21 އޮކްޓޯބަރ 2020 - 20:10

ބެންކޮކް (އޮކްޓޯބަރު 21) - ހަތް މަހަށް ފަހު ޓޫރިސްޓުންގެ ފުރަތަމަ ގްރޫޕަށް ތައިލެންޑުން މަރުހަބާ ކިޔައިފި އެވެ.
މިއީ ކޮރޯނާވައިރަހުގެ ސަބަބުން އިނދަޖެހިފައިވާ ތައިލެންޑުގެ އިގްތިސާދު އަލުން ކޮޅަށްޖެހުމަށްޓަކައި ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ހުޅުވާލުމުގެ ކުރިން އަޖުމަ ބެލުމަށް ގެނައި ޓޫރިސްޓުންގެ ގްރޫޕެކެވެ. ބެންކޮކުގެ ސުވަނަބުމި އެއާޕޯޓަށް އިއްޔެ ދަތުރުކޮށްފައި ވަނީ ޗައިނާގެ 39 ޓޫރިސްޓުންނެވެ. ޝެންހައީން ދަތުރުކުރި ޓޫރިސްޓުން އެއާޕޯޓުގައި ހެލްތު ޗެކް ކުރުމަށް ފަހު އެ މީހުންގެ ލަގޭޖް ވެސް ވަނީ ޑިސްއިންފެކްޓްކޮށްފަ އެވެ. ތައިލެންޑަށް މި ދުވަސްވަރު ދަތުރުކުރާ މީހުން ދެ ހަފުތާއަށް ކަރަންޓީންވާން ޖެހެ އެވެ.
"ތައިލެންޑުގެ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ މެދު ޓޫރިސްޓުންގެ އިތުބާރު ލިބުމަކީ ހެޔޮ ފާލެއް،" ހެލްތު މިނިސްޓަރު އަނުޓިން ޗާންވިރަކުލް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ. "ހުރިހާ ޓޫރިސްޓުންނަށް ވެސް ކަމޭ ހިތުމަށް އަޅުގަނޑު ވަނީ އަންގާފައި. ޓޫރިސްޓުން ރައްކާތެރިކަން މަތީ ތިބެއްޖެ ނަމަ ތައިލެންޑް މީހުން ވެސް ތިބޭނީ ރައްކާތެރިކަން މަތީ."
ކޮރޯނާވައިރަހުގެ ސަބަބުން ތައިލެންޑުގެ އިގްތިސާދު ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. މި އަހަރު ނިމޭއިރު ތައިލެންޑުން އަށް މިލިއަން މީހުންގެ ވަޒީފާ ގެއްލޭނެ ކަމަށް ބެލެވެ އެވެ. ގިނަ ވަޒީފާތައް ގެއްލޭނީ ޓޫރިޒަމް ދާއިރާ އިންނެވެ. ތައިލެންޑަށް މިދިޔަ އަހަރު ވަނީ 40 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ.
ތައިލެންޑަށް މިދުވަސްވަރު ދަތުރުކުރާނީ ޚާއްސަ ޓޫރިސްޓް ވިސާ ސްކީމެއްގެ ދަށުންނެވެ. އެ ސްކީމުގެ ދަށުން ތައިލެންޑުގައި ނުވަ މަސް ދުވަހާ ހަމައަށް ތިބެވޭނެ އެވެ.
ބައެއް ތަޖްރިބާކާރުން ބުނަނީ ތައިލެންޑުގައި މިހާރު ކުރިއަށްދާ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން އެ ގައުމަށް ޓޫރިސްޓުން ދަތުރުކުރުމުގައި މަޑުޖެހުންތައް އަންނާނެ ކަމަށެވެ.
ގުއާންޒޫ އިން ޗައިނާގެ ޓޫރިސްޓުންގެ 147 މީހުންގެ ގްރޫޕެއް އަންނަ ހަފުތާގައި ތައިލެންޑަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ތައިލެންޑުން މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 3،709 މީހުންނެވެ. އެ ބަލީގައި އެ ގައުމުން ވަނީ 59 މީހުން މަރުވެފަ އެވެ. މިއަދު ޕޮޒިޓިވްވީ ނުވަ މީހުންނެވެ.