20 އޮކްޓޯބަރ 2020 - 14:13

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އެކަމާ ގުޅިފައިވާ ތަފާސްހިސާބުތައް ބޮޑު ރޯލެއް އަދާކުރާ ކަމަށާއި މިހާތަނަށް އެ ބައްޔާ ދެކޮޅަށް ބޭނުންކުރަމުން އަންނަނީ ވެސް ތަފާސްހިސާބު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި އެވެ.

ކޮންމެ ފަސް އަހަރަކުން ފާހަގަކުރާ ދުނިޔޭގެ ތަފާސް ހިސާބުގެ ދުވަހާ ގުޅިގެން އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 އަށް މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ އިރު، މި ބައްޔަށް ފަރުވާ ދެމުން އަންނަނީ ތަފާސް ހިސާބުތަކަށް ބަލައިގެން ކަމަށެވެ. އޭގެ ތެރޭގައި ބަލި ޖެހުމުން އެ މީހަކާ ކޮންޓެކްޓްވި މީހުން ފާހަގަކުރުމާއި ސޯޝަލް ޑިސްޓެންސިން އިން ބަލި ކޮންޓްރޯލް ކުރެވޭ މިންވަރު ބެލުން ފަދަ ކަންކަން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"މުޅި މި ޕެންޑެމިކުން މި އަރައިގަންނަނީ އެއްވެސް ހަކީމީ ކަމަކާ ނުލައި، ބޭސްވެރިކަމެއް ނެތް މީގައި ކުޑަކޮށް ވެސް. ހުސް ތަފާސްހިސާބު، ގައި ދުރުކުރުން، އަދި އަދަދުތައް ބެލުން، ދެން ވީ ގޮތް ބެލުން،" މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ބައްޔާ ބެހޭ ގޮތުން ނަޝީދު ވިދާޅުވި އެވެ. "އަދި ބޭސްވެރިކަމުގެ ހަކީމީ ފަރުވާއެއް މިކަމުގައި އޮތީކީއެއް ވެސް ނޫން. މިކަމަށް އޮތީ ސްޓެޓިސްޓިކަލް ފަރުވާއެއް، އަކުރުގެ ފަރުވާއެއް."
މި ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ތަފާސް ހިސާބުތަކުގެ މި އަހަރުގެ ޕޮކެޓް ފޮތާއި ދިވެހިރާއްޖޭގެ ތަފާސް ހިސާބުގެ އެޓްލަސް އާއި އެސްޓީޖީ ޑޭޓާ އަޕްޑޭޓް ޕަބްލިކޭޝަންތައް ނަޝީދު ނެރެެދެއްވި އެވެ.
ނަޝީދު ވިދާޅުވީ ތަފާސް ހިސާބު މިގޮތަށް ރާއްޖޭގައި އާންމުކުރާތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. އެކި ކަންކަމާ ގުޅޭ ތަފާސް ހިސާބަކީ ނަޝީދު ވިދާޅުވި ގޮތުުގައި ސިޔާސީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ވަރަށް މުހިއްމު އެއްޗެކެވެ. އަދި އެކި ކަންކަމާ ގުޅޭ ތަފާސް ހިސާބުތައް ވަރަށް ގާތުން ބައްލަވާ ކަމަށާއި އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް އާ ކަންތައްތައް ދަސްކުރައްވަން މަސައްކަތްކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ތަފާސް ހިސާބުތައް ބަލަހައްޓާ ސްޓެޓިސްޓިކަލް ބިއުރޯ އޮފް މޯލްޑިވްސް ގާނޫނަކުން ބާރުވެރިކުރުވުމަށްޓަކައި އެކަމާ ގުޅޭ ބިލެއް މިހާރު ވަނީ މަޖިލިހަށް ހުށަހަޅައިފަ އެވެ. އެ ބިލް ފާސްވެ ގާނޫނަކަށް ވާނ ކަމަށް އުންމީދުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ޕްލޭނިން މިނސްޓަރު މުހައްމަދު އަސްލަމް ވެސް ވިދާޅުވީ ކޮވިޑާ ހެދި ކުރިމަތިވެފައިވާ ބަލިމަޑުކަން ކޮންޓްރޯލްކުރަން ސިއްހީ މަސައްކަތްތެރިން އަންނަނީ ތަފާސް ހިސާބުތައް ވަރަށް ބޮޑަށް ބޭނުންކުރަމުން ކަމަށެވެ. ހެލްތު މިނިސްޓްރީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެން ހުންނެވި އަސްލަމް ވިދާޅުވި ގޮތުގައި، އޭގެ ތެރޭގައި ބަލީގެ ދެވަނަ ރާޅެއް އަތުވެދާނެކަން ލަފާކުރުމާއި އެކަމާ ގުޅިގެން އަޅާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަނޑައެޅުން ވެސް ހިމެނެ އެވެ.
މިނިސްޓަރު ވަނީ 2022 ވަނަ އަހަރު ރާއްޖޭގައި ބޯހިމަނަނާނެކަން ވެސް މި ރަސްމިއްޔާތުގައި ފާހަގަކުރައްވައިފަ އެވެ.
ދުނިޔޭގެ ތަފާސް ހިސާބުގެ ދުވަސް ފާހަގަކުރަން ފެށީ މީގެ 20 އަހަރު ކުރިން، 2010 ގަ އެވެ. ސަރުކާރުން މިހާރު ވަނީ މިއަދަކީ ރާއްޖޭގެ ގައުމީ ތަފާސް ހިސާބު ދުވަސް ކަމަށް ކަނޑައަޅާފަ އެވެ. އަދި ކޮންމެ ފަސް އަހަރަކުން މި ދުވަސް ފާހަގަކުރާނެ އެވެ.