ކޮވިޑްގެ އާ 45 ކޭސް، 8 ދިވެހިންނާއި 37 ބިދޭސީން
ކޮވިޑްގެ އާ 45 ކޭސް، 8 ދިވެހިންނާއި 37 ބިދޭސީން

އިއްޔެގެއިރު އޮއްސި 6:00 އިން މިއަދުގެ އިރުއޮއްސި 6:00 އާ ދެމެދު ރާއްޖޭން އަލަށް ފެނުނީ ކޮވިޑް-19 ގެ 45 ކޭސް ކަމަށާއި މީގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި 37 ބިދޭސީން ކަމަށް އެޗްޕީއޭގެ މިރޭގެ ހިސާބުތަކުން ދައްކައިފި އެވެ.

މިިދިޔަ މާޗް 7 ގައި ރާއްޖޭން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނުނު ފަހުން މިހާތަނަށް ރާއްޖޭން ވަނީ 11،316 ކޭސް ފެނިފަ އެވެ. މީގެ ތެރެއިން މިއަދުގެ ނިޔަލަށް 10،284 މީހުން ރަނގަޅުވެ، މިހާތަނަށް ރަނގަޅުވި މީހުންގެ ނިސްބަތް ވަނީ 90 ޕަސެންޓަށް އަރައިފަ އެވެ. ބަލީގައި 37 މީހަކު މަރުވެފައިވެ އެވެ.

ރަނގަޅުވި މީހުންނާއި މަރުވި މީހުން އަދި ބަލި ޖެހިފައި ވަނިކޮށް ރާއްޖޭން ފުރައިގެން ގޮސްފައިވާ ބިދޭސީން ނުހިމަނައި ރާއްޖޭގައި މިހާރު ތިބި ކޮވިޑް-19 ގެ ބަލި މީހުންގެ އަދަދަކީ 988 އެވެ.

ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދު އިއްޔެ 45 ގައި ހުރުމަށް ފަހު މިއަދު ވަނީ 38 އަށް ދަށްވެފަ އެވެ. އައިސޮލޭޝަންގައި ތިބި މީހުންގެ އަދަދު އިއްޔެ 347 ގައި ހުރުމަށް ފަހު މިއަދު ވަނީ 340 އަށް ދަށްވެފަ އެވެ.

އެންމެ ފަހުން ފެނުނު 45 ކޭސްގެ ތެރެއިން 42 ކޭހަކީ މާލޭ ސަރަހައްދުން ފެނުނު ކޭސްތަކެވެ. އަނެއް ތިން ކޭހަކީ އެހެން ރަށްރަށުން ފެނުނު ކޭސްތަކެވެ. ކޮވިޑްގެ ކޭސްތައް މާލެ ފިޔަވައި 21 ރަށަކުން ވަނީ ފެނިފަ އެވެ. އަދި 20 ރިސޯޓަކުން ކޮވިޑް ޖެހިފައިވާ 16 ޓޫރިސްޓުންނާއި 28 މުވައްޒަފުން ފެނިފައިވެ އެވެ.