24 އޮކްޓޯބަރ 2020 - 09:06

ހަތަރެސް ފައި ޖަހައިގެން އޮންނަ ގޮތަށް އެމެރިކާގެ ބޮސްޓަން ޑައިނަމިކްސް އިން އުފައްދައި މިހާރު އެކި ކަންކަމުގައި ބޭނުންކުރަން ފަށާފައިވާ "ސްޕޮޓް" ނަމަކަށް ކިޔާ "ރޮބޮޓް ކުއްތާ" ގެ މަސައްކަތް އިތުރަށް ފަސޭހަކުރުމުގެ ގޮތުން އެ އަށް އަތްތަކެއް އިތުރުކުރަން ނިންމައިފި އެވެ.
މިކަން ކަށަވަރުކޮށްދެމުން އެ ކުންފުނިން ބުނީ "ސްޕޮޓް" އަށް ވަރަށް އަވަހަށް ގެންނަ އަޕްގްރޭޑާ އެކު އަތްތަކެއް އިތުރުވާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ކުރީކޮޅު އެ ބަދަލު އަންނަ އިރު ހަ ޑިގްރީ އަށް ވާ ގޮތަށް ފަސޭހަކަމާ އެކު ހަރަކާތްކުރާނެ އަތުގެ ސަބަބުން ތަންތަނާއި އެއްޗެހީ ދޮރުތައް ހުޅުވުމާއި ތަކެތި ނެގުން ކަހަލަ ކަންކަމަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ބޮސްޓަން ޑައިނަމިކްސް އިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި އާދައިގެ ބޭސް ރޮބޮޓާ އެއްގޮތަށް "ސްޕޮޓް" އަށް އިތުރުވުމަކީ ވަރަށް ބޮޑު އިތުރު ލުޔަކަށް ވާނެ އެވެ.
"އޭތި އަންނާނީ އިންޓިއުޓިވް ޔޫޒައިންޓަފޭސް (ޔޫއައި) އާ އެކު. އެހެންވީމަ ޓެލެމެނިޕިއުލޭޝަނާއި ޓެބްލެޓް ފަދަ ޑިވައިސްއަކުން ރޮބޮޓް ސުޕަވައިޒްކުރެވޭނެ،" ބޮސްޓަން ޑައިނަމިކްސް އިން ބުންޏެވެ.
"ސްޕޮޓް" އުފެއްދީ އާންމުކޮށް އިންސާނުން ކުރަން ނުރައްކާތެރި އަދި މާހައުލުގެ ގޮތުންނާއި މޫސުމީ ގޮތުން ކުރަން އުނދަގޫ ބާވަތުގެ މަސައްކަތްތަކަށް ކުރަން އެހީވެދޭނެ އެއްޗެއްގެ ގޮތުގަ އެވެ.
މީގެ އަގަކީ 74،500 ޑޮލަރެވެ. ބޮސްޓަން ޑައިނަމިކްސް އިން ބުނިގޮތުގައި މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ރަސްމީކޮށް "ސްޕޮޓް" ވިއްކަން ފެށި ފަހުން މިހާތަނަށް 260 އެތި ވިކިފައިވެ އެވެ. މި ރޮބޮޓަށް ގެންނަ އަޕްގްރޭޑާ އެކު 1،560 ޑޮލަރުގެ ޗާޖަރަކާއި 34،570 ޑޮލަރުގެ ލީޑާރް އަދި ކެމެރާ ސިސްޓަމެއް ބޮސްޓަން ޑައިނަމިކިން ވިއްކަން ފަށާނެ އެވެ.