24 އޮކްޓޯބަރ 2020 - 09:42

މީގެ 38 އަހަރު ކުރިން ރިލީޒްކުރި އަމީތާބް ބައްޗަނާއި ޝަޝީ ކަޕޫރްގެ ކާމިޔާބު ފިލްމު "ނަމަކް ހަލާލް" ގެ ރައިޓްސް ޕްރޮޑިއުސަރު މުރާދި ކެތާނީ ހޯދައި، އޭގެ ރިމެކެއް ހަދަން ނިންމައިފި އެވެ.
މިދިޔަ އަހަރު ޝާހިދު ކަޕޫރްގެ "ކަބީރު ސިންގް" ގެނެސްދިން ޕްރޮޑިއިސަރު އެކަން ކަށަވަރުކޮށް ދިން ނަމަވެސް ރިމެކާ ބެހޭ މާ ތަފުސީލެއް ނުދެ އެވެ. އޭނާ ބުނީ މި ވަގުތު ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ކުރިއަށްދާ އިރު ފިލްމު ޑައިރެކްޓްކުރާނެ މީހަކާއި ކާސްޓުން ވެސް އަދި ހަމަނުޖައްސާ ކަމަށެވެ.
މުރާދު ބުނި ގޮތުގައި ފިލްމުގެ ކާސްޓާއި ޑައިރެކްޓަރުގެ ނަން އިއުލާންކުރާނީ ސްކްރިޕްޓްގެ މަސައްކަތް އެއްކޮށް ނިންމައިލެވުމުންމެވެ.
ޕްރަކާޝް މެހެރާ ޑައިރެކްޓްކޮށް 1982 ގައި ގެނެސްދިން "ނަމަކް ހަލާލް" ގެ ބަތަލާއިންނަކީ ޕަރުވިން ބާބީ އާއި ސްމީތާ ޕަޓިލް އެވެ. މި ފިލްމުގެ މައިގަނޑު ޕްލޮޓް އެނބުރެނީ ބޮޑު ހޮޓަލެއް ހިންގާ މުއްސަނދި މީހެއް ކަމަށްވާ ރާޖާ ސިންގް (ޝަޝީ) މަރައިލަން ވާދަވެރިންގެ ބަޔަކު ރާވާ ރޭވުންގަނޑެއްގެ މައުލޫމާތު އެތަނުގައި މަސައްކަތްކުރާ އަރުޖުން ސިންގް (އަމީތާބް) އަށް ލިބިގެން އޭނާގެ ފުރާނަ ސަލާމަތްކުރަން ކުރާ މަސައްކަތަށެވެ.
މަސާލާ ކޮމެޑީއެއްގެ ގޮތުގައި ގެނެސްދިން "ނަމަކް ހަލާލް" އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ކޮމެޑީ އެވެ. މި ފިލްމުގެ ބޮޑު ކާމިޔާބީއާ ގުޅިގެން ފަހުން މީގެ ތެލެގޫ ތަމަޅަ ރިމެކްތަކެއް 1984 އާއި 1987 ގައި ގެނެސްދީފައިވެ އެވެ.
އާންމުންގެ ތެރޭގައި ވަރަށް މަޝްހޫރުވި ލަވަތަކެއް ކަމަށްވާ "ރާތު ބާކީ ބާތު ބާކީ" އާއި "ޖަވާނި ޖާނެމަން" ވެސް ހިމެނުނު "ނަމަކް ހަލާލް" އަކީ ބައްޕީ ލެހެރީ މިއުޒިކް ހެދި ފިލްމެކެވެ.
އަމީތާބް ކުޅެފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރެއިން އަލުން ހަދަން ނިންމާފައިވާ ފިލްމުތަކުގެ ތެރޭގައި 1982 ގެ "ސައްތޭ ޕޭ ސައްތާ" އާއި ހަމަ އެ އަހަރުގެ "ޝަކްތީ" ވެސް ހިމެނެ އެވެ. އަމީތާގެ ފިލްމުތަކުގެ ތެރެއިން ފަހުން ރިމެކްގެ ގޮތުގައު ގެނެސްދިން ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާނާ އެކު ގެނެސްދިން "ޑޮން" އާއި ރިތިކް ރޯޝަނާ އެކު ގެނެސްދިން "އަގްނީޕަތު" އަދި ތެލެގޫ އެކްޓަރު ރާމް ޗަރަންއާ އެކު ގެނެސްދިން "ޒަންޖީރު" ފާހަގަކޮށްލެވެ އެވެ.
"ނަމަކް ހަލާލް" އަލުން ހަދަން ނިންމި އިރު، މި ފިލްމު ލީޑް ކާސްޓުންގެ ތެރެއިން މި ވަގުތު ދުނިޔޭގައި ހުރީ އަމީތާބް، 78، އެކަންޏެވެ. ޝަޝީ އާއި ޕަރްވީން އާއި ސްމީތާ ވަނީ މަރުވެފަ އެވެ.