ގިނަ އަދަދެއްގެ ޕާޓީ ޑްރަގާ އެކު ދެ މީހަކު މާލޭން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ޕާޓީ ޑްރަގާ އެކު ދެ މީހަކު މާލޭން ހައްޔަރުކޮށްފި

މާލޭގެ ގެއަކުން 841 ގުޅަ ޕާޓީ ޑްރަގާއި، ޑްރަގްސްގެ އެހެން ބާވަތްތަކަކާ އެކު ދެ މީހަކު އަންގާރަ ދުވަހު ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި މި ހާއްސަ އޮޕަރޭޝަންގައި، މައްޗަންގޯޅީގެ ގެއެއް ކޯޓު އަމުރަށް ފާސްކޮށް ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނެކެވެ.

ފުލުހުން ބުނީ ޕާޓީ ޑްރަގްސްގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ހަތަރު ޖޫސްޕެޓީ ކޮތަޅާއި 75 ރަބަރު ޕެކެޓު އެ ގެއިން ފެނުނު ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފުލުހުން ވަނީ ކަނޑުމަގުން ރާއްޖެ އެެތެރެކުރި 228 ކިލޯގެ ޑްރަގްސް ދެ އޮޕަރޭޝަނެއްގައި އަތުލައިގެންފަ އެވެ. އެއީ އައްޑޫ ސަރަހައްދުން 98 ކިލޯގެ ޑްރަގްސް އާއި ހުޅުމާލެ ބޭރުން އަތުލައިގަތް ދޯންޏަކުން 130 ކިލޯގެ ޑްރްގްސް އެވެ. މި ދެ އޮޕަރޭޝަންގައި ވެސް ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް ފުލުހުން ވަނީ އަތުލައިގެންފަ އެވެ.