އަންނަ އަހަރުގެ އަންދާޒާއަކީ 725،000 ޓޫރިސްޓުން
އަންނަ އަހަރުގެ އަންދާޒާއަކީ 725،000 ޓޫރިސްޓުން

ކޮވިޑް-19ގެ ސަބަބުން ފުނޑިފައި އޮތް ރާއްޖޭގެ ޓޫރިޒަމަށް މަޑުމަޑުން ދިރުން އަންނަމުން ދިޔަ ނަމަވެސް، ކޮވިޑްގެ ކުރީގެ ހާލަތަށް އަންނަ އަހަރު ވެސް ޓޫރިޒަމް ވާސިލްވެދާނެކަމާ މެދު ސަރުކާރުން ލަފާނުކުރާކަން، މިހާރު އަންދާޒާކޮށްފައިވާ އަދަދުތަކުން ހާމަވެއްޖެ އެވެ.

ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވެނީ 725،000 ޓޫރިސްޓުން ކަމަށެވެ. މިއީ 2019 ގައި ރާއްޖޭގެ ރީތިކަމުން އުފާ ހޯދި 1.7 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުންނަށް ބަލާ ނަމަ ދެ ބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދު އަދަދެކެވެ.

ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ މިދިއަ އަހަރު އެވެ.

ޑރ. މައުސޫމް ވިދާޅުވި ގޮތުގައި އެ އަންދާޒާ އައީ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާ ގުޅިގެން 2021ގެ ބަޖެޓަށް ކުރި ދިރާސާގެ ތެރެއިންނެވެ. އެކަމަކު މިނިސްޓަރު ވިދާޅުވީ އޭނާ އަމިއްލަ ގޮތުން ލަފާކުރައްވަނީ އަންނަ އަހަރު މިލިއަނެއްހާ ޓޫރިސްޓުން ރާއްޖެ ގެނެވޭނެ ކަމަށެވެ.

"އެހެން ގައުމުތަކުގެ ބޭބޭފުޅުން ވެސް ދެކެނީ ވަރަށް ސްލޯކޮށް ކަމަށް ޓޫރިޒަމް ދާނީ. އެހެންވީމާ އަޅުގަނޑު ވަރަށް އުފާވޭ، ފަޚުރުވެރިވާނަން އަންނަ އަހަރު 725،000 ޓޫރިސްޓުން އަޔަސް،" ޑރ. މައުސޫމް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑު ދެކެނީީ އެއް މިިލިއަން ޓޫރިސްޓުން ގެނެވޭނެ ކަމަށް."

ޑރ. މައުސޫމް ވިދާޅުވި ގޮތުގައި އެެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ޓޫރިޒަމް މި އަހަރު ވެސް ރަނގަޅުވާނެ އެވެ. އެގޮތުން މިހާރު ވެސް ރާއްޖޭގެ ޓޫރިސްޓް އެނދުތަކުގެ 50 ޕަސެންޓަށް ވުރެ ގިނަ އެނދު ހުރީ އޮޕަރޭޝަންގައި ކަން ފާހަގަކުރެއްވި އެވެ.

އެކަމަކު މި ވަގުތު ރާއްޖެ އަންނަ އެއާލައިންތައް މަދުކަމުން ޓޫރިސްޓުންގެ އަދަދު މާ ބޮޑު ތަނުން މައްޗަށް ދާނެ ކަމަކަށް، އިންޑަސްޓްރީގެ ފަރާތްތަކުން ލަފައެއް ނުކުރެ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްުޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަހުން މަހަށް އިތުރުވެ އެވެ. އެގޮތުން މި މަހުގެ ފުރަތަމަ 15 ދުވަހު އެކަނި ވެސް 8،350 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

ކޮވިޑްއާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މާޗު މަހު ބަންދުކުރުމާ ހަމައަށް ޓޫރިޒަމް އޮތީ ވަރަށް ރަނގަޅު ހާލަތެއްގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި މި އަހަރު ރާއްޖެ އަންނާނީ ގާތްގަނޑަކަށް 500،000 ޓޫރިސްޓުންނެވެ.