24 އޮކްޓޯބަރ 2020 - 12:38

ޖެނީވާ (އޮކްޓޯބަރު 24) - ކޮވިޑް-19އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ނޮދަން ހެމިސްފިއާ އިން ފެންނަނީ އުއްމީދީ މަންޒަރެއް ނޫން ކަމަށާއި ގިނަ ގައުމުތަކުގައި ވައިރަސްގެ ހާލަތު ދަނީ ގޯސްވަމުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
"ވައިރަސް ކޮންޓްރޯލް ކުރުމުގައި ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް. ބައެއް ގައުމުތައް ވަނީ ނުރައްކާ ފައްތަރެއްގައި،" ޖެނީވާގައި ބޭއްވި ވާޗުއަލް ޕްރެސް ކޮންފަރެންސެއްގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވި އެވެ. "ބައެއް ގައުމުތަކުގައި ކޭސްތައް އިތުރުވާތީ ހޮސްޕިޓަލްތަކާއި އައިސީޔޫގެ ޖާގަތައް ދަނީ ފުރެމުން."
ބަލިން ރައްކާތެރިވުމަށް އިތުރު ފިޔަވަޅު އެޅުމަށް ދުނިޔޭގެ ލީޑަރުންނަށް އޭނާ ގޮވާލެއްވި އެވެ.
ޗައިނާގެ ވޫހާން ސިޓީ މިދިޔަ ޖެނުއަރީ މަހު ފަހުކޮޅު ކޮރޯނާވައިރަސް ފެނުނު ފަހުން މިހާތަނަށް ވަނީ 42 މިލިއަން މީހުން ޕޮޒިޓިވްވެ 1.1 މިލިއަން މީހުން މަރުވެފަ އެވެ.
ޑަބްލިއުއެޗްއޯގެ ކޮވިޑް-19 ޓެކްނިކަލް ގްރޫޕުގެ ވެރިޔާ މާރިއާ ވެން ކާކޯވް ވިދާޅުވީ ޔޫރަޕުގައި އޮތީ ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއް ކަމަށެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ދުނިޔެ އިން ރިޕޯޓްކުރި ކޭސްތަކުގެ ދެބައިކުޅަ އެއްބަޔަކީ ޔޫރަޕުން ބަލި ޖެހުނު މީހުންނެވެ.
"ޔޫރަޕުގެ ސިޓީތަކުން ކޭސްތައް އިތުރުވުމުގެ އިތުރުން އައިސީޔޫގެ ކެޕޭސިޓީ ވެސް ދަނީ ފުރެމުން،" އޭނާ ވިދާޅުވި އެވެ.