31 އޮކްޓޯބަރ 2016 - 11:21

ޖެނޯއާ، އިޓަލީ (އޮކްޓޯބަރު 31) - އިޓާލިއަން ލީގުގައި ރޭ ސަމްޕްޑޯރިއާ އަތުން 1-0 އިން އިންޓަ މިލާން ބަލިވުމާ އެކު އެ ޓީމުގެ ކޯޗު ފްރޭންކް ޑި ބޮއާގެ ވަޒީފާ ގެއްލިއްޖެ ކަމަށް އިޓަލީގެ ނޫސްތަކުން ބުނެފި އެވެ.
އިންޓަ 14 ޕޮއިންޓާ އެކު 11 ވަނައިގައި އޮތްއިރު، ޑި ބޮއާ ވަޒީފާ އިން ވަކިކުރިކުރިކަން އަދި ރަސްމީކޮށް އިއުލާން ނުކުރެ އެވެ. އިޓަލީގެ ނޫސްތަކުން ބުނާ ގޮތުގައި އިންޓަގެ މެނޭޖްމަންޓުން ވަނީ އޭނާ ވަކިކުރަން ނިންމައިފަ އެވެ. ޑި ބޮއާ ވަކިކުރުމަށް ފަހު އިންޓަ ހަވާލުކުރާނެ ކަމަށް ބެލެވެނީ ފްރާންސާއި ޕީއެސްޖީގެ ކުރީގެ ކޯޗު ލޯރެން ބްލޯންކެވެ. އިންޓަގެ ކުރީގެ ކުޅުންތެރިޔާ ވަނީ އެ ކްލަބުގެ އޮފިޝަލުންނާ މަޝްވަރާ ވެސް ކޮށްފަ އެވެ.
ރޭގެ މެޗަށް ފަހު ޑި ބޮއާ ބުނީ އިންޓަގެ ހާލަތު އަދި ވެސް ބަދަލުކުރެވޭނެ ކަމަށާއި ޓީމުގައި ފެންވަރު ހުރި ނަމަވެސް ކާމިޔާބު ނުހޯދެނީ ކުޅުންތެރިންގެ ވިސްނުމުގެ މައްސަލައަކުން ކަމަށެވެ. ޑި ބޮއާ ބުނީ ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ފެނިގެން ދިޔައީ އެ މަންޒަރު ކަމަށާއި ދެ ވަނަ ހާފުގައި ފެނުނީ ތަފާތު އިންޓައެއް ކަމަށެވެ.
ނެދަލެންޑްސް ގައުމީ ޓީމާއި އަޔަކްސްގެ ކުރީގެ ކޯޗު ޑި ބޮއާ އިންޓައާ ހަވާލުވީ ސީޒަން ފެށެން ކައިރިވެފައިވަނިކޮށެވެ. އެވާ ބަނޭގާ އާއި މާސެލޯ ބްރޮޒިވިޗާއި ޔޮއާ މާރިއޯ އަދި ގަބިގޯލް ފަދަ ކުޅުންތެރިން ގެނައި ނަމަވެސް އެ ޓީމަށް އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެ އެވެ.
ރޭ އަނެއްކޮޅުން އޭސީ މިލާން ވަނީ ޕެސްކާރާ އަތުން 1-0 އިން މޮޅުވެ 22 ޕޮއިންޓާ އެކު ތިން ވަނަ އަށް އަރައިފަ އެވެ. ދެ ވަނައިގައި 23 ޕޮއިންޓާ އެކު އޮތީ ރޭ އެމްޕޮލީއާ 0-0 އިން އެއްވަރުވި ރޯމާ އެވެ. އެއް ވަނައިގައި 27 ޕިޮއިންޓް ހޯދައިގެން އޮތީ ޔުވެންޓަސް އެވެ.