20 އޮކްޓޯބަރ 2020 - 16:31

ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސް ނުވެ، އިތުބާރު އޮތް ކަމަށް ޕީޖީ ގުރޫޕުގައި 31 މެމްބަރަކު މިއަދު ވޯޓު ދެއްވައިފި އެވެ.
އެގޮތަށް ނިންމީ، ދުބާއީގެ ކުންފުންޏަކުން 75 ވެންޓިލޭޓަރު ގެނައުމުގެ މައްސަލައިގައި އޭސީސީން އަމީނާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިންގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތާ ގުޅިގެން އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ދެންމެ ނެގި ވޯޓުގަ އެވެ. އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ވޯޓު ދިނީ 27 މެމްބަރެކެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ކުރަން އޭސީސީން ބޭނުންވިޔަސް ޕީޖީ ހުސައިން ޝަމީމް ނިންމަވާފައި ވަނީ ދައުވާ ކުރެވޭ ވަރުގެ ހެކި ނެތް ކަމަށެވެ. އެހެންވެ، އެ މައްސަލަ މިހާރު ވަނީ އަނބުރާ އޭސީސީ އަށް ފޮނުވައިފަ އެވެ.
ވެންޓިލޭޓަރު ހޯދުމުގައި އަމަލުކުރި ގޮތާ ގުޅޭ ގޮތުން ތުހުމަތުކޮށް މަޖިލީހުގައި ވެސް އެންމެ ފުރަތަމަ މިނިސްޓަރަށް ފާޑުކިއުން އަމާޒުކުރެއްވީ އެމްޑީޕީގެ މެމްބަރުންނެވެ. އޭގެފަހުން، ކޮވިޑާ ގުޅިގެން މިނިސްޓްރީތަކުން ޚަރަދުކުރި ގޮތާ ގުޅޭ އޮޑިޓެއް ކުރަން މަޖިލީހުން ފާސްކުރީ ވެސް އެމްޑީޕީގެ މެމްބަރުން ހުށަހަޅައިގެންނެވެ.
މި މައްސަލައިގައި އަމީން މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރި އެވެ. އަދި އިމްތިޔާޒް ކޮމިޓީގައި ވެސް އޭނާ މިއަދު ވަނީ ޖަވާބުދާރީވެވަޑައިގެންފަ އެވެ.
އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން އެމްޑީޕީން ވޯޓަށް އެހިއިރު ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގު އޭސީސީން ކުރި ގޮތާ މެދު އެ ކޮމިޝަނަށް ވެސް ވަނީ ފާޑުކިއުން އަމާޒުކޮށްފަ އެވެ. އޭސީސީގެ ފަސް މެމްބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މަސައްކަތް ފަށަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ހުށަހަޅައިފަ އެވެ.
އޮޑިޓް އޮފީހުގެ ރިޕޯޓުގައި ހުރި ގޯސްތައް، އޭސީސީގެ ތަހުގީގުން ވެސް ފާހަގަކޮށްފައިވެ އެވެ. އެކަމަކު އެއީ އިދާރީ މައްސަލަތަކަކަށްވާތީ، ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީ ވަނީ ނިންމައިފަ އެވެ.