01 ނޮވެމްބަރ 2016 - 06:09

ސްޓާ ޕްލަސްގެ މަޝްހޫރު ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" ގައި އަކްޝަރާގެ ރޯލު އަދާކުރާ ހީނާ ޚާން ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ކަމުގެ ޚަބަރުތައް ފަހަކަށް އައިސް ވަނީ ވަރަށް ގަދަވެފަ އެވެ. އޭނާ ކައިވެނިކުރަނީ ރޮކީ ޖައިސްވާލް ކިޔާ މީހަކާ އެވެ. ރޮކީ އަކީ ޕްރޮޑިއުސަރެކެވެ.

ރޮކީ އާއި ހީނާ ރައްޓެހިވެގެން އުޅޭތާ ވަރަށް ގިނަ ދުވަސް ވިޔަސް އެމީހުން އެ ގުޅުން ސިއްރުކޮށްގެން އުޅޭތީ ގިނަ ބަޔަކަށް އޮތީ ނޭނގި އެވެ. ނަމަވެސް ފަހަކަށް އައިސް ހީނާ ދަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުން ރޮކީއާ އެކު ނަގާފައިވާ ފޮޓޯތައް ވެސް ޕޯސްޓް ކުރަމުންނެވެ.
ދާދިފަހުން ހީނާ ވަނީ 29 ވަނަ އުފަން ދުވަސް ފާހަގަކޮށްފަ އެވެ. ރޮކީ ޕްރޮޕޯސްކުރީ އުފަން ދުވަހު ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.
ޚަބަރު ލިބޭ ގޮތުގައި "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" އިން ވެސް ހީނާ ވަނީ ވަކިވާން ނޯޓިސް ފޮނުވާފަ އެވެ. އެ ޝޯއިން ހީނާ ވަކިވަނީ އޭނާ ކުޅެންޖެހިފައިވާ ރޯލާ ހިތްހަމަނުޖެހިގެންނެވެ. އޭނާގެ ރޯލު ބަދަލުކޮށްދިނުމަށް ވަރަށް ގިނަ ފަހަރު އެ ޝޯގެ ޑައިރެކްޓަރު ރާޖަން ޝާހީގެ ކިބައިން ހީނާ އެދިފައިވެ އެވެ. ނަމަވެސް އެދެވޭ ޖަވާބެއް ނުލިބުމުން ޝޯއިން ވަކިވާން ހީނާ ނިންމީ އެވެ. މި ޑްރާމާގައި ހީނާ މިހާރު ފެންނަނީ އޭނާއާ އުމުރުގެ ގޮތުން ދާދި އެއްވަރެއްގެ އެކްޓަރުން ތަކެއްގެ މަންމަގެ ރޯލުންނެވެ. އެހެންވެ ތަންކޮޅެއް ޅަ މީހެއްގެ ބައި ކުޅެން ހީނާ ބޭނުންވީ އެވެ.
"ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" އަކީ ޖެނުއަރީ 12، 2009 އިން ފެށިގެން ދައްކަމުން އަންނަ ވަރަށް ކާމިޔާބު ސިލްސިލާ އެކެވެ. މި ޑްރާމާ ދައްކާތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ވެސް ޓެލެވިޒަން ޜޭޓިންގައި އެންމެ ގިނަ ބަޔަކު ބަލާ 10 ޕްރޮގްރާމްގެ ތެރޭގައި މި ސިލްސިލާ މިހާރުވެސް ހިމެނެ އެވެ.
މިހާރު އެ ޑްރާމާގެ ލީޑް އެކްޓަރު ވެސް ވަނީ ބަދަލުވެފަ އެވެ. ކުރިން ނައިތިކްގެ ރޯލު އަދާކުރީ ކަރަން މެހެރާ ވެސް މިހާރު ވަނީ އެ ޝޯއިން ވަކިވެފަ އެވެ. އަދި ހީނާ ވަކިވުމުން ޝޯގެ ކާމިޔާބީ ދެމެހެއްޓިދާނެ ކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
ހީނާ މި ޑްރާމާ އިން ވަކިވިޔަސް އަދި ކައިވެނި ކުރިޔަސް ޑްރާމާތައް ކުޅުން ހުއްޓާނުލާނެކަމަށް އޭނާގެ އެކުވެރިއަކު ބުނެފައި ވެއެވެ. ޚަބަރު ލިބޭ ގޮތުގައި ހީނާ މިހާރުދަނީ އެހެން ޝޯއެއްގައި ވަރަށް ޒުވާން އަންހެނެއްގެ ރޯލުކުރުމަށް ޕްރޮޑަކްޝަން ހައުސް އަކާ މަޝްވަރާ ކުރަމުންނެވެ.