ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރެއް ތިމަރަފުށީގައި ހުޅުވައިފި
ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރެއް ތިމަރަފުށީގައި ހުޅުވައިފި

ތ. ތިމަރަފުށީގައި ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރެއް ހުޅުވައިފި އެވެ.

މިއީ ބީއެމްއެލުން އަތޮޅުތެރޭގައި ކުރަމުން އަންނަ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމަށާއި މުޖުތަމައަށް އެހީވުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުވި ސެންޓަރެކެވެ. މި ސެންޓަރާއެކު ތ. އަތޮޅުގެ ތިން ރަށަކުން މިހާރު ބީއެމްއެލްގެ ސެލްފް ސާވިސް ހިދުމަތް ލިބޭނެ އެވެ.

މި ސެންޓަރު މެދުވެރިކޮށް ވިޔަފާރިވެރިންނަށާއި އާއްމު ފަރުދުންނަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމާއި ފައިސާ ދެއްކުމުގެ އިތުރުން ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

ބީއެމްއެލުން ބުނީ މި ސެންޓަރުގެ ސަބަބުން ރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭންކިން ހިދުމަތް ހޯދުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗުތަކަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔާއެކު ބީއެމްއެލުން ވަނީ 20 އަތޮޅުގައި 38 ބްރާންޗާއި 61 ސެލްފް ސާވިސް ސެންޓަރުގެ އިތުރުން 124 އޭޓީއެމަކާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ވަނީ ގާއިމު ކޮށްފަ އެވެ.