21 އޮކްޓޯބަރ 2020 - 19:26

ކޮލަމްބޯ (އޮކްޓޯބަރު 21) - ސްރީ ލަންކާގެ ކޮރޯނާވައިރަހުގެ ކޮމިއުނިޓީ ސްޕްރެޑް އެކި ސަރަހައްދުތަކުގައި އެބައޮތް ކަމަށާއި ނަމަވެސް ސަރުކާރުން ގެންދަނީ އެކަން ފޮރުވަން މަސައްކަތް ކުރަމުން ކަމަށް އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފި އެވެ.

ޕާލަމެންޓުގެ މިއަދުގެ ބައްދަލުވުމުގައި އިދިކޮޅު ލީޑަރު ސަޖިތު ޕްރަމަދާސަ ވިދާޅުވީ ކޮރޯނާވައިރަސް ދަނީ ކުލިޕިޓިޔާ އާއި ޕަންނަލާގައި ހަލުވިކޮށް ފެތުރެމުން ކަމަށެވެ. ނަމަވެސް ހެލްތު މިނިސްޓަރު ޕަވިތުރާ ވަންނިއަރައްޗީ ދަނީ އެކަން އޮޅުވާލައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށް ދެއްކުމަށް މަސައްކަތް ކުރަމުން ކަމަށް ސަޖިތު ވިދާޅުވި އެވެ.
ސަޖިތު ވިދާޅުވީ ލަންކާގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމުގެ ކަންބޮޑުވުން ސިއްހީ އޮފިޝަލުންނާއި ޑޮކްޓަރުން ވެސް ފާޅުކުރަމުންދާ ކަމަށެވެ.
ސަޖިތު ވިދާޅުވީ ކޮރޯނާވައިރަހުގެ ހާލަތު ސަރުކާރަށް މެނޭޖް ނުކުރެވިގެން އުޅޭ އިރު ގެންދަނީ ރައްޔިތުންނަށް އޮޅުވާލައި ދޮގު ހަދަމުން ކަމަށެވެ.
ސަޖިތަށް ރައްދު ދެއްވައި ހެލްތު މިނިސްޓަރު ޕަވިތުރާ ވިދާޅުވީ ލަންކާގައި ކޮރޯނާވައިރަހުގެ ހާލަތު އޮތީ ކޮންޓްރޯލް ކުރެވިފައި ކަމަށާއި ކޮމިއުނިޓީ ސްޕްރެޑެއް އެއްވެސް ހިސާބެއްގައި ނެތް ކަމަށެވެ. އެކަމަނާ ވިދާޅުވީ އިިދިކޮޅު ލީޑަރު ސަޖިތަކީ ޔާލާ އިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހެއްގެ ސެކަންޑް ކޮންޓެކްޓެއް ކަމަށެވެ.
"މިއީ ލަންކާގެ ހެލްތު ސިސްޓަމް އޮތް ފުރިހަމަ ކަމުގެ މިސާލެއް،" ޕަވިތުރާ ވިދާޅުވި އެވެ.
ލަންކާ ޕާލަމެންޓުގައި ކޮރޯނާވައިރަހާ ގުޅޭ ގޮތުން ބަހުސް ހޫނުވުމުން ޕާލަމެންޓުގެ ރައީސް ވަނީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރުމަށް ފަހު އެކަމަށް އެހެން ދުވަހަކުން ވަގުތު ހަމަޖައްސާނެ ކަމަށް ވިދާޅުވެފަ އެވެ.
ސްރީ ލަންކާ އިން މިހާތަނަށް ވަނީ 5,920 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 13 މީހުން މަރުވެފަ އެވެ. މިއަދު އެކަނިވެސް ވަނީ 109 މީހުން ޕޮޒިޓިވްވެފަ އެވެ.