22 އޮކްޓޯބަރ 2020 - 02:23

ސައޮ ޕޯލޯ (އޮކްޓޯބަރު 23) - އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި ކޮރޯނާވައިރަހުގެ ވެކްސިންގެ ވޮލަންޓިއަރަކު ބްރެޒިލް އިން މަރުވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ މަރުވެފައި ވަނީ ޓެސްޓްކުރާ އަސްލު ވެކްސިން ދިން މީހެއް ނޫން ކަމަށެވެ.
ވެކްސިންގެ ޓެސްޓް މަރުހަލާގައި އާއްމު ގޮތެއްގައި ދެ ގޮތަކަށް ވެކްސިން ދެ އެވެ. އެ ގޮތުން ވެކްސިންދޭ ވޮލަންޓިއަރުންގެ ދެ ގްރޫޕުގެ ތެރޭން އެއް ގްރޫޕަކަށް ދޭނީ އަސްލު ވެކްސިނެވެ. އަނެއް ގްރޫޕަށް ދޭނީ އަސްލު ވެކްސިން ނޫން އެހެން ވެކްސިން (ޕްލެސީބޯ) އެވެ. ދީފައި ވަނީ އަސްލު ވެކްސިންތޯ ނުވަތަ ޕްލެސީބޯކަން ވެކްސިން ދޭ ވޮލަންޓިއަރުންނަށް ނުވަތަ އެ މީހުންގެ އާއިލާއަކަށް ވެސް ނޭނގެ އެވެ. އެކަން އެނގޭނީ ވެކްސިން އުފައްދާ ކުންފުނީގެ ސައެންސްވެރިންނަށް އެކަންޏެވެ. ބްރެޒިލް އިން މަރުވި ވޮލަންޓިއަރަށް ދީފައި ވަނީ ޕްލެސީބޯ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންވެ އެ ވޮލަންޓިއަރު މަރުވި ސަބަބެއް އެއްވެސް ބަޔަކު ހާމަކޮށްފައެއް ނުވެ އެވެ.
މިއީ ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮރޯނާވައިރަހުގެ ވެކްސިންގެ ޓްރަޔަލްތައް ކުރިއަށްދާ އިރު ވޮލަންޓިއަރަކު މަރުވި ފުރަތަމަ ފަހަރެވެ.
ބްރެޒިލްގައި އޮކްސްފޯޑާއި އެސްޓްރަޒެނިކާ އިން ކުރިއަށް ގެންދާ ޓްރަޔަލްތަކުގައި ބައިވެރިކުރާ ވޮލަންޓިއަރުންގެ ދެބައިކުޅަ އެއްބައި މީހުންނަށް ދީފައި ވަނީ ކޮރޯނާވައިރަހަށް އުފެއްދި އަސްލު ވެކްސިނެވެ. އަނެއް 50 ޕަސެންޓް މީހުންނަށް ދީފައި ވަނީ މެނަންޖައިޓިސް އަށް ދިނުމަށް ކުރިންސުރެ ހުއްދަ ދީފައިވާ ވެކްސިނެކެވެ.
ތަޖްރިބާކާރުން ބުނަނީ ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާއާ ގުޅިގެން އޮކްސްފޯޑުން އުފައްދާ ވެކްސިންގެ ރައްކާތެރިކަމާ މެދު ޝައްކެއް ނެތް ކަމަށާއި ވެކްސިން ޓެސްޓްކުރުން ކުރިއަށްދާނެ ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ މަރުވެފައި ވަނީ ބްރެޒިލްގައި ކޮރޯނާވައިރަހާ ދެކޮޅަށް ފްރަންޓް ލައިންގައި މަސައްކަތް ކުރާ 28 އަހަރުގެ ޑޮކްޓަރެއް ކަމަށެވެ. އޭނާ މަރުވީ ކޮވިޑް-19 ޖެހިގެން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ބްރެޒިލްގެ ނޫހެއް ކަމަށްވާ ގްލޮބޯ އާއި ބްލޫމްބާގުން ވެސް ބުނެފައި ވަނީ މަރުވި ޑޮކްޓަރަށް ޓެސްޓްކުރާ އަސްލު ވެކްސިން ދީފައި ނުވާ ކަމަށެވެ.
"ބްރެޒިލްގައި މި ދިމާވި ހާދިސާ ވަރަށް ގާތުން ބެލުމަށް ފަހު، ކްލިނިކަލް ޓްރަޔަލްތަކުގައި ރައްކާތެރިކަމާ ގުޅޭ އެއްވެސް މައްސަލައެއް ނެތް. ބްރެޒިލްގެ އިތުރުން ވަކި ފަރާތަކަށް ނުޖެހޭ ފަރާތަކުން އެކަން ބެލުމަށް ފަހު ވަނީ ޓްރަޔަލްތައް ކުރިއަށް ގެންދަން ލަފާދީފައި،" އޮކްސްފޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެސްޓްރަޒެނިކާ އިން ބުނެފައި ވަނީ ބޭސްވެރިކަމުގައި ސިއްރު ހިފެހެއްޓުމުގެ ގޮތުން އެއްވެސް ފަރުދީ ވޮލަންޓިއަރެއްގެ އެއްވެސް މައުލޫމާތު ހާމަ ނުކުރާނެ ކަމަށެވެ. ނަމަވެސް ގްލޮބޯ އިން ބުނެފައި ވަނީ މަރުވެފައި ވަނީ ރިއޯ ޑި ޖެނީރޯގެ އިމަޖެންސީ އަދި އައިސީޔޫގައި ކޮރޯނާވައިރަހުގެ ބަލި މީހުންނަށް މާޗް މަހުން ފެށިގެން ފަރުވާ ދެމުން ދިޔަ ޑޮކްޓަރެއް ކަމަށެވެ. އާއިލާއާ ހަވާލާދީ ނޫހުން ބުނެފައި ވަނީ މިދިޔަ އަހަރު ގްރެޖުއޭޓްވި ޑޮކްޓަރަށް ކޮވިޑް-19 ޖެހުމުގެ ކުރިން އޭނާގެ ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
އޮކްސްފޯޑާއި އެސްޓްރަޒެނިކާގެ ވެކްސިންގެ ޓެސްޓްތައް އިނގިރޭސިވިލާތުން ވޮލަންޓިއަރަކު ބަލިވުމާ ގުޅިގެން ސެޕްޓެމްބަރު މަހު ވަނީ މެދުކަނޑާލައިފަ އެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ވަނީ ވޮލަންޓިއަރު ބަލިވީ ވެކްސިންގެ ސައިޑް އިފެކްޓަކުން ނޫން ކަމަށް ނިންމައިފަ އެވެ.
އޮކްސްފޯޑުގެ ވެކްސިން ބްރެޒިލްގައި މިހާތަނަށް ވަނީ 8،000 މީހުންނަށް ދީފަ އެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ވަނީ 20،000 މީހުންނަށް ވެކްސިން ދީފަ އެވެ.