21 އޮކްޓޯބަރ 2020 - 16:52

މާލޭގައި ގޭބިސީއެއްގެ އެވްރެޖް އާމްދަނީ އަކީ މަހަކު 14،150ރ. ކަމަށާއި އެވްރެޖް ކުއްޔަކީ 13،494ރ. ކަމަށް ގޭބިސީގެ އާމްދަނީ އާއި ހަރަދުކުރުން ހުރި ގޮތުގެ ސާވޭ (ހަޔަސް) އިން ދައްކައިފި އެވެ.

ސްޓެޓިސްޓިކަލް ބިއުރޯ އޮފް މޯލްޑިވްސްގެ ސާވޭ އިން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 48 ޕަސެންޓު މީހުން އުޅެނީ މާލޭގަ އެވެ. އޭގެ ތެރެއިން 74 ޕަސެންޓު މީހުން މާލޭގައި އުޅެނީ ކުލި ދައްކައިގެން ކަމަށް ދިރާސާގައިވެ އެވެ.
"މާލޭގެ ކޮންމެ 10 ގޭބިސީއަކުން އެއް ގޭބިސީއެއްގައި މީހުން އުޅެނީ ތޮއްޖެހިގެން،" ހަޔަސްގެ ހޯދުންތައް އާންމުކުރަން ސްޓެޓިސްޓިކަލް ބިއުރޯ އިން ދެއްކި ވީޑިއޯއެއްގައި ބުނެފައިވެ އެވެ.
މި ސާވޭ ކުރިއަށް ގެންދިޔައީ ރާއްޖޭގެ ހުރިހާ ރަށްތަކެއް ހިމަނައިގެނެވެ. އަދި ނަތީޖާތައް ކަނޑައަޅާފައި ވަނީ މާލޭގެ ހާލަތާއި އަތޮޅުތެރޭގެ ހާލަތު އެނގޭ ގޮތަށް ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ހަޔަސްގެ ނަތީޖާތައް ދައްކާ ގޮތުގައި މުޅި ރާއްޖެ އަށް ބަލާއިރު ކުއްޔަށް އުޅޭ މީހުން އެވްރެޖްކޮށް މަހަކު 12،683ރ. ދައްކަ އެވެ. މާލޭގައި އުޅޭ މީހުން މަހަކު 13،494ރ. ދައްކާ އިރު ރަށްރަށުގައި އުޅޭ މީހުން އެވްރެޖްކޮށް ދައްކަނީ 2،668ރ. އެވެ.
މާލޭގައި އުޅޭ މީހުން ބޮޑު ކުއްޔެއް ދައްކަން ޖެހޭއިރު މާލޭގައި އުޅޭ އާމްދަނީ ލިބޭ މީހުންނަށް މަހަކު އެވްރެޖްކޮށް ލިބެނީ 14،150ރ. އެވެ. އެހެންވެ ކުއްޔާއި އާމްދަނީ ހުރީ ދާދި އެއްވަރެއްގަ އެވެ.
އާމްދަނީ ލިބޭ މީހުންގެ ތެރެއިން، ރަށްރަށުގައި އުޅޭ މީހުންނަށް ވުރެ މާލޭގައި އުޅޭ މީހުންނަށް ދެ ގުނަ އިތުރު އަދަދަކަށް އާމްދަނީ ލިބޭ ކަމަށް ވެސް ހަޔަސް އިން ދައްކަ އެވެ. ރަށްރަށުގައި އުޅޭ މީހުންނަށް އެވްރޭޖްކޮށް މަހަކު ލިބެނީ 8،053ރ. އެވެ.
ޕެންޝަން ފަދަ ސްކީމްތަކުން ފައިސާ ލިބޭ މީހުންނަކީ ވެސް އާމްދަނީ ލިބޭ މީހުންގެ ގޮތުގައި ސްޓެޓިސްޓިކަލް ބިއުރޯ އިން ބަލާފައިވެ އެވެ.
ގޭބިސީއެއްގައި އެވްރެޖްކޮށް 5.2 މީހުން އުޅޭ އިރު، އޭގެ ތެރެއިން 2.6 މީހުންނަށް އާމްދަނީ ލިބޭ ކަމަށް ހަޔަސް އިން ދައްކަ އެވެ. މާލޭގެ ގޭބިސީއަކަށް އެވްރެޖްކޮށް 38،596ރ. ލިބޭ އިރު ރަށްރަށުގެ ގޭބިސީތަކަށް ލިބެނީ 19،633ރ. އެވެ.
ގޭބިސީއެއްގައި އުޅޭ އެންމެނަށް އާމްދަނީ ބަހާލުމުން، މާލޭގެ ގެއެއްގައި އުޅޭ މީހެއްގެ ބޮލަކަށް ޖެހެނީ 7،479 ރުފިޔާ އެވެ. އަދި ރަށްރަށުގައި އުޅޭ މީހުންގެ ބޮލަކަށް ޖެހެނީ 3،762 އެވެ. އެއީ ގޭބިސީތަކުގައި އުޅޭ ކުޑަކުދިން ވެސް ހިމަނައިގެންނެވެ.