ސައުތު ކޮރެއާގައި މީހުން މަރުވަނީ ވެކްސިންގެ ސަބަބުން ނޫން
ސައުތު ކޮރެއާގައި މީހުން މަރުވަނީ ވެކްސިންގެ ސަބަބުން ނޫން

ސޯލް (އޮކްޓޯބަރު 24) - ރޯގާގެ ވެކްސިނެއް ޖެހިތާ މާގިނައިރު ނުވަނީސް ސައުތު ކޮރެއާގައި 17 އަހަރުގެ ކުއްޖަކު މަރުވެފައިވީ ނަމަވެސް އެއީ ވެކްސިން ޖެހުމާ ގުޅުންހުރި މަރެއް ނޫން ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

ރޯގާގެ ވެކްސިން އަށް ފަހު ސައުތު ކޮރެއާގައި މީހުން މަރުވާކަމުގެ ކަންބޮޑުވުން ދަނީ ފާޅު ކުރަމުންނެވެ. ވެކްސިން ޖެހި ފަހުން މިހާތަނަށް އެ ގައުމުން ވަނީ 32 މީހުން މަރުވެފަ އެވެ.

ސައުތު ކޮރެއާގެ ސިއްހީ އޮފިޝަލުން ބުނެފައި ވަނީ ސަރުކާރުން ފަށާފައިވާ ވެކްސިން ޕްރޮގްރާމާއި މީހުން މަރުވުމާ ގުޅުމެއް ނެތް ކަމަށެވެ. އެހެންވެ ވެކްސިން ޕްރޮގްރާމް ކުރިއަށްދާނެ ކަމަށް ވަނީ ބުނެފަ އެވެ. މިހާތަނަށް ވަނީ 13 މިލިއަން މީހުންނަށް ވެކްސިން ދީފަ އެވެ.

ސައުތު ކޮރެއާ އިން އުއްމީދު ކުރަނީ ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތްކުރާ އިރު، ވެކްސިން ޕްރޮގްރާމެއް ހިންގުމުން އިތުރު ރޯގާއެއް ފެތުރިގެން ނުދާނެ ކަމަށެވެ.

ސައުތު ކޮރެއާގެ ފޮރެންސިކް އެޖެންސީން ބުނެފައި ވަނީ 17 އަހަރުގެ ކުއްޖާގެ މަރާއި އެ ކުއްޖާ އަށް ޖެހި ވެކްސިންއާ ގުޅުންހުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަަމަށެވެ.

ސައުތު ކޮރެއާގެ ބޮޑުވަޒީރު ވަނީ 17 އަހަރުގެ ކުއްޖާގެ މަރުވި ގޮތް ބެލުމަށް ތަހުގީގު ކުރުމަށް އަންގަވައިފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ސައުތު ކޮރެއާގައި އެކި އެކި ރޯގާތަކާ ގުޅިގެން އަހަރަކު 3،000 މީހުން މަރުވެ އެވެ.