ރޮނާލްޑޯ އަދިވެސް ކޮވިޑަށް ޕޮޒިިޓިވް
ރޮނާލްޑޯ އަދިވެސް ކޮވިޑަށް ޕޮޒިިޓިވް

ޓިއުރިން (އޮކްޓޫބަރު 23) - އިޓާލިއަން ލީގުގެ މި ހަފްތާގެ މެޗުތަކުގެ ކުރިން ކުރި ކޮވިޑް-19 ޓެސްޓްތަކުން ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގައިގައި އަދިވެސް ވައިރަސް އެބަހުރި ކަމަށް ދައްކާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވީ މި މަހުގެ 13 ވަަނަ ދުވަހު ޕޯޗުގަލްގެ ގައުމީ ޓީމާ އެކުގައި ހުއްޓަ އެވެ. އެކަމަކު އޭގެ ދެ ދުވަސް ފަހުން އޭނާ ވަނީ އިޓަލީގެ ޓިއުރިން އަށް ގޮސް އަމިއްލަ އަށް އައިސޮލޭޓްވެފަ އެވެ. ރޮނާލްޑޯ ވައިރަހަށް ޕޮޒިޓިވް ނަމަވެސް އަލާމާތެއް ނެތެވެ. ދާދި ފަހުން ރޮނާލްޑޯ ވަނީ ގޭގައި ކަސްރަތު ކުޅުމުގައި އުޅޭ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

އެ ވީޑިއޯ ފެނުމާ އެކީ ބެލެވިފައި އޮތީ އެންމެ އަވަހަށް ނަގާ ޓެސްޓްތަކުން ނެގެޓިވްވެ ރޮނާލްޑޯ އަށް މި ހަފްތާގެ މެޗުތަކުގައި ބައިވެރިވެވޭނެ ކަމަށެވެ. އެކަމަކު އިއްޔެ ކުރި ޓެސްޓުން ރޮނާލްޑޯ ކޮވިޑަށް އަދިވެސް ޕޮޒިޓިވް ކަމަށް ދެއްކުމުން މި ހަފްތާގެ މެޗުގައި އޭނާ ފެނުމުގެ ފުރުސަތު ވަނީ ކުޑަވެފަ އެވެ. ޔުވެންޓަސް އާދިއްތަ ދުވަހުގެރޭ ލީގުގައި ނުކުންނާނީ ވެރޯނާއާ ދެކޮޅަށެވެ.

އިޓާލިއަން ލީގުގެ މެޗު ގެއްލުނު ނަމަވެސް އޭނާ އަށް އަންނަ ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅެވޭނެ ކަމުގެ ފުރުސަތު ބޮޑެވެ. ކޮވިޑާ ގުޅިގެން ޔުއެފާ އިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްގައިވާ ގޮތުން މެޗު ފެށުމުގެ 24 ގަޑިއިރު ކުރިން ވައިރަހަށް ޓެސްޓްކޮށް ނެގެޓިވްވެއްޖެނަމަ މެޗުގައި ކުޅެވޭނެ އެވެ.

ކޮވިޑް-19ގެ ޕްރޮޓޮކޯލްގެ ކަންތައްތަަކެއްގެ ތެރޭގައި ރޮނާލްޑޯ އާއި އިޓަލީގެ ސްޕޯޓްސް މިނިސްޓަރު ވިންޗެންޒޯ ސްޕަޑަފޯރާއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. އެއީ ރޮނާލްޑޯ އެންމެ ފުރަަތަމަ ގައުމީ ޓީމާ ގުޅެން އިޓަލީ ދޫކޮށް ޕޯޗުގަލް އަށް ފުރައިގެންދިޔައި ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ލިބުމުގެ ކުރިން އިޓަލީ ސަރުކާރުގެ ގަވާއިދަކާ ހިލާފަށް ކަމަށްވުމުންނެވެ. އަދި ރޮނާލްޑޯ ކޮވިޑް ޖެހިފައިވަނިކޮށް އަމިއްލަ ޖެޓުގައި އިޓަލީ އަށް އެނބުރި އައީ ހުރިހާ އުސޫލެއްގެ ތެރެއިން ކަމާ މެދު ސްޕަޑަފޯރާ ވަނީ ސުވާލު އުފައްދައިފަ އެވެ. ރޮނާލްޑޯ އެކަމާ ބެހޭގޮތުން ބުނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަަމަށެވެ.