23 އޮކްޓޯބަރ 2020 - 12:45

ވޮޝިންޓަން (އޮކްޓޯބަރު 23) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ބޭއްވެވި އެންމެ ފަހު ޓީވީ ބަހުސްގައި ކޮވިޑް އާއި މޫސުމީ މައްސަލަތަކާއި ނަސްލީ ތަފާތުކުރުން އަދި ކޮރަޕްޝަނުގެ މައްސަލަތަކުގައި ބަހުގެ ހޫނު ހަމަލާތަކެއް ރޭ ބަދަލުކޮށްފި އެވެ.

މުޅި ދުނިޔޭގައި ފޮތުރިފައިވާ ރޯގާއާ ގުޅޭ ގޮތުން ބައިޑަން ވިދާޅުވީ އިތުރު ލޮކްޑައުނަކަށް ގޮސްގެން ވިޔަސް އެކަން ހައްލު ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ. ޓްރަމްޕް ވިދާޅުވީ މިއީ އެމެރިކާގެ އިގްތިސާދު ހުޅުވާލަންވީ ވަގުތު ކަމަށެވެ.

ބައިޑަންގެ ދަރިކަލުން ހަންޓާ ހިންގެވި ކަމަށް ބުނާ ވިޔަފާރީގެ މުއާމަލާތްތަކުން ބައިޑަން އަށް ވެސް ފައިދާ ލިބިވަޑައިގެންފައިވާކަމުގެ ތުހުމަތު ޓްރަމްޕް ކުރެއްވި އެވެ. ރައްދުގައި ބައިޑަން ވަނީ ޓެކްސް އަށް ޓްރަމްޕް މަކަރު ހެއްދެވި މައްސަލަ ނަންގަވައިފަ އެވެ.

އިންތިޚާބަށް 11 ދުވަހަށްވެފައިވާ އިރު ޚިޔާލު ހޯދުންތަކުން ދައްކަނީ ބައިޑަން ކުރީގައި އުޅުއްވާ ކަމަށެވެ. ނަމަވެސް ބޮޑެތި ސްޓޭޓްތަކުގައި ފަރަގު ކުޑަ އެވެ. އެހެންވެ އެންމެ ފަހު ވަގުތު ނަތީޖާ އަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. އިންތިޚާބުގައި އާލީ ވޯޓިންގެ ގޮތުގައި މިހާތަނަށް ވަނީ 47 މިލިއަން މީހުން ވޯޓުލައިފަ އެވެ.
ސެޕްޓެމްބަރު 29 ގައި ބޭއްވި ބަހުސްއާ ޚިލާފަށް ޓެނެންސީގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބަހުސްގައި ބަހުގެ ހަމަލާތައްދީ ނިޒާމް ގެއްލުވާލުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ. ކޮންމެ ކެންޑިޑޭޓަކު ވެސް ފުރަތަމަ ދިން ބަޔާނުގައި އުސޫލާ ޚިލާފުވެއްޖެ ނަމަ މައިކްރޯފޯނު އޯފްކުރުމަށް ބަހުސް އިންތިޒާމްކުރި ފަރާތުން އޮތީ ނިންމައިފަ އެވެ. ނުވަ ދިހަ މިނިޓުގެ ބަހުސް މޮޑަރޭޓްކުރި ގޮތުން އެންބީސީގެ ކޮރެސްޕޮންޑެންޓް ކްރިސްޓަން ވެލްކާ އަށް ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފަ އެވެ.
ސައެންސްވެރިން ލަފާދީފި ނަމަ ލޮކްޑައުނަކަށް ތާއީދު ކުރައްވަންތޯ ސުވާލު ކުރުމުން ބައިޑަން ވިދާޅުވީ އެއީ ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ޓްރަމްޕް ވިދާޅުވީ ބަލިޖެހި އެތައް ބަޔަކު މިހާރު ރަނގަޅުވެފައިވާ އިރު އެ ބަލީގެ ސަބަބުން އިގްތިސާދަށް ދެން އިތުރު ގެއްލުންތަކެއް ނުދެވޭނެ ކަމަށެވެ.
"މިއީ ބޮޑު އިގްތިސާދެއް އޮތް ބޮޑު ގައުމެއް. މީހުންގެ ވަޒީފާތައް ގެއްލެނީ. އެ މީހުން އެދަނީ އަމިއްލަ އަށް މަރުވަމުން. މީހުންގެ ޑިޕްރެޝަން ލެވެލް މީގެ ކުރިން ދުވަހަކު ނުދާ ވަރަށް މަތިވެއްޖެ،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް. 74، ވިދާޅުވީ ވައިރަހުން މިހާރު "ސަލާމަތްވަނީ" ކަމަށާއި މި އަހަރު ނިމޭހާތާނގައި ވެކްސިނެއް ވެސް ލިބޭނެ ކަމަށެވެ. ބައިޑަން ވިދާޅުވީ ފިނިމޫސުގައި ގައުމު މިސްރާބު ޖަހާފައި ވަނީ އަނދިރި ދުވަސްތަކަކަށް ކަމަށެވެ.
"މިހާރު އެދަނީ ކޮވިޑާ އެކު ދިރިއުޅެން ދަސްކުރަމުން" ޓްރަމްޕް އެހެން ވިދާޅުވުމާ އެކު ބައިޑަން، 77، ރައްދު ދެއްވި އެވެ.
"މީހުން އެދަނީ އެ ބަލީގައި މަރުވަމުން،"
ބައިޑަން ވިދާޅުވީ ކޮވިޑްގައި އެމެރިކާ އިން މަރުވި 220،000 މީހުންގެ ޒިންމާ ޓްރަމްޕް އުފުއްލަވަން ޖެހޭނެ ކަމަށާއި އެފަދަ މީހަކު އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ދެން ހުރެވިގެން ނުވާނެ ކަމަށެވެ.
ނަސްލީ ތަފާތު ކުރުންތަކާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވީ "އެމަނިކުފާނަކީ ނަސްލީ ތަފާތު ކުރުން އެންމެ ކުޑަ"ބޭފުޅާ ކަމަށެވެ. ބައިޑަން ވިދާޅުވީ ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި ވެސް ނަސްލީ ތަފާތުކުރުން އެންމެ ބޮޑު ރައީސް ކަމަށެވެ.
"ކޮންމެ ނަސްލީ ތަފާތު ކުރުމުގެ އަލިފާނަކަށް ޓްރަމްޕް ވަނީ ތެޔޮ އަޅުއްވާފައި،" ބައިޑަން ވިދާޅުވި އެވެ.
ބައިޑަންގެ ދަރިކަލުން ހަންޓާ ޗައިނާގައި ހިންގެވި ވިޔަފާރީގެ ޑީލްތަކުގެ މައްސަލަ ޓްރަމްޕް ނެންގެވި އެވެ. ރައްދުގައި ބައިޑަން ވިދާޅުވީ އެއްވެސް ގައުމަކުން އެންމެ ޕެނީއެއްގެ މިންވަރު ވެސް ނަންގަވާފައި ނުވާނެ ކަމަށެވެ. އަދި ޓްރަމްޕަށް ރައްދު ދެއްވަމުން ނިއު ޔޯކް ޓައިމްސްގައި ދާދި ފަހުން ލިޔުނު ރިޕޯޓާ ހަވާލާ ދެއްވައި ބައިޑަން ވަނީ ޗައިނާގައި ޓްރަމްޕް އޮޕަރޭޓް ކުރެއްވި ބޭންކް އެކައުންޓުގެ މައްސަލަ ނަންގަވައިފަ އެވެ.
"ޗައިނާގައި ޓްރަމްޕް އެކައުންޓް އޮޕަރޭޓް ކުރައްވައި ޓެކްސްގެ ގޮތުގައި 2013 އިން 2015 އަށް ވަނީ 188،561 ޑޮލަރު ދައްކަވާފައި. އޭގެ ބަދަލުގައި އެމެރިކާގައި ވިޔަފާރި ކުރައްވައި ފެޑެރަލް ޓެކްސްގެ ގޮތުގައި 2016-2017 އަށް ދައްކަވާފައި ވަނީ އެންމެ 750 ޑޮލަރު،" ބައިޑަން ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ އެމަނިކުފާނަކީ ވިޔަފާރިވެރިއެއް ކަމަށާއި ބައިވަރު ބޭންކް އެކައުންޓްތައް ހުންނާނެ ކަމަށެވެ. އަދި އެއީ ލިސްޓްކޮށްފައިވާ އެކައުންޓްތަކެއް ކަމަށް ވިދާޅުވި އެވެ.
ދެބޭފުޅުން ވަނީ ހަކަތައިގެ މައްސަލަތަކުގައި ވެސް ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ. ތެލުގެ އިންޑަސްޓްރީ ބަންދުކުރައްވާނެތޯ ޓްރަމްޕް ވަނީ ބައިޑަން އަށް ސުވާލު ކުރައްވައިފަ އެވެ.
"ތެލުގެ އިންޑަސްޓްރީ ރައްކާތެރި ހަކަތައަށް ބަދަލު ކުރާނަން. ތެލުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ލިބޭ،" ބައިޑަން ވިދާޅުވި އެވެ.
އެމަނިކުފާން ވިދާޅުވީ ތެލުގެ އިންޑަސްޓްރީ އިޔާދަކުރަނިވި ހަކަތަ އަށް ބަދަލުވާން ޖެހޭނެ ކަމަށެވެ. އަދި އެމެރިކާ މިސްރާބު ޖަހާފައި ވަނީ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު ސުމަކަށް ތިރިކުރަން ކަމަށް ވިދާޅުވި އެވެ.
ބައިޑަން އެހެން ވިދާޅުވުމާ އެކު ޓްރަމްޕް ވަނީ ވާދަވެރި ކެންޑިޑޭޓުގެ ވިސްނުން ހުރީ ތެލުގެ އިންޑަސްޓްރީ ހަލާކުކޮށްލަން ކަމަށް ވިދާޅުވެފަ އެވެ.
"އެ ވާހަކަތައް ހަނދާން ހުންނާނެތަ؟ ޓެކްސަސް. ހަނދާން ހުންނާނެތަ؟ ޕެންސިލްވޭނިއާ. އޮކްލަހޮމާ، އޮހާޔޯ؟" ބޮޑެތި ސްޓޭޓްތަކަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ.
ބައިޑަންގެ ކެމްޕޭނުން ފަހުން ބުނެފައި ވަނީ ކެންޑިޑޭޓް ދެއްކެވީ ތެލަށް ސަބްސިޑީ ދިނުން ހުއްޓާލާ ވާހަކަ ކަމަށެވެ.