24 އޮކްޓޯބަރ 2020 - 09:14

އިންޑިއާގައި މިހާރު ވެސް ބޮޑު މަގުބޫލުކަމެއް އޮންނަ ނެޓްފްލިކްސްގެ ހިދުމަތް އެ ގައުމަށް ހިލޭ ދެ ދުވަހަށް ދޭ ގޮތަށް ނިންމައިފި އެވެ.
"ސްޓްރީމް ފެސްޓް" ގެ ނަމުގައި ހުޅުވައިލާ މި ފުރުސަތު އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 4 އާއި 5 ގަ އެވެ. އެ ދެ ދުވަހު ނެޓްފްލިކްސްގެ ހުރިހާ ކޮންޓެންޓެއް އެއްވެސް އަގަކާ ނުލައި، އިންޑިއާގައި ބެލޭނެ އެވެ. މިއާ އެކު ނެޓްފްލިކްސް އަށް ފީ ދައްކައިގެން ހިދުމަތް ހޯދާ މީހުންނާއި އެއްވެސް ސަބްސްކްރިޕްޝަނަކާ ނުލައި މުޅިން ހިލޭ ހުރިހާ އެންމެންނަށް ހިދުމަތް ލިބޭނެ އެވެ.
ނެޓްފްލިކްސް އިން ބުނި ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު ފިލްމު އިންޑަސްޓްރީ އޮތް ވެސް އިންޑިއާގައި މިފަދަ ފުރުސަތެއް ހުޅުވައިލަން ނިންމި މައިގަނޑު އެއް ސަބަބަކީ މިހާތަނަށް އެއްވެސް ގޮތަކަށް ނެޓްފްލިކްސް ތަޖުރިބާނުކުރާ މީހުންގެ މެދުގައި އެ ޕްލެޓްފޯމް ބޭނުންކުރުމުގެ ޝައުގުވެރިކަން އުފައްދައި، މާކެޓް ފުޅާކުރުމެވެ. އަދި މިކަމަކީ ކުރިން ލަފާކުރި އަދަދަށް ވުރެ މިދިޔަ މަހުގެ ސަބްސްކްރިބްޝަން ދަށްވުމުން އެކަން ހަމައަކަށް އަޅުވަން ކުރިއަށް ގެންދާ ކަމެކެވެ.
"މި ދޭން ނިންމި ފްރީ އެކްސެސް ތަޖުރިބާކޮށްފައި ނެޓްފްލިކްސްގެ ހިދުމަތަށް ސައިންއަަޕް ކުރާނެ އިންޑިއާ މީހުން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް އުންމީދުކުރެވޭ." ނެޓްފްލިކްސްގެ ޗީފް ޕްރޮޑަކްޓް އޮފިސަރު ގްރެގް ޕީޓާޒް ވިދާޅުވި އެވެ.
އިންޑިއާގައި ނެޓްފްލިކްސް އިން މި ދޭ ފުރުސަތަކީ މުޅިން އަލަށް ކުރާ ކަމެކެވެ. އަދި އިންޑިއާގެ ތަޖުރިބާ އަށް ބަލައިފައި ކުރިއަށް އޮތް ތަނުގައި އިތުރު ގައުމުތަކުގައި ވެސް "ސްޓްރީމް ފެސްޓް" ކުރިއަށް ގެންދިއުމުގެ ވިސްނުންތަކެއް އެބަހުރި ކަމަށް ގްރެގް ވިދާޅުވި އެވެ.
ނެޓްފްލިކްސް އަކީ ސްޓްރީމިންގެ ހިދުމަތުގައި އެންމެ ކުރީގައި އުޅޭ ކުންފުނީގެ އިތުރުން ކޮންޓެންޓް އެންމެ މުއްސަނދި ޕްލެޓްފޯމެވެ. އަދި މިފަހަކަށް އައިސް އިންޑިއާގެ ފިލްމުތަކާއި ވެބް ސީރީޒްތަކާއި އެ ނޫން ވެސް އެކި ކަހަލަ ޝޯތައް ނެޓްފްލިކްސް އިން ގެނެސްދެ އެވެ.
އިންޑިއާގައި ނެޓްފްލިކްސްގެ ކޮންޓެންޓް ދެ ދުވަހަށް ހިލޭ ބެލޭނެ ފުރުސަދު ދޭން ނިންމި އިރު، ދާދި ފަހުން ވަނީ އެ ޕްލެޓްފޯމްގެ ބައެއް ކޮންޓެންޓް ވެސް ހިލޭ ބެލޭ ގޮތަށް ހަދައިފަ އެވެ.
މީގެ 23 އަހަރު ކުރިން 1997 ގައި އުފަންވި ނެޓްފްލިކްސް ސަބްސްކްރައިބްކޮށްގެން ބޭނުންކުރާ މީހުންގެ އަދަދު މިހާރު 193 މިލިއަނަށް އަރަ އެވެ. ހިދުމަތް ދެނީ ތިން ޕެކޭޖެއްގެ ދަށުންނެވެ. އެއީ ބޭސިކް، ސްޓޭންޑާޑް އަދި ޕްރިމިއަމެވެ. ޕެކެޖްތަކުގެ އަގު އުޅެނީ 9-16 ޑޮލަރާ ދެމެދުގަ އެވެ.
ނެޓްފްލިކްސްގެ އިތުރުން އިންޑިއާގައި ދެން އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމްތަކަކީ އެމެޒޯން ޕްރައިމމް ވީޑިއޯ އާއި ޑިޒްނީ ޕްލަސް ހޮޓްސްޓާ އެވެ. އިންޑިއާގައި މިހާރު ގިނަ އަދަދަކަށް ލޯކަލް ސްޓްރީމިން ޕްލެޓްފޯމްތައް ވެސް އޮޕަރޭޓްކުރެ އެވެ.