މޫސުން ރަނގަޅުވާން ފަށާނީ އަންނަ ހަފުތާގައި: މެޓް
މޫސުން ރަނގަޅުވާން ފަށާނީ އަންނަ ހަފުތާގައި: މެޓް

ކުރިއަށް އޮތް 48 ގަޑިއިރުގައި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށާއި މޫސުން ރަނގަޅުވާން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީ (މެޓް) އިން މިއަދު ބުނެފި އެވެ.

މެޓް އޮފީހުގެ މީޓީއޮރޮލޮޖިސްޓް ނަސޫހް އިސްމާއިލް "މިހާރު" އަށް ވިދާޅުވީ މިދުވަސްވަރު މި ކުރަނީ ހުޅަނގު މޫސުމުގައި ކުރާ އާދައިގެ ވިއްސާރަ ކަމަށެވެ. އެހެންވެ ދޭތެރެދޭތެރެއިން މިގޮތަށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.

"މެދު ރާއްޖެތެރޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ،" ނަސޫހް ވިދާޅުވި އެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވައި ޖެހޭނީ 8-18 މޭލުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެތީ އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން ވަނީ ކ. އަތޮޅާއި ފ. އަތޮޅާއި ދެމެދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ މެންދުރު 2:00 އާ ހަމަ އަށް އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފަ އެވެ.