20 އޮކްޓޯބަރ 2020 - 12:18

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ދައުވާ ނުކުރަން ނިންމި ވެންޓިލޭޓަރުގެ މައްސަލައިގައި ފުލުހުންނާ އެކު މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19ގެ ފަރުވާ އަށް 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި އަމަލުކޮށްފައިވާ ގޮތް ތަހުގީގުކޮށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާ އެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދުނު މައްސަލަ ޕީޖީން މިއަދު ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
އޭސީސީގެ ރައީސް ޝިއުނާ "މިހާރު" އަށް ވިދާޅުވީ، ވެންޓިލޭޓަރުގެ މައްސަލައަކީ ފުލުހުންނާ އެކު ހިންގި ޖޮއިންޓް އިންވެސްޓިގޭޝަނަކަށް ވާތީ ދެން ކުރިއަށް ދާނެ ގޮތެއް ނިންމާނީ މަޝްވަރާ އަށް ފަހު ކަމަށެވެ.
މަގާމުގެ ނުފޫޒުން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ކަމުގެ ތުހުމަތާ އެކު ދައުވާކޮށްދޭން އޭސީސީން އެދުނު މައްސަލަ އަނބުރާ ފޮނުވި ސަބަބެއް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އަދި ނުބުނެ އެވެ. އެ މައްސަލައަކީ ތަހުގީގު ޓީމުން، މިހާތަނަށް ބެލި ބޮޑު އެއް މައްސަލަކަން ވެސް އޭސީސީން ވަނީ ބުނެފަ އެވެ.
ދައުވާ ނުކުރަން ނިންމީ، އޭސީސީގެ ތަހުގީގުގެ ފެންވަރު ނެތުން ކަމަށް ބުނެ އެ ކޮމިޝަނަށް، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. ތަހުގީގު ލަސްވާ ކަމަށާއި ކޮރަޕްޝަނެއް ނުފެންނަނީތޯ ސުވާލު އުފެއްދުމަށް ފަހު، މައްސަލައިގައި ދައުވާ ނުކުރަން ނިންމީ އެކަށީގެންވާ ހެކި ނެތުމުން ކަމަށް ވެސް ދަނީ ތުހުމަތު ކުރަމުންނެވެ.
އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ޝިއުނާ ވިދާޅުވެފައި ވަނީ ހެއްކާއި ބަޔާންތަކަށް ބަލާއިރު، ވެންޓިލޭޓަރު ކޭސްގައި ދައުވާ އުފުލޭނެ ވަރަށް ތަހުގީގު ކުރެވުނު ކަމާ މެދު އެ ކޮމިޝަނަށް ޔަގީންކަން އޮތް ކަމަށެވެ. ކޮމިޝަނުން ބުނެފައި ވަނީ އެ ތަހުގީގަށް އަށް އިދާރާއަކުން މައުލޫމާތު ހޯދައި 1،600 ޑޮކިއުމެންޓާއި 500 އީމެއިލް ބެކަޕް ތަހުގީގު ޓީމުން ދިރާސާކޮށް އެނަލައިޒްކޮށްފައިވާ ކަމަށެވެ. ތަހުގީގަށް 36 މީހެއްގެ ބަޔާން ނަގާފައިވާ ކަަމަށް ވެސް އޭސީސީން ބުންޏެވެ.
ތަހުގީގު އަނބުރާ ފޮނުވާލީ އެކަށީގެންވާ ހެކި ނެތިގެން ނުވަތަ ތަހުގީގުގެ ފެންވަރު ދަށްވެގެންތޯ "މިހާރު"ން ސުވާލު ދެންނެވުމުން ޝިއުނާ ވިދާޅުވީ، ކޮމިޝަންގެ ތަހުގީގު ޓީމުގެ ގާބިލުކަމާ މެދު ޝައްކެއް ނުކުރައްވާ ކަމަށެވެ. އޭސީސީގައި އޮތް ތަހުގީގު ޓީމުން، ކޮރަޕްޝަން މައްސަލަތައް މީގެ ކުރިން ވެސް ތަހުގީގުކޮށް، ދައުވާ ކޮށްދޭން އެދުނު ބައެއް މައްސަލަތަކުގައި ދައުވާ އުފުލާފައިވާ ކަން ފާހަގަކުރެއްވި އެވެ.
ދައުވާ ނުއުފުލާ ކޮންމެ ފަހަރަކު ތަހުގީގީ އިދާރާގެ ފެންވަރާ މެދު ސުވާލު އުފެއްދުމަކީ އޮންނަންވީ ގޮތް ކަމަކަށް ޝިއުނާ ގަބޫލެއް ނުކުރައްވަ އެވެ.
މަޖިލީހުގެ ކޮމިޓީގައި، އޭސީސީ އާއި ޕީޖީގެ ދައުރު މަސްހުނިކޮށް، މެމްބަރުންގެ ސުވާލު އަމާޒުވުމުން، އޭސީސީގެ މެމްބަރުން ވަނީ ތަހުގީގު ކުރުމާއި ދައުވާ އުފުލުން އެއީ މުޅިން ދެ މަރުހަލާއެއްކަން ކޮމިޓީގެ މެމްބަރުންނަށް ވެސް ތަފްސީލު ކޮށްދެއްވައިފަ އެވެ.
ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ އުފުލަން އޭސީސީން އެދުނީ ޑިއުޓީ ޕްރޮސިކިއުޝަންގެ ދެ ބައްދަލުވުމެއް ބޭއްވުމަށް ފަހު އެވެ. އެ ބައްދަލުވުމުގައި، އިސްލާހު ކުރަން އެދުނު ބައެއް ކަންކަން ރަނގަޅު ވެސް ކުރި ކަމަށް މަޖިލީހުގެ ކޮމިޓީގައި މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
ވެންޓިލޭޓަރު ކޭސްގައި ދައުވާނުކުރަން ޕީޖީ އޮފީހުން ނިންމިއިރު، އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ގޯސްތައް ހިނގި ކަން ފުލުހުންނާއި އޭސީސީގެ ތަހުގީގު ރިޕޯޓުގައި ވެސް ހިމަނާފައިވެ އެވެ.
އޭގެ ތެރޭގައި، ވެންޓިލޭޓަރު ހޯދަން ގާބިލް ކުންފުންޏެއްތޯ ނުބަލައި ހަވާލުކުރުމާއި އެއްބަސްވުމެއް ނެތީސް މަސައްކަތް ކުރިއަށް ގެންދަން އެ ކުންފުންޏަށް އެންގުމާއި އެއްބަސްވުމެއް ނެތި އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓް، 30 މިލިއަން ރުފިޔާ ދިނުން ހިމެނެ އެވެ. އެޑްވާންސް ފައިސާ ދެއްކީ އޭސީސީން ބުނެފައިވާ ގޮތުގައި، އެގްޒެކިއުޓާސް އިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ނުލިބެނީސް އެ ތަކެތި ލިބިފައިވާ ކަމަށް ސެޕް ސިސްޓަމުން "ގުޑްސް ރިސީވްޑް" ކަމަށް ދައްކައިގެންނެވެ. އޭރު އެގްޒެކިއުޓާސްއާ އެކު އެއްބަސްވުމުގައި ސޮއެއް ވެސް ނުކުރެ އެވެ.
އެގްޒެކިއުޓާސްއާ އެކު ސޮއިކުރީ، އެޕްރީލް، 2 ގައި ކަމަށް ހެލްތު މިނިސްޓްރީގެ ލިޔުންތަކުގައި ވިޔަސް ފައިނަލް އެއްބަސްވުމުގައި އެގްޒެކިއުޓާސް އިން ސޮއިކޮށް ހެލްތަށް ފޮނުވީ، އެޕްރީލް، 16، 2020 ގައި ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ.