެ ފަރާތުން ބޮޑު ވައުދެއް އެބައޮތް. އެއީ އެމެރިކާގެ އެންމެންނަށް ހިލޭ ފޯރުކޮށްދިނުން،" ކޮވިޑް-19 ޕްލޭނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވި އެވެ.

ވެރިކަމަށް ހޮވިވޑައިގެންފި ނަމަ ގައުމީ ފެންވަރުގައި ޓެސްޓްކުރުމުގެ ޕްރޮގްރާމެއް ހިންގަވާނެ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.

"ޓެސްޓް ކުރުން އަޅުގަނޑު ގަބޫލްކުރަން. ޑޮނަލްޑް ޓްރަމްޕް އެކަން ގަބޫލެއް ނުކުރޭ. އަޅުގަނޑަކީ ސައެންސް ގަބޫލް ކުރާ މީހެއް،" ބައިޑަން ވިދާޅުވި އެވެ.

އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ފޯރުކޮށްދިނުމުގެ ޕްލޭނެއް ގެންގުޅުއްވާނެ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.

"މި ހުރިހާ ފިޔަވަޅުތަކެއް އަޅައިފި ނަމަ އަޅުގަނޑުމެންގެ ދަރިން ސްކޫލަށް ވެސް ފޮނުވޭނެ. ވިޔަފާރިތައް ހިނގައިގަންނާނެ. އިގްތިސާދު ކުރިއަރާނެ،" ބައިޑަން ވިދާޅުވި އެވެ. "އަޅުގަނޑުމެން އިގްތިސާދު ހުއްޓުވައެއް ނުލާނަން. ހުއްޓުވާލާނީ ވައިރަސް."

ބައިޑަން އަށް ރައްދު ދެއްވައި ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ނައިބް ރައީސަކަށް ބައިޑަން ހުންނެވިއިރު އެޗް1އެން1އާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތައް ވަރަށް ދޯދިޔާ ކަމަށެވެ.

އެމެރިކާގައި އިއްޔެ ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 83،000 މީހުން ޕޮޒިޓިވްވެފަ އެވެ. އެ ގައުމުން މިހާތަނަށް 8,746,953 މީހުން ޕޮޒިޓިވްވެފައިވާ އިރު 229،284 މީހުން ވަނީ މަރުވެފަ އެވެ.