21 އޮކްޓޯބަރ 2020 - 18:53

ނިއު ދިއްލީ (އޮކްޓޯބަރު 21) - އިންޑިއާގެ ބޯޑަރު ހުރަސްކޮށް އެ ގައުމުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ހައްޔަރުކުރި ޗައިނާ ސިފައިންގެ މީހާ އަނބުރާ ހަވާލުކޮށްފައިވާ ކަމަށް ނިއު ދިއްލީން ބުނެފި އެވެ.
ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) އަށް ނިސްބަތްވާ ސިފައިންގެ މީހާ ލަޑަކް ސަރަހައްދުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އިންޑިއާ ސިފައިން ބުނީ ސިފައިންގެ މީހާ ހައްޔަރުކުރި އިރު ވަރަށް ހާލު ދެރަކަމަށާއި އެހެންވެ އޭނާ އަށް އޮކްސިޖަންދީ، ސިއްހީ އެހެން ފަރުވާތައް ދިން ކަމަށެވެ.
ހިމާލަޔާ ސަރަހައްދުގެ ލަޑަކްގައި ދެ ގައުމުގެ ސިފައިން މިދިޔަ ޖޫން މަހު ހިންގި ކުރިމަތިލުމަށް ފަހު މަސްރަހު ވަނީ ހޫނުވެފަ އެވެ. އެ ފަހަރުގެ ކުރިމަތިލުމުގައި އިންޑިއާ ސިފައިންގެ 20 މީހުން މަރުވި އެވެ. މިއީ ވޭތުވެދިޔަ 45 އަހަރު ތެރޭ ދެ ގައުމުގެ ބޯޑަރު ގުޅޭ ސަރަހައްދުގައި ހިންގި ފުރަތަމަ ކުރިމަތިލުމެވެ. އޭގެ ފަހުން މަސްރަހު ފިނިކުރެވޭތޯ ދެ ގައުމުގެ ޚާރިޖީ ވަޒީރުން ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައިވެ އެވެ.
ޗައިނާ ސިފައިންގެ މީހާ ހަވާލުކޮށްފައި ވަނީ ދެ ގައުމުގެ އަސްކަރީ އިސް އޮފިޝަލުންގެ މެދުގައި މަތީ ފެންވަރުގެ މަޝްވަރާތައް ކުރިއަށް ދަނިކޮށެވެ.
އިންޑިއާ ސިފައިން ބުނެފައި ވަނީ ޗައިނާ ސިފައިންގެ މީހާ ހަވާލުކޮށްފައި ވަނީ ދެ ގައުމުގެ މެދުގައި ގާއިމްކޮށްފައިވާ ޕްރޮޓޮކޯލްއާ އެއްގޮތަށް ކަމަށެވެ.
އިންޑިއާ އާއި ޗައިނާގެ ބޯޑަރުގެ ލައިން އޮފް އެކުޗުއަލް ކޮންޓްރޯލް (އެލްއޭސީ)ގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ދޭތެރެދޭތެރެއިން ކުރިމަތިލުންތައް ހިނގަ އެވެ.
ޗައިނާގެ ބޯޑަރު ހުރަސްކޮށް ވަދެ އުޅުނު އިންޑިއާގެ ފަސް މީހުން މިދިޔަ މަހު ޗައިނާ އިން ވަނީ އަނބުރާ ހަވާލުކޮށްފަ އެވެ. އިންޑިއާ އިން ބުނެފައި ވަނީ ޗައިނާގެ ބޯޑަރު އޭރިއާގައި ދިރިއުޅޭ ފަސް ޒުވާނުންނަށް ޗައިނާ ސަރަހައްދަށް ވަދެވުނީ އޮޅިގެން ކަމަށެވެ.