އުފް: ބޮލީވުޑުން ސައިލެންޓް ފިލްމެއް
އުފް: ބޮލީވުޑުން ސައިލެންޓް ފިލްމެއް

ބޮލީވުޑްގައި ސައިލެންޓް ފިލްމެއް ނަހަދާތާ ޒަމާންތަކެއް ފަހުން އެފަދަ ފިލްމެއް ހަދަން ނިންމައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "އުފް" ގެ ނަމުގައި ސައިލެންޓް ފިލްމެއްގެ މަސައްކަތް ފަށާފައި ވަނީ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އާއި "ޕިޔާރު ކާ ޕަންޗްނާމާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ލަވް ރަންޖަނެވެ. އޭނާގެ ފިލްމު ކުންފުނި ލަވް ފިލްމްސް އިން ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރަކީ އަންނަ ޑިސެމްބަރު މަހު ރިލީޒްކުރާ ބޫމީ ޕިޑްނޭކަރްގެ ހޮރޯ ތުރިލާ ޑައިރެކްޓްކޮށްފައިވާ ޖީ އަޝޯކެވެ.

މީޑިއާތަކުން ބުނީ ކޮމިކް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "އުފް" ގެ ސްކްރީންޕްލޭގެ ފައިނަލް ޑްރާފްޓް ވެސް ނިންމާލައި، މިހާރު އޭގެ ޝޫޓިން އަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެއްވެސް ޑައިލޮގަކާ ނުލައި، އެކްޓަރުންގެ އެކްސްޕްރެސްޝަންތަކާއި ހަރަކާތްތަކުން ބެލުންތެރިންނަށް ވާހަކައެއް ކިޔައިދޭނެ މި ފިލްމުގެ ލީޑް ކާސްޓަށް ނަގާފައި ވަނީ ނޯރާ ފަތެހީ އާއި "ޕިޔާރު ކާ ޕަންޗްނާމާ" އާއި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ބަތަލާ ނުޝްރަތު ބަރޫޗާގެ އިތުރުން "ޕިޔާރު ކާ ޕަންޗްނާމާ" ގެ ކާސްޓްގައި ހިމެނުނު އޯމްކާރް ކަޕޫރެވެ.

"އުފް" ގެ ޝޫޓިން ފަށާނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އަދި މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ ކޮންމެވެސް ޑިޖިޓަލް ޕްލެޓްފޯމަކުންނެވެ.

ލަވް ހިއްސާވެގެން އެންމެ އަވަހަށް ދެން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމަކީ އަންނަ މަހުގެ 13 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ ޑައިރެކްޓަރު ހެންސަލް މެހެތާގެ ސޯޝަލް ކޮމެޑީ "ޝަލާންގް" އެވެ. ނުޝްރަތާއި ރާޖްކުމާރު ރާއޯ ލީޑް ރޯލް ކުޅެފައިވާ އެ ފިލްމަކީ ލަވް އާއި އަޖޭ ދޭވްގަނާއި ބުޝަން ކުމާރު ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

ފަހުގެ ތާރީހެއްގައި އިންޑިއާގައި ހެދި ސައިލެންޓް ފިލްމުތަކުގެ ތެރެއިން އެންމެ ހިނގި ފިލްމަކީ 1987 ގައި ރިލީޒްކުރި ކަމަލް ހަސަންގެ ކޮމެޑީ ފިލްމު "ޕުޝްޕަކް" އެވެ.