ކާތިކް އާރިޔަނަށް ކޮރެއާ ފިލްމެއްގެ ރިމޭކެއް ހުށަހަޅައިފި
ކާތިކް އާރިޔަނަށް ކޮރެއާ ފިލްމެއްގެ ރިމޭކެއް ހުށަހަޅައިފި

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ޒުވާން އެކްޓަރު ކާތިކް އާރިޔަން އަށް ކޮރެއާގެ ފިލްމެއް އަސްލަކަށް ބަލައިގެން ހަދާ ތުރިލާއެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކާތިކް އާރިޔަނަށް ކޮރެއާ ފިލްމެއްގެ ރިމޭކެއް ހުށަހަޅައިފި
ކާތިކް އާރިޔަނަށް ކޮރެއާ ފިލްމެއްގެ ރިމޭކެއް ހުށަހަޅައިފި

ބޮލީވުޑް ހަންގާމާ އިން ބުނީ އެ ފިލްމުގެ ޑައިރެކްޓަރަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ސޯނަމް ކަޕޫރްގެ 2016 ގެ ފިލްމު "ނީރްޖާ" ގެ ޑައިރެކްޓަރު ރާމް މަދަވާނީ އެވެ. ނަމަވެސް އޭނާ ކާތިކް ލީޑަށް ލައިގެން ލައިގެން ހަދާ ފިލްމަކީ ކޮރެއާގެ ކޮން ފިލްމެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ހަންގާމާ އިން ބުނީ އެ ފިލްމަކީ ކޮރެއާގެ ވަރަށް މަގުބޫލު ކްލަސިކެއް އަސްލަކަށް ބަލައިގެން ހަދާނެ ފިލްމެއް ކަމަށެވެ.

ރާމް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ ސުޝްމިތާ ސެން ގިން އަހަރުތަކެއްގެ ފަހުން އެކްޓިން އަށް އެނބުރި އައި ވެބް ސީރީޒް "އާރިއާ" އެވެ. ޖޫން މަހު ހޮޓްސްޓާ އިން ސްޓްރީމްކުރި އެ ސީރީޒްގެ ދެވަނަ ސީޒަނެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.

ހަންގާމާ އން ބުނިގޮތުގައި ކާތިކާއާ އެކު، ރާމް ހަދާ ފިލްމުގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އޭގެ ޝޫޓިން ފަށާނެ އެވެ. އަދި މި ފިލްމަކީ މިހާތަނަށް ގިނައިން ރޮމޭންޓިކް ކޮމެޑީތަކުން ފެނުނު އެކްޓަރުގެ ވަރަށް ތަފާތު ރޯލެއް ފެނިގެންދާނެ ފިލްމެކެވެ.

،،މި އަހަރުގެ ފެބްރުއަރީގައި ރިލިޒްކުރި "ލަވް އާޖް ކަލް" އިން ފެނުނު ކާތިކް މަސައްކަތް ފަށައި އަދި ޝޫޓިން ނިންމައިނުލެވި ހުރި ފިލްމުތަކުގެ ތެރޭގައި އަނީސް ބަޒްމީގެ "ބޫލް ބުލައްޔާ 2" އާއި ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސްގެ "ދޯސްތާނާ 2" ހިމެނެ އެވެ.

ހަންގާމާ އިން ބުނިގޮތުގައި އެ ފިލްމުތަކަށް ވުރެ ކުރިން ރާމްގެ ފިލްމުގެ މަސައްކަތް ކާތިކް ނިންމާނެ އެވެ. އަދި އެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު ހޫނު މޫސުމުގަ އެވެ.

ކާތިކް ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި އައްލޫ އަރުޖުންގެ އެކްޝަން ޑްރާމާ "އަލާ ވައިކުންތަޕުއްރަމުލޫ" ގެ ރިމެކް ވެސް ހިމެނެ އެވެ. ރިޕޯޓްތައް ބުނާގޮތުން އެ ފިލްމު ޑައިރެކްޓްކުރާނީ އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަނެވެ.