20 އޮކްޓޯބަރ 2020 - 22:59

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އަލަށް ކޮވިޑް-19 ޖެހުނީ 39 މީހަކަށް ކަމަށް އެޗުޕީއޭ އިން މިރޭ ބުނެފި އެވެ.
އިއްޔެގެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް އަލަށް ކޮވިޑް ޖެހުނު 39 މީހުންގެ ތެރޭގައި ހިމެނެނީ އެޗުޕީއޭ އިން ބުނިގޮތުގައި، މާލެ ސަރަހައްދުން 38 މީހަކާއި އަތޮޅުތެރެއިން އެކަކެވެ. މި މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 1،368 ސާމްޕަލްގެ ތެރެއިންނެވެ.
މިއާއެކު ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވް އަދަދު 11،271 އަށް އަރާފައިވާއިރު، މިވަގުތު ފަރުވާދެމުން އަންނަނީ 993 މީހަކަށެވެ. ބާކީ 10،234 މީހުން ވަނީ ބަލި ރަނގަޅުވެފަ އެވެ. މިވަގުތު ތިބި އެކްޓިވް ކޭސްތަކުގެ ތެރެއިން 21 ރަށަކާއި 18 ރިސޯޓެއްގައި ބަލި މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި 15 ޓޫރިސްޓަކާއި 26 މުވައްޒަފަކު ހިމެނެ އެވެ.
ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން 45 މީހަކު ވަނިީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. އަދި 347 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގަ އެވެ. މި ބަލީގައި ރާއްޖެ އިން މިހާތަނަށް 37 މީހން މަރުވެފައި ވެ އެވެ.