21 އޮކްޓޯބަރ 2020 - 11:12

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައާ ގުޅޭގޮތުން ހުރި ހެކިތައް މޭޑޭގެ މުޒާހަރާއަށް ފަހު ފުލުހުން ގެންގޮސްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މެއި، 2015 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި އިމްރާން ވަނީ ރިލްވާން ގެއްލުވާލުމުގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބާއި ސަރުކާރުގެ އިސްވެރިންގެ ބައިވެރިވުން އޮތްކަމުގެ ހެކި ހުރި ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އެ މުޒާހަރާއަށް ފަހު އެރޭ އިމްރާން ހައްޔަރުކޮށް ފަހުން ޖަލަށް ހުކުމްކުރި އެވެ.
ރިލްވާންގެ މައްސަލާގައި ހުރި ކަމަށް ބުނާ ހެކިތައް ކޮބައިތޯ ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައިި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ އޭރު އޭނާ ހައްޔަރު ކުރިއިރު އެ ލިޔުންތައް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ. އެހެންވެ، ތަކެތި މިހާރު ވީ ތަނެއް އެނގޭނީ ފުލުހުންނަށް ކަމަށް އިމްރާން ވިދާޅުވި އެވެ.
"އޭރުގެ ފުލުހުންގެ ތެރެއިން ގެންދިޔަ ބައެއްގެ އަތުގައި އެ އެއްޗެހި ވާންވާނެ. ދެން އަޅުގަނޑަށް ޖެހޭނީ އަނެއްކާވެސް ތަހުގީގެއް ފަށަން. އޭރު ކޮން ފުލުހުންނެއްތޯ އައީ އަޅުގަނޑު ހައްޔަރުކުރަން، ކޮން ބޭފުޅުންނެއްތޯ އެ ގެންދިޔައީ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އެ ލިޔުންތަކަށް ވީ ގޮތް ބަލަން އިތުރު ތަހުގީގެއް ކުރަން ވަގުތެއް ނެތް ކަމަށެވެ. އަދި މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ ތަހުގީގަށް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
މޭޑޭގެ މުޒާހަރާގައި އިމްރާން ހަމަނުޖެހުމަށް ހިތްވަރު ދެއްވި ކަމަށް ބުނެ ޓެރަރިޒަމްގެ ކުށުގައި 12 އަހަރަށް އޭނާ ޖަލަށްލާން ހުކުމްކުރި އެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށް އަދި އިމްރާންގެ އިސްތިިއުނާފް ސުޕްރީމް ކޯޓުން ބޭރުކޮށްލާފައި އޮތުމަށް ފަހު އެ މައްސަލަ ރިވިއުކޮށް އޭނާ މިނިވަންކުރީ މި ސަރުކާރުގައި އޭނާ ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރި ފަހުންނެވެ.