މެގުއާ އަނިޔާގައި ހުރުމުން ކެޕްޓަން ބޭންޑް ފެނާންޑޭސް އަށް
މެގުއާ އަނިޔާގައި ހުރުމުން ކެޕްޓަން ބޭންޑް ފެނާންޑޭސް އަށް

ޕެރިސް (އޮކްޓޫބަރު 20) - ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން ކެޕްޓަން ހެރީ މެގުއާ ނުކުޅޭތީ މިރޭ އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅާނީ ބްރޫނޯ ފެނާންޑޭސް އެވެ.

މި އަހަރު ޖެނުއަރީ މަހު ޔުނައިޓެޑާ ގުޅުމަށް ފަހު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕޯޗުގީސް ތަރި ފެނާންޑޭސް ވަނީ ސްޕޯޓިން ލިޒްބަންގެ ކެޕްޓަން ބޭންޑް އަޅައިގެން ތަފާތު ދައްކައިފަ އެވެ. ފެނާންޑޭސްގެ ކިބައިގައި ކެޕްޓަނެއްގެ ކޮލިޓީ ހުރި ކަމަށް މީގެ ކުރިން ސޯލްޝެއާ ވަނީ ބުނެފަ އެވެ. ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސޯލްޝެއާ ބުނީ ފެނާންޑޭސް އަށް ކެޕްޓަން ބޭންޑް ދިނީ އެއީ މި ވަގުތަށް ޓީމަށް އެންމެ ރަނގަޅު ނިންމުން ކަމަށްވާތީ އެވެ.

ފެނާންޑޭސް ބުނީ ޔުނައިޓެޑްގެ ކެޕްޓަންކަން ކުރުމަކީ ލިބޭ ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށާއި ބޭނުންވަނީ ޓީމުގެ އެހެން ކުޅުންތެރިންނަށް މިސާލެއް ދައްކައި ސަޕޯޓަރުން ބޭނުންވާ ފަދަ ލެވަލަކަށް ކްލަބް ގެންދިއުމަށް ކަމަށާއި ކެޕްޓަން ބޭންޑް އަޅައިގެން ކުޅޭއިރު އެ ޒިންމާ ބޮޑުވާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ލީގުގައި މި މަހު ކުރީކޮޅު ޔުނައިޓެޑް އަމިއްލަ ދަނޑުގައި 6-1 އިން ޓޮޓެންހަމް އަތުން ބަލިވި މެޗުގެ ހާފް ޓައިމްގައި ޗޭންޖިން ރޫމުގެ ތެރޭގައި މެގުއާ އާއި ފެނާންޑޭސްއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ. ފެނާންޑޭސް ހިތްހަމަނުޖެހުނީ މެގުއާގެ ފަރާތުން އެ ދުވަހު ކެޕްޓަންގެ ފަރާތުން ފެންނަން ޖެހޭ ލީޑަރެއްގެ ރޯލު ނުފެނުމުންނެވެ. އެ މައްސަލަ ގޯސްވެދާނެތީ ޔުނައިޓެޑުން ވަނީ ދެ ވަނަ ހާފް ފެށުމުގެ ކުރިން ފެނާންޑޭސް ބަދަލުކޮށްފަ އެވެ.

ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިން ވަނީ ޓީމުގެ ކެޕްޓަން ބޭންޑް ދިނުމުގައި ސޯލްޝެއާ ގެންގުޅޭ އުސޫލަށް ފާޑުކިޔައިފަ އެވެ. އެ ގޮތުން ބައެއް ކުޅުންތެރިންގެ ނަޒަރުގައި ޓީމަށް ގިނަ ދުވަހު ކުޅުނު ސީނިއާ ކުޅުންތެރިން ތިއްބާ ފަހުން ގުޅުނު ކުޅުންތެރިންނާ ކެޕްޓަން ބޭންޑް ހަވާލުކުރުމަކީ މުޅި ޓީމުގެ ރޫހަށް އަސަރުކުރާނެ ކަމެކެވެ.

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވި މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން މެގުއާ ކުޅުމާ ދުރަށް ދާން ޖެހުނުއިރު، ލީގުގައި ހޮނިހިރު ދުވަހުގެރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަށް މެގުއާ ފިޓްވާނެކަން ޔަގީނެއް ނޫނެވެ.

ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގައި ދާދި ފަހުން ޔުނައިޓެޑާ ގުޅުނު އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ކުޅޭނެކަމަށް ކުރިން ބެލެވުނު ނަމަވެސް މި މެޗަށް އަދި އޭނާ ފިޓެއް ނޫނެވެ. ޕީއެސްޖީ އަށް ވެސް އަނިޔާގެ މައްސަލަ ދިމާވެ މައުރޯ އިކާޑީ އާއި މާކޯ ވެރާޓީ އަދި ލެއަންޑްރޯ ޕަރޭޑެސް ފަދަ ކުޅުންތެރިންނަށް މި މެޗު ގެއްލޭނެ އެވެ.

މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ޔުނައިޓެޑުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނުއިރު ވަނީ މުބާރާތުގެ ނޮކައުޓް ބުރުން ސޯލްޝެއާގެ ކޯޗުކަމުގައި ޕީއެސްޖީ ކަޓުވާލައިފަ އެވެ. ފުރަތަމަ ލެގުގައި ޔުނައިޓެޑް ދަނޑުގައި ބަލިވި ނަމަވެސް ޕީއެސްޖީ ދަނޑުގައި ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. ސޯލްޝެއާ ބުނީ އެއީ މާޒީ ކަމަށާއި އޭގެ އިން މި ވަގުތަށް ލިބޭނީ ހަމައެކަނި ހިތްހަމަޖެހުމެއް ކަމަށެވެ.

ޕީއެސްޖީ ދަނޑުގައި މިރޭ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.